ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެ ރޭ ރެޑްސްޓާ ބެލްގްރޭޑްއާ ބައްދަލުކުރި މެޗުން ޕީއެސްޖީ ބޮޑު ތަފާތަކުން މޮޅުވިއިރު ނޭމާގެ ފަރާތުން ހެޓްރިކެއް ފެނިގެން ހިނގައްޖެއެވެ.
ރެޑްސްޓާ ބެލްގްރޭޑްގެ މައްޗަށް ޕީއެސްޖީން ކާމިޔާބު ހޯދީ 6-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ޕީއެސްޖީ އޮތީ ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ގްރޫޕް ސީގެ ތިން ވަނައިގައެވެ.
ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި 3-2 އިން ލިވަޕޫލް އަތުން ޕީއެސްޖީ ވަނީ ބަލިވެފައެވެ. ނަމަވެސް މި މެޗުގައި އެ ޓީމުން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ.
ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ޕީއެސްޖީ އަށް މެޗުގެ 20 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ނޭމާއެވެ. މި ގޯލު ކާމިޔާބުކުރީ ބެލްގްރޭޑްގެ ގޯލާ 20 ޔާޑު ދުރުން ލިބުނު ހިލޭ ޖެހުމަކުންނެވެ.
ފުރަތަމަ ލަނޑު ކާމިޔާބު ކުރިތާ ދެ މިނެޓު ފަހުން ޕީއެސްޖީގެ ދެ ވަނަ ގޯލު ވެސް ކާމިޔާބު ކޮށްދިނީ ނޭމާއެވެ. ފުރަތަމަ ހާފްގައި ފެނިގެންދިޔަ އަނެއް ދެ ލަނޑު ޖަހައި ދިނީ ކަވާނީ އާއި ޑިމަރިޔާއެވެ.
މެޗުގެ 70 ވަނަ މިނެޓްގައި ކިލިއަމް އެމްބާޕޭ ވަނީ ޕީއެސްޖީގެ ފަސް ވަނަ ގޯލު ކާމިޔާބު ކޮށްދީފައެވެ. އަދި މެޗުގެ 81 ވަނަ މިނެޓްގައި ޕީއެސްޖީގެ ހަވަނަ ގޯލު ކާމިޔާބުކޮށްދިނީ ބްރެޒިލް އަށް އުފަން ނޭމާ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މެޗުގައި ބެލްގްރޭޑްގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ މާކޯ މަރިންއެވެ.
ގްރޫޕް ސްޓޭޖުގައި ކުޅުނު ދެވަނަ މެޗުން ޕީއެސްޖީ މޮޅުވެފައިވާއިރު، ގްރޫޕްގެ ތިންވަނަ މެޗުގައި ޕީއެސްޖީ ބައްދަލުކުރާނީ ނަޕޯލީއާއެވެ.
މިއީ ޕީއެސްޖީ އަށް ބަދަލުވި ފަހުން ނޭމާ ހެދި ދެވަނަ ހެޓްރިކެވެ.