ރާއްޖޭގެ އެކި ރަށްރަށުގައި ފްލެޓް އިމާރާތްކުރަން ހަވާލުކުރި ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސްއާއެކު ހަދާފައިވާ އެއްބަސްވުން، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބާތިލުކުރުމުން އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 150 މިލިއަން ޑޮލަރުު (2.3 ބިލިއަން ރުފިޔާ) ހޯދަން ހުށަހަޅައިފި އެވެ.
އެ މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހަޅާފައި ވާއިރު، ދިވެހި ދައުލަތުން މި މަހު ޖަވާބުދާރީވާންޖެހެ އެވެ. އެކަމަށްޓަކައި ސިންގަޕޫރުގެ ގާނޫނީ ވަކީލުންގެ ޓީމެއް މިހާރު އައްޔަންކޮށްފައިވާކަން ރާއްޖެއެމްވީ އަށް ވަނީ އެނގިފަ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ ބައެއް ރަށްރަށުގައި ފްލެޓް އެޅުމަށް ހަވާލުކުރި ނޫމަޑިއާއެކު ހަދާފައިވާ އެއްބަސްވުން ރައީސް ޔާމީންގެ ސަރުކާރުން ބާތިލްކުރީ އެއްބަސްވުމާ އެއްގޮތަށް އެ ފްލެޓްތައް ނިންމުން ދިގުލައި ދިއުމުގެ ސަބަބުން ކަމަށް ރާއްޖެ އެމްވީއަށް ވަނީ އެނގިފަ އެވެ.
މިކަމާ ގުޅޭ ގޮތުން އެ ކުންފުނީގެ ބަހެއް އަދި ނުލިބެ އެވެ.
އެރަށްރަށުގައި 500 ފްލެޓް އިމާރާތްކުރުމުގެ މަޝްރޫއުގެ އިތުރުން، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ސިފައިންނާއި ފުހުންގެ ފްލެޓްތައް އިމާރާތްކުރަން ހަވާލުކުރީ ވެސް ނޫމަޑިއާއެވެ. ސިފައިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުޅުމާލޭގައި ހަދާ "ސިފްކޯހިޔާ"ގެ މަސައްކަތް ނުނިމެނީސް ނޫމަޑިއަށް 125 މިލިއަން ރުފިޔާ ދިން މައްސަލައެއް ފެންމަތިވި އެވެ.