މެންޗެސްޓާ ޔުނައިޓެޑުގެ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާއަށް މީޑިއާއާ ވާހަކަ ދެއްކުމުގެ ހުއްދައެއް ނެތް ކަމަށް އޭނާ ބުނެފިއެވެ.
ޕޮގްބާ އެހެން ބުނެފައި ވަނީ އަންގާރަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ވެލެންސިއާއާ ދެކޮޅަށް ޔުނައިޓެޑް ކުޅުން މެޗަށް ފަހު ނޫސްވެރިން ސުވާލު ކުރަން ފެށުމުންނެވެ.
ޕޮގްބާގެ އިތުރުން ޔުނައިޓެޑްގެ އެހެން ކުޅުންތެރިން ވެސް ވަނީ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ދެކޮޅު ހަދާފައެވެ. ޕޮގްބާ ވެސް ދިން ހަމައެކަނި ޖަވާބަކީ އޭނާއަށް މީޑިއާއަށް ވާހަކަ ނުދެއްކޭނެ ކަމަށް އަންގާފައިވާ ކަމަށެވެ.
މި ފަހަކަށް އައިސް ޔުނައިޓެޑްގެ އެތެރޭގައި ބޮޑެތި މައްސަލަތަކެއް ޖެހެމުން އަންނަކަމުގެ އަޑުތައް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. އެގޮތުން ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ އާއި ކުޅުންތެރިންގެ މެދުގައި މައްސަލަ ޖެހުމުގެ އިތުރުން މެނޭޖްމަންޓާއި ދެމެދު މައްސަލަތަކެއް އުޅޭ ކަމަށް އަޑުފެތުރިފައި ވެއެވެ.
މި ސީޒަން ފެށުމުގެ ކުރިން ޕޮގްބާ ހޯދަން ސްޕެއިނުގެ ބާސެލޯނާ އިން މަސައްކަތްކުރި އެވެ. އަދި ޕޮގްބާ އެ ޓީމަށް ބަދަލުކުރަން އޭނާގެ އޭޖެންޓް މިނޯ ރައިއޯލާ ވެސް ވަރަށް މަސައްކަތްކުރިއެވެ.
މޮރީނިއޯ އާއި ޕޮގްބާގެ މައްސަލަތައް ފެށުނީ މިދިޔަ ސީޒަނުގެ މެދުތެރެއިންނެވެ. އޭގެ ފަހުން މީޑިއާގައި އެ ދެ މީހުންގެ ގުޅުމާ ބެހޭގޮތުން ގިނަ ވާހަކަތަކެއް ވަނީ ދެކެވިފަ އެވެ.
މީޑިއާ އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ޕޮގްބާ ވަނީ ބައެއް ކަހަލަ ވާހަކަތައް އޭނާ ދައްކައިފި ނަމަ ބޮޑު ޖޫރިމަނާއެއް ދައްކަން ޖެހިދާނެ ކަމަށް ބުނެފައެވެ.
އެ ދެ މީހުންގެ ގުޅުމާ ބެހޭ ގޮތުން ގިނަ ވާހަކަތަކެއް ވަނީ ދެކެވިފައެވެ. އެ ގުޅުން އިތުރަށް ގޯސްވާން ފެށީ މި ފަހަރުގެ ވޯލްޑް ކަޕްގައި މޮރީނިއޯ ރަޝިއާގެ ޓީވީއެއްގެ ޝޯއެއްގައި ޕޮގްބާ އަށް ފާޑުކިޔުމާ ގުޅިގެންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެކަށީގެންވާ ރަނގަޅު ހުށަހެޅުމެއް ލިބިއްޖެނަމަ ޕޮގްބާ ވިއްކާލަން މޮރީނިއޯ ވަނީ އެ ޓީމުގެ ވެރިންނަށް އަންގައިފައެވެ.
މޮރީނިއޯ ޔުނައިޓެޑްގެ ކޯޗުކަމުން ވަކިވާން ޖެހޭ ކަމަށް ބުނެ އިންސްޓަގްރާމްގައި އިން ފޮޓޯ އަކަށް ޔުނައިޓެޑްގެ ކެޕްޓަން އެންޓޯނިއޯ ވެލެންސިއާ ވަނީ ލައިކް ކޮށްފައެވެ.