އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ރަށުން ބޭރުގައި 2-0 އިން އުދިނޭޒީ ބަލިކޮށް ޔުވެންޓަސް އިން އެ ޓީމުގެ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފިއެވެ.
ޔުވެންޓަސް އިން އެޓީމު މޮޅުވުމުގެ ރެކޯޑް ދަމަހައްޓާފައިވާއިރު، މިވަގުތު މައްސަލަ ގަނޑެއްގެ ތެރޭގައި އުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ލަނޑެއް ޖަހާފައެވެ.
ޔުވެންޓަސް ލީގުގެ އެއް ވަނައިގައި އޮތީ ކުޅުނު 8 މެޗުންވެސް މޮޅުވެ 24 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނަޕޯލީ އަށް 7 މެޗުން 15 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތީ ރޭ އެމްޕޮލީ އަތުން 2-0 އިން މޮޅުވީ ރޯމާ އެވެ. ރޯމާ އަށް ވަނީ 8 މެޗުން 14 ޕޮއިންޓް ލިބިފަ އެވެ.
މެޗުގައި ޔުވެންޓަސްއަށް ލީޑުނަގައިދިނީ މެޗުގެ 33 ވަނަ މިނިޓްގައި އުރުގުއާއީގެ ޒުވާން މިޑްފީލްޑަރު ރޮޑްރީގޯ ބެންޓަންކޫރު އެވެ. އޭގެ ހަތަރު މިނިޓް ފަހުން ރޮނާލްޑޯ ޔުވެންޓަސްގެ ދެ ވަނަ ލަނޑު ޖެހީ މާރިއޯ މަންޒުކިޗް ދިން ބޯޅަ އަކުންނެވެ.
ދެ ވަނަ ހާފުގައި ޔުވެންޓަސް އިން އިތުރު ލަނޑެއް ޖަހަން ރޮނާލްޑޯ އާއި މަންޒުކިޗް ފޮނުވާލި ބޯޅަތައް އުދިނޭޒީ ކީޕަރު ސިމޯނޭ ސްކުފޭ ވަނީ މަތަކޮށްފަ އެވެ.
ދަނޑު ބޭރުން ރޮނާލްޑޯއާ ގުޅުވައިގެން ގިނަ ކަންތައްތަކެއް ހިނގި ނަމަވެސް ރޭގެ މެޗުގައި އޭނާގެ ފަރާތުން ފެނުނު ޕްރޮފެޝަނަލް ކަމަށް ޔުވެންޓަސްގެ ކޯޗު މަސިމޯ އަލެގްރީ ވަނީ ތައުރީފް ކޮށްފަ އެވެ.
ރޭގެ މެޗަށް ފަހު ރޮނާލްޑޯ އަށް ހިތްވަރު ދިނުމުގެ ގޮތުން ޔުވެންޓަސް ސަޕޯޓަރުން ވަނީ މެޗަށް ފަހު އޭނާ އަށް ހާއްސަ ތަރުހީބެއް ދީފަ އެވެ.
މި މެޗަށް ރޮނާލްޑޯ ނުކުތްއިރު، ދާދި ފަހުން އެމެރިކާގެ ފުލުހުން ވަނީ، ރޮނާލްޑޯގެ މައްޗަށް އެމެރިކާގެ ކުރީގެ މޮޑެލް ކެތަރިން މަޔޯގާ ކުރި ރޭޕުގެ ތުހުމަތުގެ ތަހުގީގު އަލުން ފަށާފައިވާ ކަމަށް ބުނެފަ އެވެ.