ކ. މާލެ
|
27 ސެޕްޓެންބަރ 2018 | ބުރާސްފަތި 17:36
2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތަށި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އުފުލާލަނީ
2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތަށި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އުފުލާލަނީ
ގޯލް.ކޮމް
2024 ވަނަ އަހަރުގެ ޔޫރޯ
2024 ވަނަ އަހަރުގެ ޔޫރޯ ބާއްވާނެ ގައުމެއް ކަނޑައަޅަނީ!
ބިޑު ހުށަހަޅާފައިވަނީ ޖަރުމަނާއި ތުރުކީއިން
ބައިނަލްއަގްވާމީ ބޮޑު ފުޓްބޯޅަ މުބާރާތެއް މީގެކުރިން ތުރުކީގައި ބާއްވާފައިނުވޭ
2020 ވަނަ އަހަރުގެ ޔޫރޯ ބާއްވާ 12 ގައުމުގެ ތެރޭގައި ވެސް ޖަރުމަނު ހިމެނޭ

ޔޫރަޕުގެ ގައުމުތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތް 2024 ވަނަ އަހަރު ބާއްވާ ގައުމު ހޮވުމަށް ތައްޔާރުވެއްޖެއެވެ. 

ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ޔުއެފާގެ މެމްބަރު ގައުމުތަކުގެ މެދުގައި ވޯޓުލުމަށް ނިންމާފައިވާއިރު އިންތިހާބުގައި ވާދަކުރުމަށް ބިޑު ހުށަހެޅީ ޖަރުމަނު އަދި ތުރުކީ އިންނެވެ. 

ވޯޓުލުމުގެ ކުރިން ނެރުނު އިވެލުއޭޝަން ރިޕޯޓުތަކުގައި ވަނީ ތުރުކީގައި މުބާރާތް ބާއްވައިފިނަމަ ހުރި ބައެއް ނުރައްކާތައް ފާހަގަކޮށްފައެވެ. އެގޮތުން މުބާރާތް ބޭއްވުމަށް ތުރުކީއިން ކަނޑައެޅި ބައެއް ސިޓީތަކުގެ ހޮޓެލްތަކުގައި ބޭނުންވާ ވަރަށް ކޮޓަރި ނެތް ކަމަށާއި އިންސާނީ ހައްގުތަކާއި ގުޅިގެން ތުރުކީއިން އެކްޝަން ޕްލޭނެއް ތައްޔާރު ކޮށްފައިނުވާކަން އެ ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ. ހަމައެހެންމެ ތުރުކީގެ ދަތުރުފަތުރުގެ ނިޒާމަކީ ވެސް އެފަދަ ބޮޑު މުބާރާތެއް ބާއްވާ ގައުމެއްގައި އޮންނަން ޖެހޭ ވަރަށް ވުރެ ކުޑަ ނިޒާމެއް ކަމަށް ވެސް ވަނީ ފާހަގަ ކޮށްފައެވެ. 

2020 ވަނަ އަހަރުގެ ޔޫރޯ ޔޫރަޕުގެ އެކި ގައުމުތަކުގައި ބޭއްވުމަށް ފަހު 2024 ވަނަ އަހަރުގެ މުބާރާތް އަނެއްކާ ވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އެއް ގައުމުގައެވެ. 

ތުރުކީގެ ފުޓްބޯޅަ ފެޑެރޭޝަންގެ ނައިބް ރައީސް ސަރވެޓް ޔަޑިމްސީ ވިދާޅުވީ އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަކީ އެގައުމުގެ ސަރުކާރުން އެންމެ އިސްކަން ދީގެން ކުރަމުންދާ މަސައްކަތް ކަމަށާއި ޔޫރޯ ބާއްވައިފިނަމަ އެ މަސައްކަތަށް އިތުރު ބާރެއް ލިބިގެން ދާނެ ކަމަށެވެ. މިއީ ތުރުކީގައި ޔޫރޯ ބާއްވަން އެންމެ ރަނގަޅު ވަގުތު ކަމަށާއި ތުރުކީގައި އެމުބާރާތް ނުބޭއްވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. 

ޖަރުމަނުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ސެކްރެޓަރީ ޖެނެރަލް ފްރީޑްރިކް ކަރޓިސް ވިދާޅުވީ މިވަގުތު އެންމެ މުހިންމު ސުވާލަކީ ޔޫރަޕަށް އެންމެ ފައިދާ ބޮޑު ގޮތަކީ ކޮބައިތޯ ބެލުން ކަމަށާއި ޔޫރަޕުގެ މެދުގައި އެފަދަ ބޮޑު މުބާރާތެއް ބޭއްވުން ވެގެންދާނީ ފުޓްބޯޅައަށް ލިބިގެންދާނެ ބޮޑު ކުރިއެރުމަކަށް ކަމަށެވެ. 

ބައިނަލްއަގްވާމީ ބޮޑު ފުޓްބޯޅަ މުބާރާތެއް މީގެކުރިން ތުރުކީގައި ބާއްވާފައިނުވާއިރު 2006 ވަނަ އަހަރުގެ ފީފާ ވާރލްޑް ކަޕް ބާއްވައިފަނީ ޖަރުމަނުގައެވެ. 2020 ވަނަ އަހަރުގެ ޔޫރޯ ބޭއްވުމަށް ނިންމާފައިވާ 12 ގައުމުތަކުގެ ތެރޭގައި ވެސް ޖަރުމަނު ހިމެނެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް