ކ. މާލެ
|
18 ސެޕްޓެންބަރ 2018 | އަންގާރަ 14:37
ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ ވެލާނާގެ
ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ ވެލާނާގެ
ޓްވިޓަރ
ސިވިލް ސަރވިސް ކޮމިޝަން
ސިވިލް ސަރވިސްގެ މުވައްޒަފުން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވުމަށް އިލްތިމާސްކޮށްފި
މަޤާމުގެ ހައިސިއްޔަތުން ހިދުމަތް ދިނުމުގެ ސިޔާސީ އެއްވެސް ތައައްސުބެއް ގެންގުޅެގެން ނުވާނެ
ސިވިލް ސަރވިސްގެ ޤަވާއިދުގައި ހުއްދަނުކުރާ މަޤާމެއް ފުރައިގެން ނުވާނެ
ސިވިލް ސަރވިސް އިދާރާތަކުން ޤާނޫނާއި ޤަވާއިދުތަކުގެ މަތިން އަމަލުތައް ބެހެއްޓުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައި

ސިވިލް ސަރވިސްގެ މުވައްޒަފުން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވުމަށް ސިވިލް ސަރވިސް ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

އެ ކޮމިޝަނުން ހޯމަ ދުވަހު ނެރުނު ސަރކިއުލަރގައި ބުނެފައި ވަނީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 53 ވަނަ މާއްދާގައި ބަޔާންވެގެންވާ ގޮތުގެ މަތިން މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ މަސައްކަތުގެ ރަސްމީ ގަޑިން ބޭރުން، ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވެވޭނެ ކަމަށާއި މަޤާމުން ލިބޭ ބާރެއްގެ ބޭނުންކޮށްގެން އެއްވެސް ފަރާތެއްގެ ސިޔާސީ ހަރަކާތަކަށް ބާރު ނުފޯރުވޭނެ ކަމަށެވެ. އަދި މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި ފަރާތަކަށް ޖެހިފައިވާކަން ދޭހަވާ ފަދަ ގޮތަކަށް ނުވަތަ މަސްއޫލިއްޔަތުތަކަށް ހުރަސް އެޅޭ ފަދަ ގޮތަކަށް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވެވޭނެ ކަމަށެވެ.

މީގެ އިތުރުން މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނުވަތަ މަޤާމުގެ ހައިސިއްޔަތުން ހިދުމަތް ދިނުމުގެ ސިޔާސީ އެއްވެސް ތައައްސުބެއް ގެންގުޅެގެން ނުވާނެ ކަމަށާއި ސިވިލް ސަރވިސްގައި ދެމިހުރިހާ ހިނދަކު ސިޔާސީ ޕާޓީއެއްގެ މަޤާމުތަކުގެ ތެރެއިން ޤާނޫނަކުން ނުވަތަ ސިވިލް ސަރވިސްގެ ޤަވާއިދުގައި ހުއްދަ ނުކުރާ މަޤާމެއް ފުރައިގެން ނުވާނެ ކަމަށް ވެސް އެ ސަރކިއުލަގައި ވެއެވެ.

އެހެންކަމުން ކުރިއޮތް ރިޔާސީ އިންތިހާބުގެ ކަންތައްތަކުގައި ބައިވެރިވެ އުޅުމުގައި ސިވިލް ސަރވިސްގެ އެންމެހާ މުވައްޒަފުން އެ ފަރާތްތަކުގެ މަޤާމާއި އިދާރާތަކުގެ ނަން ބޭނުންކޮށްގެން ސިޔާސީ ހަރަކާތްތަކަށް ބާރު އަދި ނުފޫޒު ނުފޯރުވުމަށާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ އުޅުމުގައި އެންމެހާ މުވައްޒަފުންނާއި އަދި ސިވިލް ސަރވިސް އިދާރާތަކުން ޤާނޫނާއި ޤަވާއިދުތަކުގެ މަތިން އަމަލުތައް ބެހެއްޓުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

އެ ސަރކިއުލަގައި އިތުރަށް ބުނެފައި ވަނީ ރިޔާސީ އިންތިހާބާ ގުޅިގެން ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުން، އަމިއްލަ ހައިސިއްޔަތުން ފާޅުކުރާ ހިޔާލުތައް މީޑިއާތަކުން ގެނެސްދިނުމުގައި އެ މުވައްޒަފުން އަދާކުރާ ވަޒީފާތަކަށް ނިސްބަތް ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

ސިވިލް ސަރވިސް ކޮމިޝަނުން މިފަދައިން ސަރކިއުލައެއް ނެރެފައިވާއިރު ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ ގިނަ މުވައްޒަފުންތަކެއް އަންނަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) އަށް ތާއީދުކުރާކަން ހާމަކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
18 ސެޕްޓެންބަރ 2018 | އަންގާރަ 14:36
H3e
Ragalha e circular vidhaalhuvintho.