ކ. މާލެ
|
4 އޮކްޓޯބަރ 2018 | ބުރާސްފަތި 16:46
އިންސީނިއޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
އިންސީނިއޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
އޭއެފްޕީ/ގެޓީ
ޔުއެފާ ޗެމްޕިއަންސް ލީގު
ނަޕޯލީ އަތްދަށުން ލިވަޕޫލަކަށް ސަލާމަތެއް ނުވެވުނު
މުޅި މެޗުގައި ލިވަޕޫލް ފެނުނީ ވަރަށް ދައްކޮށް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެ ރޭ ފަހު ވަގުތު ލޮރެންޒޯ އިންސީނިއޭ ވައްދާލި ގޯލުން ނަޕޯލީ އިން 1-0 އިން ލިވަޕޫލް އަތުން މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ލިވަޕޫލުން ކުޅުނު މެޗުގައި ލިވަޕޫލަށް މައްސަލަތަކެއް ދިމާވިއެވެ. އެގޮތުން މެޗުގެ ކުރީކޮޅުގައި ނަބީ ކެއިޓާއަށް އަނިޔާވެގެން ބަދަލު ކުރަންޖެހުމަކީ ލިވަޕޫލަށް ދިމާވި ބޮޑު މައްސަލައެކެވެ.

ނަޕޯލީ އަމިއްލަ ދަނޑުގައި ކުޅުމުގެ އެޑްވާންޓޭޖް ނަގައި ގިނަ ފުރުސަތުތައް ތަނަވަސްކުރީ ވެސް އެ ޓީމުންނެވެ. އެ ގޮތުން އިންސީނިއޭ އާއި އަރްކަޑިއުޒް މިލިޗް ފޮނުވާލީ ހަމަލާތައް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފައެވެ.

މެޗުގެ ފަހު ވަގުުތު މާޓެންސް ތަނަވަސްކޮށްދިން ފުރުސަތަކުން ހޯސޭ ކައޭހޯން ހުސްކޮށްލާފައި ޖައްސާލި ބޯޅަ އިންސީނިއޭ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.

އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ލިވަޕޫލަށް މޮޅެއް ހޯދިފައިނުވެއެވެ. އެ މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މި ތިން މެޗަކީ ނިސްބަތުން ވަރުގަދަ މެޗުތަކެއް ކަމަށެވެ.

ލީގު ކަޕުން ޗެލްސީ އަތުން ބަލިވެ ކެޓިއިރު ޕްރިމިއާ ލީގުގައި ޗެލްސީއާ ވަނީ 1-1 އިން އެއްވަރުވެފައެވެ.

މި މޮޅާ އެކު ނަޕޯލީ މިހާރު އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު ގްރޫޕް ސީގެ އެއް ވަނައިގައެވެ.

ދެ ވަނައިގައި ތިން ޕޮއިންޓާ އެކު ލިވަޕޫލް އޮތްއިރު ތިންވަނައިގައި އޮތް ޕީއެސްޖީ އަށް ވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ލިވަޕޫލް އަށް ގްރޫޕްގެ ދެވަނަ ލިބެނީ ހެޑް ޓު ހެޑް އިން ކުރި ލިބޭތީއެވެ.

ޖުމްލަކޮށް މެޗުގައި ލިވަޕޫލްގެ ފަރާތުން ދަށް ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ނަޕޯލީގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް މި މެޗުގައި އެ ޓީމަށް ފޮނުވާލެވިފައެއް ނުވެއެވެ.

- ކޮމެންޓް