ކ. މާލެ
|
28 ފެބްރުއަރީ 2019 | ބުރާސްފަތި 14:09
ސްކޫލެއްގައި ޓީޗަރަކު ފިލާވަޅު ނަންގަވައި ދެއްވަނީ: ދިވެހިބަސް ތަރައްޤީކުރުމަކީ އަޅުގަނޑުމެން ދިވެހިންގެ ޒިންމާއެކެވެ. ޢުޤައިލު
ސްކޫލެއްގައި ޓީޗަރަކު ފިލާވަޅު ނަންގަވައި ދެއްވަނީ: ދިވެހިބަސް ތަރައްޤީކުރުމަކީ އަޅުގަނޑުމެން ދިވެހިންގެ ޒިންމާއެކެވެ. ޢުޤައިލު
ގޫގުލް
ދިވެހި ބަސް ތަޢުލީމް
ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް
ބަހުގެ ފަޤީރުކަން ކުޑަކުރެވޭނީ ވެސް ބަސްކުރިއަރުވަން މަސައްކަތް ކޮށްގެންނެވެ.
52% ދަރިވަރުން ދިވެހިބަސް ކިޔަވަން ފޫހިވާކަމަށް ބުނެއެވެ.

17 ސެޕްޓެމްބަރ 2018 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ ލިޔުމާގުޅޭ(

ޕްރޮފެސަރ ޙަސަން ޢުޤައިލް (2015) ވިދާޅުވާ ގޮތުގައި ދިވެހިން، ދިވެހިންގެ މާދަރީ ބަހަށް ބަހައްޓަން ޖެހޭ ލޯބި ދުވަހެއް ދުވަހަކަށް ކުޑަވަމުން ދާކަން ފާހަގަކުރެއްވޭ ކަމަށާއި، ޚާއްޞަކޮށް ޒުވާން ޖީލުގެ ބައެއް ޒުވާނުން ދިވެހި ބަހާ ދުރަށް ދާން މަސައްކަތްކުރާ ތަން ވެސް ފެނިވަޑައިގަންނަވާ ކަމުގައެވެ. "ދިވެހި ބަސް އެއީ އުވާލަންޖެހޭ ބަހެކޭ ކިޔައިގެން މިކަމާމެދު ބަޙުޘްކޮށް ހަދާ ޒުވާނުން ވެސް މިހާރު އަޅުގަނޑުމެންގެ މުޖުތަމަޢުން ފެނެއެވެ. މައިގަނޑު ސަބަބުތަކުގެ ތެރޭގައި އެ މީހުން ފާހަގަކުރަނީ ދިވެހި ބަހުގެ ފަޤީރުކަމާއި، ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ދިވެހި ބަސް ލިޔަން އުނދަގޫވުމެވެ. އެހެން ނަމަވެސް، މިއީ ދިވެހި ބަސް އުވާލަން ޖެހޭ ސަބަބުތަކެއް ކަމަށް ޤަބޫލުކުރަން އަޅުގަނޑަށް ދައްޗެވެ." ހަވީރު ނޫހުގައި ލިޔުއްވާފައި ވެއެވެ. އަދި އިތުރަށް އޭނާ ލިޔުއްވާފައިވާ ގޮތުގައި ދިވެހިބަސް ތަރައްޤީކުރުމަކީ އަޅުގަނޑުމެން ދިވެހިންގެ ޒިންމާއެކެވެ. ބަހުގެ ފަޤީރުކަން ކުޑަކުރެވޭނީ ވެސް ބަސްކުރިއަރުވަން މަސައްކަތް ކޮށްގެންނެވެ. މިސާލަކަށް، ދުނިޔޭގެ އެންމެ މުއްސަނދި ބަސްތަކުގެ ތެރޭގައި ހިމެނޭ ޢަރަބި ބަހުގައި ކުރިން ނުހިމެނޭ ބަސްތަކާއި ލަފްޒުތައް މިހާރު އެބަހަށް ވައްދައި ޒަމާނާ އެއްގޮތަށް ޢަރަބި ބަސް ވެސް ދަނީ ކުރިއަރުވަމުންނެވެ.

