ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގިނަ ޓީމުތައް މައްސަލަތަކެއްގެ ތެރޭގައި އޮތުމުން މުބާރާތުގެ ފެންވަރާއި ފޯރިއަށް އަސަރުކުރާނެ ކަމަށް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
ނިޒާމްބެ ބުނީ ބައެއް ޓީމުތަކަށް ޕްރިމިއާ ލީގަށް ކޮލިފައިވާ ހިސާބުން ހުރިހާ ކަމެއް ނިމޭ ކަމަށާއި ލީގުގެ ފުރަތަމަ ފަސް މެޗެއް ނިމޭއިރު، ދެން ވާދަކުރަންޖެހޭ ޓީމުތަކާއި ޕްރެމިއަރ ލީގަށް ކޮލިފައިވާނެ ޓީމުތައްވެސް އެނގޭ ކަމަށެވެ.
ނިޒާމްބެ ބުނީ ހަގީގަތުގައި ލީގު ރޭވިފައި މިހާރު އޮތް ސިސްޓަމް އޮތް ގޮތުން އެކަށީގެންވާ ގޮތެއްގައި އެސިސްޓަމް މަސައްކަތެއް ނުކުރާނެ ކަމަށެވެ.
މާލޭ ލީގުގައި ޓީމުތައް ކުޅޭ ވާދަވެރިކަން ޕްރިމިއާ ލީގަށް ވެސް ގެނެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށް ނިޒާމްބެ ބުންޏެވެ. އަދި އެބަދަލު ނުގެނެވޭނަމަ ހަމައެކަނި ކުޅެލަން އަންނަ ވިސްނުމެއްގައި އޮންނަ ޓީމުތަކާ އެކު ރަނގަޅު ވާދަވެރި ފުޓުބޯޅައެއް ނުކުޅެވޭނެ ކަމަށްވެސް ނިޒާމް ބުންޏެވެ.
ނިޒާމްބެ ބުނީ މާލީ ގޮތުން ދިމާވާ މައްސަލަތައް ހައްލުކުރަން ހުރިހާ ޓީމަކުން ވެސް ވަރަށް ބޮޑަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އަދި އެންމެ މުހިއްމު ކަމަކީ އެ އޮންނަ ބަޖެޓެއްގެ ތެރެއިން ހުރިހާ ކަމެއް ނިންމުން ކަމަށް ނިޒާމްބެ ބުންޏެވެ.
ބޮޑު މެދުކެނޑުމަކަށް ފަހު އަލުން ދިރާގު ދިވެހި ޕްރިމިއާ ލީގު ފަށައިގެން ކުރިއަށްދިޔުމާއި ގުޅޭގޮތުން ނިޒާމްބެ ބުނީ އެކަމުގެ ސަބަބުން ލީގަށް ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ.
ނިޒާމްބެ ބުނީ ޕްރީ ސީޒަނަކަށް ވުރެ ބޮޑު ބްރޭކަކަށްފަހު އެނބުރިއައިސް މެޗުޗަށް ކުޅެން އުނދަގޫ ވާނެ ކަމަށެވެ. އެކަމަކު ދެތިން މެޗު ކުޅެލުމަށްފަހު ކުޅުންތެރިން ކުރިން ހުރި ލެވެލާ ގާތްވާ ވަރަށް ކުޅެވޭނެ ކަމަށެވެ.
ޓީސީ ލީގުގެ އެއް ވަނައިގައި އޮތީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ކުޅުނު ފަސް މެޗުން ވެސް މޮޅުވެގެންނެވެ. ލީގު މެދުކަނޑާލުމަށް ފަހު އެނބުރި އައި ފަހުން ޓީސީން ކުޅުނު ފުރަތަމަ މެޗުން ނިއު ރޭޑިއަންޓް އަތުން ވަނީ މޮޅުވެފައެވެ