ކ. މާލެ
|
20 ސެޕްޓެންބަރ 2018 | ބުރާސްފަތި 23:23
ރައްޔިތުން މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ
ރައްޔިތުން މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ރައީސް ޔާމީންގެ ސިޔާސަތަކީ ބިރުވެރި ސިޔާސަތެއް: ނިޒާރު
ރައީސް ޔާމީންގެ އަނިޔާވެރިކަމުގެ ވާހަކަ ދައްކަވަން އެބަޖެހޭ
އަތޮޅުތައް ހިންގުމުގެ ހަމައެކަނި ހައްލަކީ ލާމަރުކަޒީކޮށް އަތޮޅުތައް ހިންގުން
ރަށްތަކަށް ހައްޤުވާ މިންވަރު ނުދޭނަމަ ރާއްޖޭގެ ސިޔާސީ ބޭފުޅުން އެކަމާ ލަދު ގަންނަން ޖެހޭނެ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސިޔާސަތަކީ ބިރުވެރި ސިޔާސަތެއް ކަމަށް ރައްޔިތުން މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުރާސްފަތި ދުވަހުގެ ރޭ ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ ރައީސް ޔާމީން ވެރިކަމުގެ އިތުރު ދައުރެއް ހޭދަ ކުރައްވައިފިނަމަ މިނިވަންކަމާއެކު ހުންނަ ސިޔާސީ މީހެއް ނެތް ތާނގައި ފުރާނަ ހުރި ސިޔާސީ މީހެއް ވެސް ނުހުންނާނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ އަނިޔާވެރިކަމުގެ ވާހަކަ ދައްކަވަން އެބަޖެހޭ ކަމަށާއި އެއީ ނުދައްކާ ދޫކޮށްލާވަރުގެ ވާހަކައެއް ނޫން ކަމަށް ނިޒާރު ވިދާޅުވިއެވެ.

"ރައީސް ޔާމީން އިތުރު ދައުރެއް ވެރިކަމުގައި ހޭދަކޮށްފިނަމަ މިނިވަންކަމާއެކު އުޅޭނެ ސިޔާސީ މީހެއް ނެތް ތާނގައި ފުރާނަ ހުރި ސިޔާސީ މީހެއް ވެސް ހުންނާނެ ކަމަކީ ޝައްކެއް އޮތް ކަމެއް ނޫން. އަޅުގަނޑު ކުރިން ވެސް ފާހަގަކުރިން މީގެ 60 ނުވަތަ 50 އަހަރު ކުރީގައި ދެވޭ އަދަބަކީ އުމުރަށް، ތާ އަބަދު ބަލިވާ ކަހަލަ އަދަބު ދީގެން މި ރާއްޖޭގެ ސިޔާސީ ހާލަތު އެމީހުން ބޭނުން ގޮތަކަށް ބައްޓަން ކުރުން" ނިޒާރު ވިދާޅުވިއެވެ.

އަތޮޅުތައް ހިންގުމުގެ ހަމައެކަނި ހައްލަކީ ލާމަރުކަޒީކޮށް އަތޮޅުތައް ހިންގުން ކަމަށް ވިދާޅުވެ ނިޒާރު ވިދާޅުވީ ލާމަރުކަޒީ ޤާނޫނު ތަންފީޒުކޮށްދޭން ޖެހޭނެ ކަމަށެވެ. ރަށްތަކަށް ހައްޤުވާ މިންވަރު ނުދޭނަމަ ރާއްޖޭގެ ސިޔާސީ ބޭފުޅުން އެކަމާ ލަދު ގަންނަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އަތޮޅުތައް ހިންގޭނީ ހަމައެކަނި ލާމަރުކަޒުކޮށްގެން ކަމަށް ނިޒާރު ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީން އައްޑޫ ސިޓީއަށް އެއްވެސް ތަރައްޤީއެއް ނުގެންނަވާ ކަމަށާއި ސިޔާސީ ހަސަދައިގައި އައްޑޫ އަށް ހަދާލި ގޮތް ހުރިހާ ރައްޔިތުންނަށް ސާފު ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ވެރިކަން ކުރުމުގެ ފުރުސަތު ބޮޑީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) އާއި އެމަނިކުފާނުގެ ރަނިންގްމޭޓް ފައިސަލް ނަސީމް އަކަށް ކަމަށް ނިޒާރު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބޮޑުތަނުން ބަލިކުރަން ޖެހޭނެ ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.

މި ޖަލްސާގައި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެކަމަނާ ވަނީ މި ޤައުމު އަނިޔާވެރިކަމުން ސަލާމަތްކޮށް ދިނުމަށް ހުރިހާ ރައްޔިތުން ނިކުމެ އިބޫ އަށް ވޯޓު ދީ "އަނިޔާވެރި މި ސަރުކާރަށް ނިމުމެއް ގެނައުމަށް" ނެރުއްވި ވީޑިއޯ އިންޓަވިއުއެއްގައި އިލްތިމާސް ކުރައްވާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
20 ސެޕްޓެންބަރ 2018 | ބުރާސްފަތި 20:31
ހ މ ޒ
ހިޔާ މަޝްރޫޢު އަށް ފޯމް ހުށަހަޅާ ހުރިހާ ފަރާތްތަކަށް ފްލެޓް ދޭން ނިންމައިފި!