ދިވެހި ޕްރެމިއަރ ލީގުގައި ކުޅޭ ކުލަބުތަކުގެ ތެރެއިން މުސާރައިގެ މައްސަލަނުޖެހި އުޅެނީ އެންމެ ކްލަބެއް ކަމަށް ޓީސީ ސްޕޯޓްސް ކްލަބުގެ ކުރީގެ ރައީސް އަހުމަދު ނަޝީދު (ޑޭވް) ބުނެފިއެވެ.
ޑޭވްއަކީ ޓީސީގެ ކުރީގެ ރައީސްގެ އިތުރުން އެ ކްލަބުގެ އެއް ފައުންޑަރ މެމްބަރެކެވެ. އަދި އޭގެ ފަހުން ރާއްޖޭގެ އެންމެ ފުރަތަމަ ސްޕޯޓްސް ކޮމިޝަނަރެވެ. މިހާރު ވެސް ގިނަ ކުޅިވަރުތަކެއްގައި ބައިވެރިވަމުން އަންނަ ޓީސީ ސްޕޯޓްސް ކުލަބުގެ ފުޓުބޯޅަ ކޮމްޕޯނަންޓުގެ އެންމެ އިސް ފަރާތަކީ ޑޭވްއެވެ.
ޑޭވް ބުނެފައި ވަނީ ބުދަ ދުވަހުގެ ރޭ ދިވެހި ޕަރެމިއަރ ލީގުގައި ޓީސީ އަދި ވިކްޓަރީ ކުޅެން އޮތް މެޗެއް ވިކްޓަރީ ދަނޑަށް ނައުމުން ޓީސީއަށް ލިބުނު ތިން ޕޮއިންޓާއި ފައިދާ ދެ ޕޮއިންޓް ލިބުމަކީ އެއްވެސް ވަރަކަށް އުފާކުރާކަމެއް ނޫން ކަމަށެވެ.
ދިވެހި ޕްރެމިއަ ލީގުގައި ކުޅޭ ކްލަބުތަކުގެ ތެރެއިން މުސާރައިގެ މައްސަލަ ނުޖެހެނީ އެންމެ ކްލަބެއްގައި ކަމަށް ބުނުމަކީ ގޯހެއް ކަމަށްވާ ނަމަ އެ ކްލަބުތަކުގެ ފަރާތުން މާފަށް އެދޭ ކަމަށެވެ.
ޑޭވް ބުނީ ޚާއްސަކޮށް ފުރަތަމަ ޑިވިޝަނުގެ ޓީމުތަކަށް ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ގެ ދަށުން ސަރުކާރުން ހަމަޖައްސައިދިން ތިން މިލިއަން ރުފިޔާއަކީ އާންމުކޮށް ކްލަބެއްގެ މުޅި ސީޒަންގެ ބަޖެޓުގެ 80 ވަރަކަށް ޕަސެންޓްކަމީ ޤަބޫލު ކުރަންޖެހޭ ހަގީގަތެއް ކަމަށެވެ.
ޑޭވް ބުނި ގޮތުގައި މާލޭ ލީގުން ޕްރެމިއަރ ލީގަށް ކޮލިފައިވި ހަ ޓީމަށް ވެސް ވަނީ އެއްކޮށް ފައިސާ ހަވާލުކުރެވިފައެވެ. ޑޭވް އެހެން ބުނި ނަމަވެސް އަތޮޅުތަކުން އައި ޓީމުތަކަށް ފައިސާ ލިބުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. އެގޮތުން ބައެއް ޓީމުތަކަށް ފައިސާ ލިބިފައެއް ނުވެއެވެ.
ސްޓޭޓް އޯންޑް އެންޓަޕްރައިޒަސްގެ ދަށުން ކުލަބުތަކަށް ލިބެންޖެހޭ ފައިސާ ލަސްވިޔަ ނުދިނުމަށް އެމްއޭއެމް އިން ކުރާ މަސައްކަތައް ޓީސީން ޝުކުރު އަދާކުރާ ކަމަށް ޑޭވް ބުންޏެވެ.
ޑޭވް ބުނީ ކްލަބުތަކަށް މާލީ މައްސަލަތައް ދިމާވަނީ އެފްއޭއެމްގެ ސަބަބުން ކަމަށް ނުދެކޭ ކަމަށެވެ. ނަމަވެސް އެފްއޭއެމް އިން ކުލަބުތަކަށް ދޭންޖެހޭ ޕްރައިޒް މަނީ ދިނުން ވަރަށް ބޮޑަށް ޑިލޭވާކަން ގަބޫލުކުރާ ކަމަށް އޭނާ ބުންޏެވެ. އެކަމާއި ދެކޮޅަށް މަސައްކަތްތަކެއްވެސް ކޮށްފައިވާނެ ކަމަށް ޑޭވް ބުންޏެވެ.
އެފްއޭއެމް އިން ޕްރައިޒް މަނީގެ ގޮތުގައި ދޭ އެންމެ ބޮޑު އެމައުންޓަކީ ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާ ކަމަށާއި އެއީ އާންމުކޮށް ކުލަބެއްގެ އެއްމަހުގެ މުސާރަ ކަމަށް ޑޭވް ބުންޏެވެ. އަދި ބައެއް ކުލަބުތަކަށް އެފްއޭއެމް އިން ދޭންޖެހޭ ފައިސާ ނުދީ ހިފަހައްޓަނީ އެ ކުލަބުތަކުން ކުޅުންތެރިންނަށް ދޭންޖެހޭ މުސާރަ ނުދީގެން އެކަމުގެ ޝަކުވާ ކުޅުންތެރިން އެފްއޭއެމްއަށް ހުށަހަޅާފައި ވުމުންކަން ވެސް ވަނީ ފާހަގަކޮށްފައެވެ.
ޑޭވް ބުނީ ދިވެހި ޕްރެމިއަރ ލީގުގެ ފެންވަރު ދައްކުރަން އެފްއޭއެމް އިން އެއްވެސް ކަމެއް ނުކުރާ ކަމަށާއި، ދަނޑުގެ ވިނަ ގަނޑު ހަލާކުވެ، ލީގު ދިގުލައިގެން ދިޔުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި އެކަންކަން އެގެނީ އެވަރުގެ މަޤާމެއްގައި މަސައްކަތް ކުރުމުން ކަމަށް ވެސް ޑޭވް ބުންޏެވެ.