ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޭބަންދަށް ބަދަލުނުކޮށް ހިފަހައްޓަނީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަންގަވައިގެން ކަމަށް ބުނެ ފަތުރާ ވާހަކަތަކަކީ ދޮގެއް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނެފިއެވެ.
ބުދަ ދުވަހު ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ކަރެކްޝަނަލް ސަރވިސްގެ ތަރުޖަމާނު އަހުމަދު ލުގުމާން ވިދާޅުވީ ރައީސް މައުމޫން ގޭބަންދަށް ބަދަލުނުކޮށް ހިފަހައްޓަނީ ރައީސް ޔާމީން އަންގަވައިގެން ކަމަށް ބުނެ ފަތުރާ ވާހަކަތަކަކީ ދޮގެއް ކަމަށާއި ރައީސް މައުމޫން މިނިވަންކުރުމާއި ބެހޭ ގޮތުން މިވަގުތު މީޑިއާތަކަށް އެއްވެސް މައުލޫމާތެއް ހިއްސާ ކުރަން ބޭނުންވެވަޑައިނުގަންނަވާ ކަމަށެވެ.
ރައީސް މައުމޫންގެ މައްސަލަ ރިވިއު ކުރުމަށްޓަކައި ހޯމަ ދުވަހުގެ ރޭ ކްރިމިނަލް ކޯޓަށް ގެނެސްވާއިރު އެ މައްސަލަ އެހެން ދުވަހަކަށް ފަސްކޮށް އެމަނިކުފާނު ވަނީ އަނބުރާ ޖަލަށް ފޮނުވާލާފައެވެ.
ރައީސް މައުމޫން ގޭބަންދަށް ބަދަލުކުރުމުގެ ހުރިހާ ކަމެއް މެޑިކަލް ބޯޑުން ނިންމާފައިވި ނަމަވެސް އަދިވެސް އެމަނިކުފާނު ހުންނެވީ ޖަލުގައެވެ.
ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އާއިލާ އިން ވަނީ އެމަނިކުފާނު އަދިވެސް ޖަލުގައި ހުންނެވުމުން އެކަމުގެ ކަންބޮޑުވުން އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) އާ ބައްދަލު ކުރައްވާ ހިއްސާ ކުރައްވާފައެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން އެކަމާއި ގުޅިގެން ކުރެއްވި ޓުވީޓްގައި ވިދާޅުވެފައިވަނީ ރައީސް މައުމޫން އަދިވެސް ޖަލުން، ގޭބަންދަށް ބަދަލުކޮށްފައިނުވާތީ އެކަމުގެ ކަންބޮޑުވުންތައް އިބޫއާ ހިއްސާ ކުރައްވާފައިވާ ކަމަށެވެ.
Met with the President-Elect Hon @ibusolih to congratulate him and to share our concern that President Maumoon has still not been transferred home even after @Corrections_Mv’s medical board has decided that he should be transferred home. @hrcmv pic.twitter.com/d17Q9I1keV
— Yumna Maumoon (@yumna_maumoon) September 26, 2018
އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާއެއް ސާބިތުވެ، މައުމޫން ގެންދަވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.