ދިވެހިންގެ މަދަރީބަހަށް ޝައުޤުވެރިކަން އުފެދޭނޭ ގޮތަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަން ޖެހެއެވެ. ދިވެހި ބަހަށް ދަރިވަރުން ޝައުޤުވެރިވާ މިންވަރު ދެނަގަތުމަށް ޢަބްދުﷲ ޢާރިފް (2013) ހައްދަވާފައިވާ ދިރާސާއެއްގެ ނަތީޖާއިން ދައްކާގޮތުގައި އެދިރާސާގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ދިވެހި ބަހާއި މެދު 72 ޕަސެންޓް ދަރިވަރުން ފަޚުރުވެރިވެއެވެ. 28 ޕަސެންޓް ދަރިވަރުން ފަޚުރުވެރިއެއް ނުވެއެވެ. އަދި 52 ޕަސެންޓް ދަރިވަރުން ދިވެހިބަސް ކިޔަވަން ފޫހިވާކަމަށް ބުނެއެވެ. އަދި 26 ޕަސެންޓް ދަރިވަރުން ބައެއް ފަހަރު މި ބަސް ކިޔަވަން ފޫހިވާކަމަށް ފާހަގަ ކުރެވުނެވެ. އަދި ކިޔަވަން ފޫހި ނުވާކަމަށް ބުނެފައި ވަނީ %22 ދަރިވަރުންނެވެ. މި ދިރަސާއިން ދައްކާގޮތުގައި %48 ދަރިވަރުން ދިވެހިބަސް ކިޔަވަން ފޫހިވަނީ ކިޔަވައިދެއްވާ މުދައްރިސުންގެ ސަބަބުންނެވެ. 31 ޕަސެންޓް ދަރިވަރުން ދިވެހި ބަސް ކިޔަވަން ފޫހިވަނީ ވަޞީލަތްތައް ނެތުމުންކަމަށް ބުނެފައިވާ އިރު 21 ޕަސެންޓް ދަރިވަރުން ތަފާތު އެހެނިހެން މައްސަލަތައް ފާހުކޮށްފައި ވެއެވެ. މި ފަދަ ކަންކަމުގެ ތެރޭގައި އިމްތިޙާންކުރެވޭ ބައިތައް ކަމުނުދިޔުމާއި، ލިޔާއިރު ފިލިޖަހަން ޖެހުން ފަދަ ކަންކަން ފާހަގަކޮށްފައިވެއެވެ. މިނަތީޖާއިން އެނގެނީ ދަރިވަރުން ދިވެހި ބަސް ކިޔަވަން ފޫހިވަނީ އެބަސް ފަޤީރުވެގެނެއް ނޫންކަމެވެ. ވަޞީލަތް ނެތުމުން ކަމެވެ. މިހެންވުމުން ތަޢުލީމީ ދާއިރާގައި ހުރި މައްސަލަތަކެއްގެ ސަބަބުން ދިވެހިންގެ މާދަރި ބަހަށް ދަރިވަރުން ފޫހިވެ، ހިތްހަމަ ނުޖެހުން ހުރިކަން ފާހަގަވެގެން ދެއެވެ. މިކަންކަން ރަނގަޅުކުރުމަށް ތަޢުލީމީ ދާއިރައިން މަސައްކަތްކުރަން ޖެހެއެވެ. އަދި ކަމާގުޅޭ ފަރާތްތަކުން ވެސް މިފަދަ މައްސަލަތަކަށް ޙައްލު ހޯދައި ދިނުމަށް މަސައްކަތް ކުރަން ނުޖެހޭބާއެވެ؟

