ކ. މާލެ
|
7 އޮކްޓޯބަރ 2018 | އާދީއްތަ 15:31
އީގަލްސް ފޯކައިދޫގެ މެޗުގެ ތެރެއިން
އީގަލްސް ފޯކައިދޫގެ މެޗުގެ ތެރެއިން
އިމޭޖަސް.އެމްވީ
ދިރާގު ދިވެހި ޕްރިމިއަރ ލީގު
ފޯކައިދޫ ބަލިކޮށް އީގަލްސް ދެވަނައަށް
މިމެޗުގައި ރިޒޭވަނީ ހެޓްރިކެއް ހަދާފައި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި  ހޮނިހިރު ދުވަހުގެ ރޭ ށ. ފޯކައިދޫ އަތުން 5-0 އިން މޮޅުވެ ކްލަބް އީގަލްސް އިން ތާވަލުގެ ދެ ވަނަ އަށް އަރައިފިއެވެ.

އެ ޓީމު އެ މަގާމުގައި އޮތީ 14 ޕޮއިންޓާ އެކު އެވެ. އެކަމަކު ތިން ވަނައިގައި މިހާރު 13 ޕޮއިންޓާ އެކު އޮތް ނިއު ރޭޑިއަންޓަށް ހޯމަ ދުވަހު ވިކްޓަރީ އަތުން މޮޅުވެ އަލުން ދެ ވަނަ އަށް އެރޭނެ އެވެ.

ހޮނިހިރު ދުވަހުގެ ރޭގެ މެޗުގައި އީގަލްސް އިން ކުޅެފައިވަނީ ބިދޭސީ ދެކުޅުންތެރިން ކަމަށްވާ ބްރެޒިލް ފޯވާޑް ލުއިޒް އެޑުއާޑޯ ޕުރްޗީނޯ އާއި އޮސްޓްރޭލިއާގެ މިޑްފީލްޑަރު ޑެނީ ޑިކްސަން ނުލައެވެ. އެ ކުޅުންތެރިން ނެތީ ކުލަބަށް ދިމާވި މާލީ ހާލަތުގެ ސަބަބުން ރިލީސްދީފައިވާތީއެވެ.

މި މެޗުގައި އީގަލްސްގެ އަހުމަދު ރިޒްވާން (ރިޒޭ) ވަނީ ހެޓްރިކެއް ހަދާފައެވެ. މިއާއެކު ރިޒޭ މިވަނީ ދެ މެޗުން ހަތް ގޯލް ޖަހައިފަ އެވެ. ރިޒޭ ވަނީ ވަނީ މި މެޗުގެ ކުރިން ކުޅުނު މެޗުގައި ތ. ތިމަރަފުށި އަތުން އީގަލްސް 9-0 އިން މޮޅުވި މެޗުގައި ހަތަރު ލަނޑު ޖަހައިފަ އެވެ.

މިމެޗުގެ ލީޑް އީގަލްސް އިން ނަގާފައިވަނީ ދެ ވަނަ މިނެޓުގައެވެ. އެ ލަނޑު ޖަހައިދިނީ ރިޒޭއެވެ. އީގަލްސްގެ ދެ ވަނަ ގޯލް 19 ވަނަ މިނެޓުގައި ޖެހީ ހުސެއިން ސިފާއު ޔޫސުފް (ކްރޯ) އެވެ.

ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި އަދި ދެ ވަނަ ހާފު ފަށައިގެން 55 ވަނަ މިނެޓުގައި ދެ ގޯލް ޖަހައި ރިޒޭ ވަނީ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.

މިމެޗުގައި ފޯކައިދޫގެ އުއްމީދީ ކުޅުންތެރިޔާ މުހައްމަދު ޖައިލަމް (އޮގީ) އަށް ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވިއިރު ފޯކައިދޫ އަށް ގޯލް ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ 72 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއާ އެކު އެވެ.

މަހުމޫދު ސައީދު ފޮނުވާލި ބޯޅަ އީގަލްސްގެ ސްރީ ލަންކާ ގޯލްކީޕަރު ސުޖަން ޕެރޭރާ ހުށިޔާރުކަމާ އެކު މަތަކުރި އެވެ. އީގަލްސްގެ ފަހު ގޯލް 90 ވަނަ މިނެޓުގައި ކާމިޔާބުކުރީ މުސައްނިފް މުހައްމަދެވެ.

އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މި ވަރުގެ ސްކޯލައިނަކަށް އުއްމީދުނުކުރާ ކަމަށެވެ. ފޯކައިދޫގެ ކޯޗު އަލީ ނިޝްތާރު ބުނީ އެންމެ ބޮޑު މައްސަލައަކަށްވީ މެޗުގެ ކުރީކޮޅު ގޯލެއް ވަނުން ކަމަށެވެ.

- ކޮމެންޓް