ރާއްޖޭގެ އެންމެ މޮޅު އެއް ބާސްކެޓްބޯޅަ ކުޅުންތެރިއާ އިބްރާހިމް ރަޝްވާން (ޗިކު) ގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާތައް ރަނގަޅު ކުރުމަށް އޮޕަރޭޝަންކޮށްފިއެވެ.
ސްރީ ލަންކާގައި އޮގަސްޓް މަހު ބޭއްވި ތްރީއޮންތްރީ މުބާރާތެއްގައި މޮންސްޓާސް ބާސްކެޓް ޓީމަށް ކުޅެނިކޮށް ޗިކުގެ ކަނާތު ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން، ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައިވަނީ ބެންކޮކްގައެވެ.
ލަންކާގައި ލިބުނު އަނިޔާގައި ޗިކޫގެ ކަކުލުގެ އެންޓީރިއާ ކްރުޝުއޭޓް ލިގަމެންޓް އެއްކޮށް ކަނޑައިގެން ދިޔައިރު މެނިސްކަސް އިން ބައެއް ވަނީ އިރައިގެން ގޮސްފައެވެ.
ޗިކޫގެ ފޭސްބުކް ޕޭޖްގައި އޭނާ ޝެއާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ހުރިހާ ކަމެއްވެސް ދަނީ ރަނގަޅަށް ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް، ކުރިއަށްވުރެ ބޮޑަށް ރަނގަޅުވާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
އޮޕަރޭޝަނަށްފަހު ފިޒިއޯތެރެޕީބައި ކުރިއަށް ގެންދިޔުމަށް ޗިކޫ ނިންމާފައިވަނީ ރާއްޖެގައެވެ. ނަމަވެސް އަދި ރާއްޖެ އާދެވޭނީ ހަފްތާއެއްވަރު ފަހުން ކަމަށް ޗިކޫ ބުނެފައިވެއެވެ.
ޗިކޫ ބުނީ ގިނަ ދުވަސްތަކަށް ކުޅުމާއި ދުރަށްދާން ޖެހުމުން ވަރަށް ދެރަވާ ކަމަށާއި އެހެން ނަމަވެސް ސަޕޯޓަރުންނަށް ބުނެލަން ބޭނުންވަނީ ކުރިޔަށް ވުރެން މޮޅު ކުޅުންތެރިއެއްގެ ގޮތުގައި އެނބުރި އައުން ކަމަށެވެ.
ޗިކޫއަށް ލިބިފައިވާ އަނިޔާގެ ސަބަބުން މަދުވެގެން ފަހެއް ނުވަތަ ހަމަހެއްހާ ދުވަހު ކުޅުމާއި ދުރުގައި ހުންނަންޖެހޭނެއެވެ. މި އަނިޔާގެ ސަބަބުން 2019 ވަނަ އަހަރުގެ މާޗު މަހު އޮންނަ ސައުތު އޭޝިއަން ގޭމްސްގައި ކުޅުމުގެ ފުރުސަތު ޗިކޫއަށް ގެއްލުމަކި އެކަށީގެންވާ ކަމެކެވެ. އެހެން ނަމަވެސް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަނިޔާ ރަނގަޅުވާނެ ކަމަށް ބެލެވެ އެވެ.
ސްރީ ލަންކާގައި 2011 ވަނަ އަހަރު އޮތް ސްކޫލް ބާސްކެޓްބޯޅަ މުބާރާތެއްގެ ޗެމްޕިއަންކަން ރާއްޖޭގެ ޖޫނިއާ ޓީމު ހޯދިއިރު އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާ މަގާމް ހޯދި ޗިކޫ އަކީ ރާއްޖޭގައި މި ވަގުތު ކުރި އެންމެ ހުނަރުވެރި ކުޅުންތެރިޔާ އެވެ.
ޗިކޫ ވަނީ މި އަހަރުގެ އެމްބީއޭ ޗެމްޕިއަންޝިޕް މެޗެއްގައި 110 ޕޮއިންޓް ހޯދައި އެއް މެޗެއްގައި އެންމެ ގިނަ ޕޮއިންޓް ކާމިޔާބުކުރި ކުޅުންތެރިއާގެ ރެކޯޑް ހަދައިފަ އެވެ.