މި ސީޒަންގެ ބާކީ އޮތް ބައިގައި މާލީ ގޮތުން ބޮއްސުންލައިގެން ގޮސް ބޮޑު އަޑިގަނޑަކަށް ވެއްޓުނު، ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ކޯޗެއްގެ ގޮތުގައި ހުންނާނީ މުހައްމަދު ނަޒީހު ކަމަށް އެކުލަބުން ބުނެފިއެވެ.
އެގޮތުން ނަޒީހު ކޯޗަކަށް ހަމަޖައްސައި އާދިއްތަ ދުވަހު ޕްރެކްޓިސްވަނީ ފަށާފައެވެ. މީގެ ދެ މަހެއްހާ ކުރިން ދިރާގު ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލި ފަހުން އެ ޓީމުން ޕްރެކްޓިހެއް ނުކުރެ އެވެ.
މެދު ކެނޑުމަކަށްފަހު ސީޒަން ފެށުމަށްފަހު ވިކްޓަރީން ކުޅުނު ފުރަތަމަ މެޗަށް ނުކުތީ ޕްރެކްޓިސް ނުކޮށެވެ. އަދި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް މިދިޔަ ހަފުތާގައި ކުޅެން އެ ޓީމު ހާޒިރުނުވި މައްސަލަ އެފްއޭއެމުން އަންނަނީ ބަލަމުންނެވެ.
ވިކްޓަރީގެ އޮފިޝަލަކު ބުނި ގޮތުގައި ވިކްޓަރީގެ ލީގުގައި ހޯމަ ދުވަހުގެ ހަވީރު ނިއު ރޭޑިއަންޓާ ދެކޮޅަށް ވިކްޓަރީ ނުކުންނާނެ ކަމަށެވެ.
ސީޒަންގެ ބާކީ އޮތް ބައިގައި ވިކްޓަރީގެ ކޯޗަކަށް ނަޒީހު ހަމަޖެއްސީ މިހާރު އެކުލަބު އޮތް ހާލަތުން ސަލާމަތް ކުރުމަށެވެ. ނަޒީހުގެ އިތުރުން އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި އަހްމަދު ނިޔާޒު (ނިއާ) ވެސް ހަރަކާތްތެރި ވާނެއެވެ.
ނަޒީހް ބުނީ، އޭނާ ވިކްޓަރީއާ ހަވާލުވީ މިހާރު އޮތް ހާލަތުން ވިކްޓަރީ ނަގައިދިނުމަށް ކަމަށާއި ސީޒަންގެ ބާކީ އޮތް ބައި ސަލާމަތް ކުރަން ބޭނުންވާ ކަމަށެވެ.
ނަޒީހު ބުނީ ވިކްޓަރީއާ ހަވާލުވީ ބޮޑު އުޖޫރައަކަށް ނޫން ކަމަށާއި އޭނާވެސް ލޯބިވާ ކުލަބަށް ވުމުން ޓީމުގެ ސަލާމަތްކޮށް ދިނުމުގެ ބޭނުމުގައި ކަމަށެވެ.
ކުރިން ވިކްޓަރީއަށް ކުޅުނު އަދި އެޓީމުން ހޯދި ބައެއް ކާމިޔާބީތަކުގައި ހިއްސާވެފައިވާ މިޑްފީލްޑަރު އަދި ކުރިން އެ ޓީމުގެ ކޯޗުކަން ވެސް ކުރި ނަޒީހު ބުނީ ވިކްޓަރީ މިހާލަތަށް ވެއްޓިގެން ދާ މަންޒަރު ބަލާކަށް ކެތެއް ނުވި ކަމަށެވެ.
ނަޒީހު ބުނީ ވިކްޓަރީގެ ލެޖެންޑުންގެ ނަމުގައި ބައިވަރު މީހުން ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުން އަންނަ ކަމަށާއި ނަމަވެސް ކުލަބު ހާލުގައި ޖެހުނު ދުވަހު އެހީތެރިވާން އެ ފަރާތްތަކުން ބޭނުން ނުވާ ކަމަށެވެ.
ވިކްޓަރީއަށް ކުރިމަތިވި މާލީ މައްސަލަތަކާ ހުރެ، ކުލަބުގެ ކުޅުންތެރިންނަށް މުސާރަ ނުދޭތާ މިހާރު ވަނީ ހަތަރު މަސް ހޭދަ ވެފަ އެވެ. ނަމަވެސް މުސާރަ ނުދިނަސް ކުޅުންތެރިން ތިބީ މެޗު ކުޅެން ތައްޔާރުގައިއެވެ.
ކުޅުންތެރިން ބޭނުންވި ނަމަވެސް ޓީސީ މެޗު ނުކުޅެން ނިންމީ ކްލަބް ހިންގަން ތިބި އެކްޓިވް ބައެއް ބޯޑު މެމްބަރުންގެ އެންގުމަށެވެ.
ވިކްޓަރީން އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ނަޒީހު ކޯޗަކަށް ހަމަޖެއްސީ ކުރިން އެ މަގާމުގައި ހުރި ލާސްލޯ ކިސް ފުރައިގެން ދިއުމުންނެވެ. އޭނާ ދިޔައީ މުސާރަ ނުދޭތީ އާއި ޕްރެކްޓިސް ވެސް ނުފަށާތީ ކަމަށް އެނގިފައިވެ އެވެ.