ފަހު ވަގުތު މަނޫ ގާސިއާ ވައްދާލި ގޯލާ އެކު ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ޑިޕޯޓިވޯ އަލަވެސް 1-0 އިން ގަދަފަދަ ރެއާލް މެޑްރިޑް ބަލިކުރުމާ އެކު އެޓީމުގެ ކޯޗު ހުލެން ލޮޕެޓީގްގެ މުސްތަގުބަލާ މެދު ސުވާލު އުފެދިއްޖެއެވެ.
ހޮނިހިރު ދުވަހުގެ ރޭގެ މެޗުން ބަލިވުމާއެކު ރެއާލަށް މޮޅެއް ނުލިބި ހަތަރު މެޗު ހަމަވީއެވެ. ސްޕެނިޝް ލީގުގައި ސެވިއްޔާ އާއި އަލަވެސް އަތުން ބަލިވެ އެތުލެޓިކޯ މެޑްރިޑާ އެއްވަރުވިއިރު ޗެމްޕިއަންސް ލީގުގައި ރަޝިއާގެ ސީއެސްކޭއޭ މޮސްކޯ އަތުން ވެސް މެޑްރިޑް ވަނީ 1-0 އިން ބަލިވެފަ އެވެ.
މި މޮޅާ އެކު އަލަވެސް އޮތީ ބާސެލޯނާ އާއި ރެއާލް މެޑްރިޑާ އެއްވަރަށް، 14 ޕޮއިންޓް ހޯދައި ލަނޑުގެ ތަފާތުން ތިން ވަނައިގަ އެވެ.
އެއް ވަނައިގައި ބާސެލޯނާ އޮތްއިރު މެޑްރިޑް އޮތީ ދެ ވަނައިގަ އެވެ. ބާސެލޯނާ އަށް މިރޭ ވެލެންސިއާ އަތުން މޮޅުވެ އެއް ވަނައިގައި ލީޑު ފުޅާކުރަން މި ވަނީ ފުރުސަތު ލިބިފަ އެވެ.
ދަނޑުގައި ކުޅުނު މެޗުގެ އިތުރު ވަގުތުގެ ފަސް ވަނަ މިނެޓުގައި ގާސިއާ ބޮލުން ވައްދާލި ގޯލާ އެކު އެ ޓީމު ހޯދި މި މޮޅަކީ ލީގުގައި ރެއާލް މެޑްރިޑް އަތުން 1931 ގެ ފަހުން މޮޅުވި ފުރަތަމަ ފަހަރެވެ.
މިދިޔަ ތިން އަހަރު މެޑްރިޑަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ޒައިނުއްދީން ޒިދާނާއި މިދިޔަ އަށެއްކަ އަހަރު އެތައް ގޯލްތަކެއް ޖަހައިދިން ކްރިސްޓިއާނޯ ރޮނާލްޑޯ ނެތްތަން ދައްކާ ކަމަށް ބައެއް ސަޕޯޓަރުން ދެކެ އެވެ.