ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗުން ބ. ފެހެންދޫ ހޯދި މުހިއްމު މޮޅާ އެކު ލީގުގެ ދެ ވަނަ ބުރުގެ ފުރުސަތު ފ. ނިލަންދޫ އިން ބޮޑުކޮށްފި އެވެ.
މިމޮޅާއެކު ނިލަންދޫވަނީ ޓޭބަލްގެ ހަތްވަނައަށް ޖެހިލާފައެވެ. ލީގުގެ ދެ ވަނަ ބުރުގައި ވާދަކުރާނީ ގަދަ އަށް ޓީމެވެ. ނިލަންދޫއަށޑް ހަތް މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، އަށް ވަނައިގައި އޮތް ވިކްޓަރީ އަށް ހަ މެޗުން ފަސް ޕޮއިންޓް ވަނީ ލިބިފަ އެވެ.
ފެންދޫ އަތުން ނިލަންދޫ މޮޅުވީ 1-3 އިންނެވެ. ލީގުގައި ފެހެންދޫ އާއި ނިލަންދޫ އަށް މި ބުރުގައި ބާކީ އޮތީ ދެ މެޗެވެ. ނިލަންދޫ ކުޅޭނީ ނިއު ރޭޑިއަންޓާއި އީގަލްސްއާ އެވެ. ފެހެންދޫ ބައްދަލުކުރާނީ އީގަލްސް އާއި މާޒިޔާއާ އެވެ.
ފެހެންދޫއާ ނިލަންދޫގެ މެޗު ފަށާފައިވަނީ ވިއްސާރަ ވުމުގެ ސަބަބުން ތާވަލުކުރެވިފައިވާ ގަނޑިއަށްވުރެ 30 މިނެޓު ފަހުންނެވެ.
ނިލަންދޫ އަށް ލީޑުނަގައިދިނީ މެޗުގެ 33 ވަނަ މިނިޓްގައި އިބްރާހިމް ފުރުގާން (ފުގޭ) އެވެ. ފެހެންދޫ އިން ވަނީ ދެ ވަނަ ހާފުގެ ކުޅުން ފެށިތާ ދެ ވަނަ މިނިޓް ތެރޭ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގެ 47 ވަނަ މިނިޓްގައި މި ލަނޑު ޖެހީ އިބްރާހިމް މާޖިދު އެވެ.
މެޗުގެ 53 ވަނަ މިނިޓްގައި ނިލަންދޫން އަލުން ލީޑު ނެގީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިއާ ލަމްޓޭ ސެމިއުލް ޖެހި ގޯލުންނެވެ.
ދެ ވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކުރަން ފެހެންދޫގެ އާދަމް ނިޒާމް (ކިތުނާ) އަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާ އަށް ނުހިފުނެވެ.
ނިލަންދޫ އަށް މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު މެޗުގެ އިތުރުވަގުތުގައި ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަހުމަދު ޝާން އެވެ.
ނިލަންދޫ ޓީމުގެ ކޯޗު އާދަމް އަބްދުއްލަތީފް (ލައްޗޭ) ބުނީ މެޗަށް ނުކުތީ ތިން ޕޮއިންޓް ހޯދުމަށް ވަރަށް ބޮޑަށް ޓާގެޓްކޮށްގެންކަމަށާއި ކުޅުންތެރިންގެ ބުރަ މަސައްކަތާ އެކު އެކަން ހާސިލްކުރެވުމުން ވަރަށް ހިތްހަަމަ ޖެހޭ ކަމަށެވެ.
ފެހެންދޫ ޓީމުގެ މެނޭޖަރު މޫސާ ނަސީމް ބުނީ މި މެޗަށް އައީ ވަރަށް އުނދަގޫ ހާލަތެއްގައި އޮވެފައި ކަމަށާއި މޫސުން ހުރި ގޮތުން ކަޑުމަގުން އާދެވޭ ގޮތް ނުވުމުން ޖެނުނީ ބ. ދަރަވަންދޫ އަށް ގޮސް ފްލައިޓުން މާލެ އަންނަން ކަމަށެވެ.