ކ. މާލެ
|
1 އޮކްޓޯބަރ 2018 | ހޯމަ 14:02
ސާފް ސުޒުކީ ކަޕްގެ ތައްޓާއެކު ނ. މާފަރަށް އުފަން އަކްރަމް އަބްދުލް ޣަނީ
ސާފް ސުޒުކީ ކަޕްގެ ތައްޓާއެކު ނ. މާފަރަށް އުފަން އަކްރަމް އަބްދުލް ޣަނީ
އިމޭޖަސް.އެމްވީ
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޝިޕްގެ ތަށި އެންމެ ފުރަތަމަ މާފަރަށް!
މިފަހަރު ހުރިހާ ރަށަކަށް ނުގެންދާނެ
ކުޅުންތެރިންގެ ކުލަބުތަކަށް އުނދަގޫ ނުވާނެ ގޮތް ބަލާނެ

ސާފް ސުޒުކީ ކަޕްގެ ތަށި އެންމެ ފުރަތަމަ ގެންދާނީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ގަނީ (އަކޫ)ގެ އުފަން ރަށް ނ. މާފަރަށް ކަމަށް އެފްއޭއެމުން ބުނެފި އެވެ.

އެފްއޭއެމް އިން އެގޮތަށް ބުނީ ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ނިސްބަތްވާ ރަށްރަށަށް ތަށި ގެންދިޔުމަށް ރާވާފައިވާ ދަތުރުތަކާއި ގުޅިގެންނެވެ.

ރާއްޖޭން 2008 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކުރުމުން މުބާރާތުގެ ތަށި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ގެންދިޔަ ނަމަވެސް މި ފަހަރު ތަށި ގެންދާނީ ކުޅުންތެރިން ނިސްބަތްވާ ރަށްތަކަށް އެކަންޏެވެ.

މި ފަހަރުގެ ސާފްގެ ތަށި ހޯދި 20 ކުޅުންތެރިންގެ ތެރޭގައި ރާއްޖޭގެ ގިނަ އަތޮޅުތަކަށް ނިސްބަތްވާ ކުޅުންތެރިން ހިމެނެ އެވެ. އޭގެ ތެރެއިން އެއް ރަށަކަށް ނިސްބަތްވާ ކުޅުންތެރިން ވެސް ހިމެނެ އެވެ. އެ ރަށްތަކަށް ބަލާއިރު ހދ. ނޮޅިވަރަމްފަރު، ހދ. ނޭކުރެންދޫ، ނ. މާފަރު، ނ. ކުޑަފަރި، އދ. މަހިބަދޫ، އދ. ފެންފުށި، ބ. އޭދަފުށި، ދ. ރިނބުދޫ، ތ، ތިމަރަފުށި، ތ. ކިނބިދޫ، ލ. ކުނަހަންދޫ، ލ. މާބައިދޫ، ކ. ގުރައިދޫ، ސ. ފޭދޫ އަދި ސ. ހިތަދޫ ހިމެނެ އެވެ.

މުބާރާތުގެ ތަށި ޓީމުގައި ކުޅުންތެރިންގެ ރަށްތަކަށް ގެންދަން އެފްއޭއެމުން ނިންމީ އެ ކުޅުންތެރިން ހޯދި ކާމިޔާބީގެ އަގުވަޒަންކުރުމުގެ ފުރުސަތު އުފަން ރަށުގައި ވެސް ދިނުމުގެ ގޮތުންނެވެ.

މިފަހަރުގެ މުބާރާތް ކާމިޔާބުކުރި ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީގެ އުފަން ރަށަށް ތަށި ގެންދަން ނިންމާފައިވާއިރު، ރާއްޖޭން 2008 ވަނަ އަހަރު މުބާރާތް ކާމިޔާބުކުރިއިރު، ޓީމުގެ ކެޕްޓަނަކަށް ހުރީ އަކްރަމްގެ ބޭބެ އައްސަދު އަބްދުލް ގަނީ އެވެ.

މި ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތުގެ ތަށި 10 އަހަރު ފަހުން ރާއްޖެ މި ފަހަރު ހޯދީ ބަންގްލަދޭޝްގައި ކުރިއަށްދިޔަ މުބާރާތުގެ ފައިނަލުގައި އިންޑިއާ އަތުން 2-1 އިން ހޯދި މޮޅާ އެކު އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ރާއްޖޭގެ އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރަށްރަށަށް ތަށި ގެންދިއުމުގެ ކަންތައްތައް ހަމަޖެއްސުމުގެ މަޝްވަރާތައް ކުޅުންތެރިން ކުޅެމުން އަންނަ ކްލަބްތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ރަށްރަށަށް ތަށި ގެންދިއުމުގައި ކުޅުންތެރިން ކުޅެމުން އަންނަ ޓީމުތަކުގެ ޝެޑިއުލަށް ބުރޫނާރާ ގޮތަށް އެކަން ކުރުމަށް ކަމަށް އެފްއޭއެމް އިން ވަނީ ވަރަށްބޮޑު ސަމާލުކަމެއް ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް