ފަށާ ތަޢުލީމު މާދަރީ ބަހުން ދިނުމާ ގުޅޭ ގޮތުން މިހާރު މުޅި ދުނިޔޭގައި ވެސް ހަރުއަޑުން ވާހަކަދައްކަމުން ގެންދެވެއެވެ. އަދި މިއީ އެކި ފަރާތްތަކުން ސަމާލުކަން ދެމުންގެންދާ ކަމެކެވެ. އަޅުގަނޑުމެންގެ ޤައުމު ދިވެހިރާއްޖޭގައި ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރޮކްޝަންގެ ގޮތުގައި ދިވެހިބަސް ބޭނުން ނުކުރަނީ ކީއްވެގެން ބާވައެވެ؟ މިއީ މިހާރު އުފެދޭ ސުވާލެކެވެ. "މާދަރީ ބަހުން ކިޔަވައިދިނުމަށް ޖެހިލުން ވާނީ ބޭރު ބަހެއް ދަސްކުރުމާއި، ޢިލްމު އުނގެނުމާ ދެމެދު ހުރި ތަފާތު ނުދަންނަ މީހުންނެވެ". މިއީ ރަބިންދްރަނާތު ޓޭގޯރއާ ޙަވާލާ ދެއްވައި ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (2011) ލިޔުއްވާފައިވާ ޢިބާރާތެކެވެ. މާދަރީބަހުން ފަށާތަޢުލީމު ކިޔަވައިދިނުން ދުނިޔޭގެ ބައެއް ޤައުމުތަކުގައި ތަޖުރިބާކުރަމުން ވެސް އެބަ ގެންދޭމެއެވެ. އަދި މިހާރު ބައެއް ޤަމުތަކުގައި ޤާނޫނީ ނިޒާމުގެ ތެރެއިން ވެސް މާދަރީ ބަހުން ކިޔަވައިދިނުން ލާޒިމްކުރަމުން ވެސް އެބަ ގެންދެއެވެ.
އަޅުގަނޑުމެންނަކީ ދިވެހިންނެވެ. ދިވެހިންގެ މާދަރީ ބަހަކީ ދިވެހިބަހެވެ. އެޑްވަޑް ފިނެގަން (1999) ބަޔާންކުރައްވާ ގޮތުގައި ޅަފަތުގެ ޢުމުރަކީ ކުއްޖާ ވާހަކަދެއްކުމަށް ބޭނުންވާ ގުނަވަންތައް ހަށިގަނޑުގައި ފުރާފުރިހަމަވާ ޢުމުރެވެ. އަދި ކުއްޖާ ދިރިއުޅޭ މާޙައުލުގައިވާ އަޑުތައް ދެނަގަނެ، ވާހަކަދެއްކުމަށް ބޭނުންވާ ހުރިހައި ކަމެއް ކުއްޖާގެ ސިކުނޑީގައިވާ ބަސް ދަސްކުރުމުގެ ނިޒާމުގައި އަށަގަންނަ މަރުޙަލާއެވެ. ކުއްޖާގެ ޅަފަތުގައި އެންމެ ފުރަތަމަ ދަސްވާ ބަހަކީ މާދަރީ ބަހެވެ.
މަދަރީ ބަހަކީ ކުއްޖާގެ ޢިލްމު އުނގެނުމުގެ އެއްމެ ބޮޑު ދައުރެއް އަދާކުރާ ވަޞީލަތްކަމަށް ދިރާސާކުރައްވާ ބޭފުޅުންނަށް މިހާރު ވަނީ ފާހަގަކުރެއްވިފައެވެ. "ޔުނެސްކޯ އިން ދަނީ ތަޢުލީމަށްޓަކައި ވަރުގަދަ ބިންގަލެއް އެޅުމުގައި މާދަރީބަހުގެ މުހިންމުކަމާ ހުރެ އިބްތިދާއީ މަރުޙަލާގައި ދެ ބަހުން ނުވަތަ އެއަށް ވުރެ ގިނަ ބަހުން ކިޔަވައިދޭ ނިޒާމެއްގައި މާދަރީ ބަހުން އިރުޝާދު ދިނުމަށް ބާރު އަޅައި ގޮވައިލަމުންނެވެ." ޔުނިސްކޯ، (2013)
މިހެން އެކަން އޮތް ނަމަ ވެސް މިއަދު ވެސް ރާއްޖޭގައި އިބްތިދާއީ މަރުޙާލާގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަނީ "އިނގިރޭސި" ބަހެވެ. މާދަރީ ބަހެއް ނޫނެވެ. ދިވެހިންގެ މާދަރީބަހަކީ ވަރަށް ފަޤީރު، ވަޞީލަތްތައް މަދު ބަހެއްކަމުގައި ބައެއްފަރާތްތަކުން ވަކާލާތުކުރައްވަމުން ގެންދަވައެވެ. މިދަޢުވާގައި ހެކިތަކެއް ވެސް އެބައި މީހުން ދާއްކާމެއެވެ. މިގޮތުން ބުނެއުޅެއެވެ. ދިވެހިބަހުން މަޢުލޫމާތެއް ލިބެން ނުހުރެއެވެ. ދިވެހިބަހާ ބެހޭ މާގިނަ ދިރާސާތަކެއް ހެދިފައި ނެތެވެ. އެބަހުން ޢިލްމީ މާގިނަ ފޮތްތަކެއް ލިޔެވިފައި ނުވެއެވެ. މަޢުލޫމާތެއް ހޯދުމަށްޓަކައި ބަލާނެ ފޮތްތަކެއް ދިވެހިބަހުން ލިޔެވިފައި ނުހުރެއެވެ.
އަޅުގަނޑުމެން މަތީތަޢުލީމު ހޯދުމަށް ދާންޖެހެނީ ބޭރުގެ ޤައުތަކަށެވެ. ބޭރުގެ ޤައުމުތަކުގެ މުޤައްރަރާ އެއްގޮތަށެވެ. ދިވެހިބަހުގެ ބޭނުމެއް އެޤައުމެއްގައި ނުހިފޭމެއެވެ. އަދި ޚުދު ދިވެހިރާއްޖޭގައި ވެސް އިނގިރޭސި ބަސް ދަންނަ ކަމުގައިވާ ނަމަ އެމީހަކު ކުރަން ބޭނުންވާ ހުރިހާ ކަންތައްތައް ހަމަޖެހޭނެ ކަމަށް ބައެއް މީހުން ޤަބޫލުކުރެއެވެ. އަދި ޒަމާނީ ޓެކްނަލޮޖީގެ ބޭނުން ހިފުމުގައި ދިވެހި ބަސް ބޭނުން ނުކުރެވޭ ވާހަކައެވެ. ޚާއްޞަކޮށް މިޒަމާނުގައި އެންމެންގެ އެންމެ ގާތް އެކުވެރިޔާ ސޯޝަލްމީޑިއާ ގައި ދިވެހި ބަހުން މުޢާމަލާތެއް ނުކުރެވެއެވެ. މިއީ ދިވެހި ބަހުގެ ފަޤީރުކަމާ މެދު ވަކާލާތު ކުރައްވާ ބޭފުޅުން ދައްކަވާ ޙުއްޖަތެވެ. ވާހަކަތަކެވެ. އަދި މިނޫނަސް އިތުރު ވާހަކަތައް ވެސް ހުރެދާނެއެވެ. މިހެންވުމުން ދިވެހި ބަހުން ކިޔަވައިދިނުމަކީ ބޭކާރު ކަމެއް ކަމުގައި މި ބޭފުޅުން ޤަބޫލުކުރައްވައެވެ.
މި ޙުއްޖަތަށް ބަލާއިރު ޙަޤީޤަތްތަކެއް ވެސް އެބަހުއްޓެވެ. ނަމަވެސް ވިސްނާލަން ޖެހެނީ އެކަމެއް ކުރުމުން ބޮޑަށް ފައިދާ ލިބެނީ ކޮން ގޮތަކަށް ކުރިއަށް ގެންދިއުމުންތޯ އެވެ. މިގޮތަށް ވިސްނާއިރު ދިވެހިންގެ މާދަރީ ބަސް ދިވެހި ބަސް ފަޤީރުކަމަށް ދެންނެވޭކަށެއް ނެތެވެ. ނަސީމާ މުޙައްމަދު (2013) ހާމަކުރައްްވާ ގޮތުގައި ދިވެހި ބަހަކީ ފަޤީރު ބަހެއް ނޫނެވެ. މުއްސަނދި ރީތި ބަހެކެވެ. މި ބަހުގެ މުއްސަނދިކަން އެނގޭނީ ބަސް ރަނގަޅަށް ދަސްކޮށް ހޯދައި ބަލައިގެންނެވެ. ދިވެހީންގެ ތެރެއިން އުފެދުނު ކުޅަދާނަ ޝާޢިރުންނާއި އަދީބުންނަށް، އެބޭފުޅުންގެ ޚިޔާލުފުޅުތައް ދިވެހި ލަފުޒުތަކުން އަމުނައި ލެއްވުމަކީ ދަތިފުޅު ކަމަކަށް ނުވާ ކަމުގައެވެ. މިހެންވުމުން ދިވެހި ބަހަކީ ފަޤީރު ބަހެއްކަމުގައި ވިދާޅުވެވޭނެ ޖާގައެއް ނެތެވެ.