ކ. މާލެ
|
27 ސެޕްޓެންބަރ 2018 | ބުރާސްފަތި 19:23
ބާސެލޯނާގެ މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް
ބާސެލޯނާގެ މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް
ގެޓީ އިމޭޖަސް
ބާސެލޯނާ
ބާސާއާއެކު ހަދާފައިވާ އެއްބަސްވުން ބުސްކެޓްސް އާކޮށްފި
އޭނާގެ ރިލީޒް ފީއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 500 މިލިއަން ޔޫރޯ

ބާސެލޯނާއާއެކު ހަދާފައިވާ އެއްބަސްވުން ސްޕެއިންގެ މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް އައުކޮށްފިއެވެ. 

އޭނާ ބާސާއާއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. 2023 ވަނަ އަހަރުގެ ނިޔަލަށް އޭނާ އެ ކްލަބްގައި މަޑުކުރާއިރު އޭނާގެ ރިލީޒް ފީއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 500 މިލިއަން ޔޫރޯއެވެ. 

އުމުރުން 30 އަހަރުގެ ބުސްކެޓްސްއަކީ ބާސާގެ މަޝްހޫރު ޔޫތު އެކަޑަމީ ކަމަށްވާ ލަ މާސިއާއިން ތަމްރީންވި ކުޅުންތެރިޔެކެވެ. އޭނާގެ މުޅި ހަޔާތް ވެސް ބާސާގައި ހޭދަކޮށްފައިވާއިރު މި ކޮންޓްރެކްޓާއެކު އޭނާ ރިޓަޔާ ކުރާނީ ވެސް ބާސާގައި ހުރެގެން ކަމަށް ބެލެވެއެވެ. 

ބާސާއިން އޭނާއަށް އައު ކޮންޓްރެކްޓެއް ހުށަހަޅާފައިވަނީ އޭނާ ހޯދުމަށް އެހެން ކްލަބްތަކުން ވެސް މަސައްކަތް ކުރުމާއި ގުޅިގެންނެވެ. އެގޮތުން ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީއިން އޭނާ ހޯދުމަށް ބޮޑު އަގެއް ހުށަހަޅަން އޮތީ ތައްޔާރަށް ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ. އެހެން ނަމަވެސް މި ކޮންޓްރެކްޓާއެކު އޭނާ ކުރިޔަށް އޮތް ސީޒަންތަކުގައި އެހެން ކްލަބަކުން ފެނުމުގެ ފުރުސަތު ވަނީ ކުޑަވެގެން ގޮސްފައެވެ. 

ބުސްކެޓްސް ވަނީ މިހާތަނަށް ބާސާއާއެކު ހަތް ސްޕެނިޝް ލަލީގާ އާއި ތިން ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ މިހާތަނަށް ކުޅުނު 490 މެޗުގައި އެޓީމަށް 13 ލަނޑު ޖަހާފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް