ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އަންގާރަ ދުވަހުގެ ހަވީރު ފ. ނިލަންދޫ އަތުން މޮޅުވެ ށ. ފޯކައިދޫ ޕޮއިންޓް ޓޭބަލްގެ ހަތަރުވަނަ މަޤާމަށް ޖެހިލައިފިއެވެ.
ނިލަންދޫގެ މައްޗަށް ފޯކައިދޫ މޮޅުވެފައިވަނީ 0-2 އިންނެވެ. މި މެޗުގައި ފޯކައިދޫން ދެ ގޯލް ވެސް ޖެހީ، ނިލަންދޫގެ ކުޅުންތެރިޔަކަށް ރަތްކާޑު ދެއްކުމުގެ ފައިދާ ނަގައި މެޗުގެ ފަހު 10 މިނެޓުގެ ތެރޭގަ އެވެ.
މި މޮޅާ އެކު ފޯކައިދޫ 8 ޕޮއިންޓާ އެކު ހަތަރު ވަނަ އަށް އެރިނަމަވެސް ކުރިއަށް ހުރި މެޗުތަކާއެކު ޕޮއިންޓް ޓޭބަލަށް ބަދަލު އަންނާނެއެވެ.
މި މެޗުގެ ކުރީކޮޅު ނިލަންދޫގެ އަޑޮކޫ ލޫކަސް އަށް ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. އޭގެ ފަހުން ފެނުނީ ފޯކައިދޫން ނުރައްކާކުރި ތަނެވެ.
ދެ ވަނަ ހާފުގައި ނިލަންދޫ އަށް މައްސަލަތަކެއް ދިމާވީ އެ ޓީމުގެ ހަބީލާ މަރްލޫ އަށް ދެ ވަނަ ރަނދޫ ކާޑާއެކު 74 ވަނަ މިނެޓުގައި ރަތެއް ދެއްކުމުންނެވެ.
ފޯކައިދޫގެ ފުރަތަމަ ގޯލް 79 ވަނަ މިނެޓުގައި ޖެހީ އަހުމަދު ޝަމާލެވެ. ފޯކައިދޫގެ ދެ ވަނަ ގޯލް 86 ވަނަ މިނެޓުގައި ކާމިޔާބުކުރީ މުހައްމަދު ޖައިލަމެވެ.
ފޯކައިދޫގެ ކޯޗު އަލީ ނިޝްތާރު ބުނީ މެޗު އެނބުރުނީ ނިލަންދޫގެ އެކަކު މަދުވި ހިސާބުން ފެށިގެން ކަމަށާއި މި މެޗުން ލިބިގެން ދިޔައީ ވަރަށް މުހިއްމު މޮޅެއް ކަމަށެވެ.
ނިލަންދޫގެ ކޯޗު އާދަމް އަބްދުއްލަތީފް (ލައްޗޭ) ބުނީ އޭނާގެ ޓީމުގެ ކުޅުންތެރިން ރަނގަޅަށް ކުޅުނު ކަމަށާއި ރަތްކާޑުގެ ސަބަބުން މެޗަށް އަސަރުކުރި ކަމަށް ނުދެކޭ ކަމަށެވެ.