ކްރިސްޓީއާނޯ ރޮނާލްޑޯގެ މައްޗަށް ކުރެވިފައިވާ ރޭޕްގެ ތުހުމަތާ ގުޅިގެން, މި މަހު ޕޯޗުގަލް ކުޅޭ ބައިނަލްއަގްވާމީ ދެ މެޗަށް ނެގި ސްކޮޑުން ކްރިސްޓިއާނޯ ރޮނާލްޑޯ ބާކީކޮށްފިއެވެ.
ޕޯޗުގަލްގެ ސްކޮޑުން ރޮނާލްޑޯ ބާކީކުރަން ނިންމި ސަބަބު ހާމަކުރަން އެޓީމުގެ ކޯޗު ފެނާންޑޯ ސަންޓޯސް ބޭނުން ނުވިޔަސް، ރޮނާލްޑޯ ބާކީކުރަން ނިންމީ ހާއްސަ ސަބަބުތަކެއް ހުރުމުން ކަމަށް އޭނާ ވަނީ ބުނެފައެވެ.
މިދިޔަ މަހު ޕޯޗުގަލް ކުޅުނު މެޗުތަކަށް ނެގި ސްކޮޑުން ރޮނާލްޑޯ ބާކީކުރަން ނިންމީ އޭނާ އެދުމުންނެވެ. އެއީ ޓްރާންސްފާގައި ޔުވެންޓަސް އަށް ބަދަލުވެ އެ ޓީމަށް ހޭނެން ރޮނާލްޑޯއަށް ވަގުތު ބޭނުންވާތީއެވެ.
ޕޯޗުގަލްގެ ކޯޗު ސަންޓޯސް ބުނީ ގައުމީ ޓީމުގެ ސްކޮޑުން ރޮނާލްޑޯ ބަކީކުރަން ނިންމި ސަބަބު މީޑިއާ އަށް ހިއްސާނުކުރާނެ ކަމަށެވެ.
ރޮނާލްޑޯ ސްކޮޑުން ބާކީކުރަން ނިންމީ ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ފެނާންޑޯ ގޯމޭސްއާ އެކު ބޭއްވި ބައްދަލުވުމަކަށް ފަހުއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ރޮނާލްޑޯ މި މެޗުތައް ކުޅެން ބޭނުންނުވާ ސަބަބަކީ އޭނާގެ މައްޗަށް ކުރެވިފައިވާ ރޭޕްގެ ތުހުމަތުތަކެއްގެ ސަބަބުން އާއިލާއާ އެކު ވަގުތުތަކެއް ހޭދަކުރަން ބޭނުންވާތީއެވެ.
ރޮނާލްޑޯގެ މައްޗަށް ކުރެވެނީ 2009 ވަނަ އަހަރު ލަސް ވޭގަސްގައި އެމެރިކާގެ އަންހެނެއް ކަމަށްވާ ކެތަރިން މަޔޯގާ ރޭޕް ކުރިކަމުގެ ތުހުމަތެވެ.
ޔުވެންޓަސް އިންވަނީ ރޮނާލްޑޯގެ ދިފާއުގައި ބަޔާނެއް ނެރެފައެވެ. އެ ކްލަބުން ބުނި ގޮތުގައި މީގެ 10 އަހަރު ކުރިން ހިނގާފައި އޮތް ކަމެއްގެ ވާހަކަ ނުދައްކާ މިހާރު ކުއްލިއަކަށް އެވާހަކަ ދެއްކުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ރޮނާލްޑޯ ބޮލުގައި ރޭޕްގެ ތުހުމަތު އެޅިފައިވާ އިރު މިރޭ އިޓާލިއަން ލީގުގައި އުދިނޭޒީއާ ދެކޮޅަށް ޔުވެންޓަސް ކުޅޭ މެޗުން ވެސް އޭނާ ފެނުމާ މެދު ވަނީ ސުވާލު އުފެދިފައެވެ.
ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ބުނީ މިރޭގެ މެޗު ކުޅެން ރޮނަލްޑޯ ތައްޔާރު ކަމަށާއި އެކަމަކު ފަހަރުގައި އޭނާ އަށް އަރާމުކުރަން ފުރުސަތު ދީފާނެ ކަމަށެވެ.
ރޮނާލްޑޯއަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ކަންބޮޑުވާ ކަމަށް ރޮނާލްޑޯގެ ދެ ސްޕޮންސަރުން ކަމަށްވާ ނައިކީ އަދި އީއޭ ސްޕޯޓްސް އިން ވަނީ ބުނެފައެވެ. ރޮނާލްޑޯއާ އެކު ބިލިއަނެއްހާ ޑޮލަރުގެ އެއްބަސްވުމެއް ހަދާފައިވާ ނައިކީ އިން ބުނީ ހާލަތު ވަރަށް ގާތުން ބަލާނެ ކަމަށެވެ.