ދަރިވަރުންގެ ޝައުޤުވެރިކަން އުފެއްދުމަށް ދިވެހި ބަސް ދިރާސާކުރާނޭ ބަޔަކާއި، އެކިއެކި ލިޔުންތައް ލިޔާނޭ ބަޔަކު ވެސް ދިވެހިންގެ ތެރެއިން އުފެދެން އެބަ ޖެހެއެވެ. މިފަދަ މީހުން އުފެދުމުން އެހެނިހެން ބަސްބަސް ކުރިއަރައި ތަރައްޤީވަމުން ދާ ހެން ދިވެހި ބަސް ކުރިއަރައިގެން ދާނެ ކަމަށް ބެލެވެއެވެ. ދިރާސާއިން ފާހަގަވެފައި ވާ ކަންކަމަކީ ދިވެހި ބަސް ފަޤީރުވުމުން ކުރިމަތި ވެފައިވާ ކަންކަމެއް ނޫނެވެ. އަދި ކިއެއްތަ! ދިވެހިބަހަކީ ފަޤީރު ބަހެއް ކަމަށް ބުނެވޭވަރުގެ ދިރާސާއެއް ކުރެވިފައި އޮތްކަމުގައި ވެސް ނުވެއެވެ. ނަމަ ވެސް ދިވެހި ބަސް ފަޤީރުކަމަށް ފެނިދާނެ ފަދަ ކަންކަން މިޤައުމުގެ ތަޢުލީމީ ނިޒާމު ބައްޓަން ކުރެވިފައިވާ ގޮތުން ފެނިދާނެއެވެ. މިއީ ބަހުގެ ފަޤީރުކަމެއް ނޫނެވެ. މިއީ ތަޢުލީމީ ނިޒާމު ބައްޓަން ކުރެވިފައިވާ ގޮތުން ކުރިމަތިވެފައިވާ މައްސަލަތަކެކެވެ. ސެންޓަރ ފޮރ ކޮންޓިނިއުއިން އެޑިޔުކޭޝަން (2010) ހާމަކުރައްވާ ގޮތުގައި ދިވެހި ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދެވޭ މާއްދާތަކުގެ ތެރެއިން ދިވެހި އިސްލާމް ފިޔަވައި އެހެނިހެން މާއްދާތައް ކިޔަވައި ދެނީ އިނގިރޭސި ބަހުންނެވެ. ފަށާތަޢުލީމުގެ މަރުޙާލާގައި އޮތީ ދިވެހިންގެ އަމިއްލަ މަންހަޖެކެވެ. ނަމަވެސް ކިޔަވައިދެނީ އިނގިރޭސި މީޑިއަމަށް އިނގިރޭސި ބަހުންނެވެ. މިކަން މިހެން އޮތް ނަމަވެސް ތަޖުރިބާކާރުން މިހާރު ވިދާޅުވާ ގޮތުގައި ކުދިންގެ ޅަފަތުގައި މާދަރީ ބަސް ނޫން އެހެންބަހަކުން ކިޔަވައިދޭން ފެށުމުން ދަރިވަރުންގެ ވިސްނުން ކޮށިވެ، ބަހުގެ ހުނަރުތަކަށް ދަށްވެ، މަދްރަސީ ތަޢުލީމުގެ ނަތީޖާ ދަށްވެއެވެ. އޭގެ ސަބަބުން އަމިއްލަ ޘަޤާފަތާއި، އަމިއްލަ ވަންތަ ކަމަށް ދަރިވަރުން ބީރައްޓެހި ވެއެވެ. މިހެންކަމަށް ވާނަމަ ދިވެހި ދަރިވަރުންނަށް މިކަމުގެ ނޭދެވޭ އަސަރު ނުކުރާނެ ބާވައެވެ؟

ޕްރޮފެސަރ މިރްޒާ ސަލީމް ބޭގްއާ ޙަވާލާދެއްވައި ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (2011) ލިޔުއްވާފައިވެއެވެ. "ކޮންމެ މީހަކު ވެސް ވިސްނާނީ އެމީހާގެ މާދަރީ ބަހުންނެވެ. ތަޢުލީމު އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދެވޭނީ މާދަރީ ބަހުންނެވެ." މިހެންވުމުން ރާއްޖޭގައި ވެސް ޚާއްޞަކޮށް ފަށާތަޢުލީމު، މާދަރީ ބަހުން ކިޔެވޭނޭ އިންތިޒާމު ހަމަޖެހިފައި ނެތްނަމަ އޮއްޓަރު ހުރި ހަރުދަނާ މުވާޠިނުން އުފެއްދޭނެ ކަމަކަށް ނުފެނެއެވެ. މިހެންވުމުން ދިވެހި ބަހާ ގުޅުވައިގެން ވާހަކަ ދެކެވޭ މި ނިކަމެތިކަން ފެންނަމުން ދާނޭކަމަށް ޤަބޫލުކުރަން ޖެހެއެވެ.

ނުނިމޭ

- ކޮމެންޓް