މާލީ ގޮންޖެހުންތަކުގެ ސަބަބުން އިންތިހާއަށް ހާލަތު ގޯސްވެފައިވާ ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ޗެއާމަން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލާއި ވައިސް ޗެއާމަން، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް އިސްތިއުފާ ދެއްވައިފި އެވެ.
ވިކްޓަރީ ވަނީ އެންމެފަހުން އެ ކުލަބު ކުޅެން އޮތް މެޗަށް ހާޒިރުނުވެފައެވެ. މަޖްލީހުގެ ދެ މެންބަރުން އިސްތިއުފާ ދެއްވާފައި މިވަނީ ކްލަބް އަލުން ހަމަމަގަށް އެޅުވުމަށް ކްލަބުގެ އިސް ބައެއް މެމްބަރުންތަކެއް މަސައްކަތްތަކެއް ކުރަމުން އަންނަނިކޮށެވެ.
މީގެ ދެ މަހެއްހާ ކުރިން ދިރާގު ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލި ފަހުން އެ ޓީމުން ޕްރެކްޓިހެއް ނުކުރެ އެވެ.
ކްލަބުން އިސްތިއުފާ ދެއްވި މުހައްމަދު އިސްމާއިލާއި އަލީ އާރިފް އެ ކްލަބުގެ މަގާމްތަކަށް އިންތިހާބުވީ މިދިޔަ މާޗް މަހު ބޭއްވި ވިކްޓަރީގެ އިންތިހާބުގަ އެވެ.
ކްލަބް ހަމަމަގަށް އެޅުވުމުގެ ވައުދުތަކެއް މުހައްމަދު އިސްމާއިލާއި އަލީ އާރިފް ވީނަމަވެސް ޓީމު ތެރޭގައި ޖެހިފައިވާ ގިނަ މައްސަލަތަކަށް އޮތީ ހައްލެއް ނުލިބި އެވެ.
ކްލަބް މިވަގުތު ހިންގުމުގައި އިސްކޮށް އުޅޭނީ ވައިސް ޗެއާމަން އިބްރާހިމް ނަޒީމެވެ. އޭނާ ވިދާޅުވީ ކްލަބް މި ހާލަތުގައި އޮއްވާ ކްލަބް ދޫކޮށްލާފައި ދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭ ކަމަށެވެ.
ގަލޮޅަށް ނިސްބަތްވާ ވިކްޓަރީ 1972 ވަނަ އަހަރު އުފެދުނީއްސުރެ 2012 ވަނަ އަހަރާ ހަމަޔަށް އެއީ ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ އެއް ބާރެވެ.
ގައުމީ ތަށި މިލްކުރުމުގެ ޝަރަފް އެންމެ ފުރަތަމަ ހޯދި ވިކްޓަރީ އަކީ ނިއު އަށް ފަހު ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބެވެ.
ވިކްޓަރީ 2012 ވަނަ އަހަރު އަޑިއަޅާލި ފަހުން އެކަށީގެންވާ ކާމިޔާބެއް ނުހޯދެ އެވެ. ކްލަބް ހިންގުމުގައި ގިނަ މައްސަލަތަކެއް ކުރިމަތިވެގެންދިޔައިރު، އެކަމުގެ ސަބަބުން ކްލަބަށް ނޭދެވޭ އަސަރުތަކެއް އަންނަނީ ކުރަމުންނެވެ.
ވިކްޓަރީއަށް ބޮޑެތި މައްސަލަތަކެއް ދިމާވެގެން އުޅޭއިރު، ހަމަ މިފަދަ މައްސަލަތަކެއް ދިމާވުމުން ދިވެހި ފުޓްބޯޅައިގެ ބޮޑުބާރެއް ކަމަށް ކުލަބު ވެލެންސިއާވެސް ވަނީ ދެ ވަނަ ޑިވިޒަނަށް ރެލިގޭޓްވެފައެވެ.