ކ. މާލެ
|
3 އޮކްޓޯބަރ 2018 | ބުދަ 19:59
ހެރީ ކޭން
ހެރީ ކޭން
އޭއެފްޕީ/ގެޓީ
ޔުއެފާ ޗެމްޕިއަންސް ލީގު
ކޭންގެ އަމާޒަކީ މެސީގެ ގޯލް ރެކޯޑާއި ހަމަކުރުން
މޮޅު ކުޅުންތެރިންނާއި ވާދަކުރަން ބޭނުންވޭ

ޓޮޓެންހަމް ހޮޓްސްޕާސްގެ އިންގްލެންޑްގެ ފޯވާޑް ހެރީ ކޭން އަމާޒަކީ ބާސެލޯނާގެ ތަރި ލިއޮނަލް މެސީގެ ގޯލު ރެކޯޑާ ހަމަކުރުން ކަމަށް އޭނާ ބުނެފިއެވެ.

ކޭން އެހެން ބުނެފައިވަނީ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެ ރޭ ވެމްބްލީ ސްޓޭޑިއަމްގައި ބާސެލޯނާއާ ދެކޮޅަށް ޓޮޓެންހަމް ނުކުންނަ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން ކޭން ބުނީ ބާސާއާ ދެކޮޅަށް ކުޅުމަކީ މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗާ މުޅިން ތަފާތު މެޗެއް ކަމަށެވެ.

ކޭން ބުނީ ބާސެލޯނާއަކީ ވަރަށް ތަފާތު ކުޅުންތެރިން ތިބި ޓީމެއް ކަމަށާއި އަދި މެސީއަކީ މުޅިން އެހެން ލެވެލެއްގެ ކުޅުންތެރިއެއް ކަމަށެވެ.

މެސީ އާ ރޮނާލްޑޯ ކޮންމެ ސީޒަނެއްގައި 50 ނުވަތަ 60 ލަނޑު ޖަހާ ކަމަށާއި އެއީ ކޮންމެ ކުޅުންތެރިއަކުވެސް ދާން ބޭނުންވާނެ ހިސާބެއް ކަމަށް ކޭން ބުންޏެވެ.

ނިމިގެންދިޔަ ވޯލްޑް ކަޕް މުބާރާތުގެ ރަން ބޫޓު ހާސިލް ކުރި ކޭން ބުނިގޮތުގައި އޭނާގެ ވެސް އަމާޒަކީ އެފަދަ ހިސާބަކަށް ދިޔުމެވެ.

ކޭން ބުނީ ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންނާ ދެކޮޅަށް ކުޅުމަކީ އަބަދުވެސް ކުރިއަރަން މަސައްކަތްކުރާއިރު އެންމެ މުހިއްމު ކަންތައް ކަމަށެވެ.

ޗެމްޕިއަންސް ލީގުގައި ޓޮޓެންހަމް މި ފަހަރު ކުޅުނު ފުރަތަމަ މެޗުން ވަނީ ރަށުންބޭރުގައި އިންޓަ މިލާން އަތުން ބަލިވެފަ އެވެ. ބާސެލޯނާ ވަނީ އަމިއްލަ ދަނޑުގައި ޕީއެސްވީ އެއިންދޯވަން އަތުން މޮޅުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް