އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމް ރަސްމީ ދަތުރު ފުޅެއްގައި އިނގިރޭސި ވިލާތަށް ވަޑައިގަންނަވަން އުޅުއްވާތީ އެކަމާ ދެކޮޅަށް ސޮއި ކުރަމުންދާ ޕެޓިޝަންގައި 24 ގަޑިއިރު ތެރޭގައި މިލިއަނަކަށްވުރެ ގިނަ މީހުން ސޮއިކޮށްފިއެވެ.
މި ޕެޓިޝަނަކީ އެދަތުރުފުޅާމެދު ހިތްހަމަ ނުޖެހޭތީ އެކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރެއްވުމަށްފަހު ގޮތެއް ނިންމެވުމަށް ގޮވާލާ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރު ކުރަމުންދާ ޕެޓިޝަނެކެވެ.
މިއީ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ ބަޔަކު ސޮއިކުރި މިފަދަ ފުރަތަމަ ޕެޓިޝަނެވެ.
ޕެޓިޝަންގައި ބުނެފައިވާ ގޮތުގައި އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން ޓްރަމްޕަށް އެޤައުމަށް ވަޑައިގެންނެވިދާނެ ކަމަށާއި ނަމަވެސް ރަސްމީ ދަތުރުފުޅެއްގެ ގޮތުގައި އެ ޤައުމަށް ވަޑައިގެންނެވުމަށް ދައުވަތު ދެއްވުމަކީ އިނގިރޭސި ރާނީގެ ހައިބަތާއި ޤަދަރަށް އުނިކަމެއް ލިބޭނެ ކަމެއް ކަމަށެވެ. އެހެންކަމުން ހައުސް އޮފް ޕާލަމެންޓުގައި ތަޤްރީރު ކުރެއްވުމުގެ ފުރުސަތު ދިނުމަށް ދެކޮޅު ހަދާކަމަށް ޕެޓިޝަންގައި ވަނީ ބުނެފައެވެ. އަދި މިއީ ޓްރަމްޕްގެ ރަސްމީ ޤަރާރަކުން ނިންމާފައި މުސްލިމް 7 ޤައުމެއްގެ ރައްޔިތުންނަށް އެމެރިކާއަށް ވަނުން މަނާކުރުމާމެދު ދޭ ރައްދެއް ކަމަށެވެ.
ޓްރަމްޕާ ފުރަތަމަ ބައްދަލުކުރެއްވި އެހެން ޤައުމެއްގެ ލީޑަރެއްގެ ހައިސިއްޔަތުން އިނގިރޭސި ޕްރައިމް މިނިސްޓަރ ތެރެސާ މޭ ވަނީ ޓްރަމްޕަށް އެޤައުމަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ދައުވަތު ދެއްވާފައެވެ.