ކ. މާލެ
|
4 އޮކްޓޯބަރ 2018 | ބުރާސްފަތި 16:51
އެފްއޭއެމްގެ ރައީސް ބައްސާމް
އެފްއޭއެމްގެ ރައީސް ބައްސާމް
މުހައްމަދު ޝަރުހާން
އެފްއޭއެމް
ކުޅުންތެރިންގެ މުސާރަ އެފްއޭއެމުން ކަނޑައަޅާ ގޮތަށް ނިންމައިފި
ބޮޑެތި ބަދަލުތަކެއް ވަނީ ހިމަނާފައި
ހަރުކަށި އުސޫލުތަކެއް އެކުލަވާލާފައިވޭ

އަންނަ އަހަރުގެ ފުޓްބޯޅަ މޫސުމުން ފެށިގެން ރާއްޖޭގެ ކުލަބުތަކަށް ކުޅޭ ކުޅުންތެރިންގެ މުސާރަ ފުޓްބޯޅައިގެ މައި އިދާރާއިން އެފްއޭއެމް އިން ކަނޑައަޅާ ގޮތަށް އެ އިދާރާއިން ނިންމައިފިއެވެ.

ބުރާސްފަތި ދުވަހު އެފްއޭއެމްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި، ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ގިނަ ކްލަބުތަކަކުން ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލަތަކާއި، މެޗުތަކަށް ހާޒިރުނުވުމުގެ މައްސަލަތައް ވެސް އެފްއޭއެމްއާ ހަމައަށް ގޮސްފައިވާ ކަމަށެވެ.

އެ ހުރިހާ ސަބަބުތަކާ ހުރެ އެކަމަށް އުސޫލުތަކެއް ކަނޑައެޅުމަށް ނިންމާފައިވާ ކަމަށް ބައްސާމްވަނީ ވިދާޅުވެފައެވެ. އެގޮތުން މުސާރައާ ކޮންޓްރެކްޓްގެ މުއްދަތު ފަދަ ކަންކަން ހިމެނެއެވެ.

އަންނަ ސީޒަނުން ފެށިގެން ގެންނަން ނިންމާފައިވާ ބަދަލުތަކުގެ ތެރޭގައި ކުޅުންތެރިޔަކަށް ގިވަވެގެން މަހަކު ދެވޭނީ 40،000ރ. ކަމަށް އެފްއޭއެމުން ވަނީ ނިންމާފައެވެ. އަދި ކުޅުންތެރިޔަކު ކްލަބަކާ އެކު މަދުވެގެން ތިން އަހަރަށް ކޮންޓްރެކްޓެއް ހަދަން ޖެހޭނެ ކަމަށް ވެސް ކަނޑައަޅާފައި ވެއެވެ.

ބައްސާލް ވިދާޅުވީ މި ނިންމުން ނިންމީ ކްލަބްތަކާއި ކުޅުންތެރިންނާ މަޝްވަރާކުރުމަށް ފަހު ކަމަށާއި ދެމެހެއްޓެނެވި ގޮތެއްގައި ކްލަބްތަކުގެ ހިންގުން ކުރިއަށްގެންދެވޭނީ މިފަދަ އުސޫލެއް ތައާރަފްކޮށްގެން ކަމަށް ފުރިހަމައަށް ގަބޫލުކުރައްވާ ކަމަށެވެ.

އަންނަ ސީޒަނުން ފެށިގެން ކްލަބުތަކަށް މަޖުބޫރުކުރުވާ ގިނަ ކަންތައްތަކެއް ހިމެނޭނެއެވެ. އެގޮތުން ޖެހިޖެހިގެން ތިން މަސް ދުވަހު މުސާރަނުދީފި ނަމަ ކޮންޓްރެކްޓް އޮޓޮމެޓިކުން ބާތިލްވާ ގޮތަށް ވެސްވަނީ ބަދަލުކޮށްފައެވެ.

އެފްއޭއެމުން ބޮޑެތި ބަދަލުތަކެއް ގެނެސްފައި މިވަނީ ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތައް މާލީ ފުންވަޅުގަނޑަކަށް ވެއްޓި ކުޅުންތެރިންނަށް މުސާރަނުދެވޭ ހިސާބަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ.

މިހާރު ރާއްޖޭގައި މިލިއަނަކަށް ވުރެ ބޮޑު މުސާރައެއް އަހަރެއްގެ މައްޗަށް ލިބެނީ ދެ ތިން ކުޅުންތެރިޔަކަށެވެ. އެންމެ ބޮޑު މުސާރަ ލިބޭ ކުޅުންތެރިންނަށް އަހަރެއްގެ މައްޗަށް ލިބެނީ 700،000ރ. އާއި 500،000ރ. އާ ދެމެދުގެ އަދަދެކެވެ. އެވްރެޖްޓް މުސާރަތަކަކީ އަހަރަކު 200،000ރ. އާއި 300،000ރ. އާ ދެމެދުގެ އަދަދެކެވެ.

ބައްސާމް އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ސީޒަންގައި ހުރިހާ ކްލަބުތަކެއްގެ ވެސް، ކުޅުންތެރިންނާ އެކު ހެދޭ ކޮންޓްރެކްޓަކީ އެފްއޭއެމްގެ މިންގަޑަށް ފެތޭ ކޮންޓްރެކްޓްތަކަކަށް ވާން ޖެހޭނެ ކަމަށާއި، ހުރިހާ ކޮންޓްރެކްޓެއް ވެސް އެފްއޭއެމްގައި ރަޖިސްޓްރީ ކުރަން މަޖުބޫރުވާނެ ކަމަށެވެ.

ބައްސާމް ވިދާޅުވީ މީގެ ކުރިން 2005 ވަނަ އަހަރު ވެސް އެފްއޭއެމްއިން ސެލެރީ ކެޕްއެއް ގެންނަން މަސައްކަތްކޮށް، އެކަން އެންމެ ކާމިޔާބުނުވީ ކޮންޓްރެކްޓްގެ ބޭރުން ދޭ އެލަންސްތަކާ އެކު އެ އުސޫލުގެ ބޭނުން ކެނޑުމުން ކަމަށެވެ.

ކްލަބްތައް ހަރުދަނާކުރުމަށްޓަކައި އެފްއޭއެމުން 23 އަހަރުން ދަށުގެ ފަސް ކުޅުންތެރިން ކޮންމެ ޓީމެއްގައި ރަޖިސްޓްރީކުރަން ޖެހޭ ގޮތަށް ވެސް އުސޫލެއް ހަދައިފަވެއެވެ.

މީގެ އިތުރުން ހެޑްކޯޗަކަށް ހުންނަ މީހަކަށް އޭ ލައިސަންސް އޮންނަން މަޖުބޫރުކުރުމާއި އެސިސްޓަންޓް ކޯޗަށް ބީ ލައިސަންސް އޮންނަން މަޖުބޫރުކުރަން ވެސް ވަނީ ނިންމައިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް