ކ. މާލެ
|
13 ސެޕްޓެންބަރ 2018 | ބުރާސްފަތި 00:33
ރާއްޖޭގެ ފުރަތަމަ ލަނޑު ޖެހުމަށްފަހު ކެޕްޓަން އަކްރަމް ޝުކުރުގެ ސަޖިދައެއް ޖަހަނީ
ރާއްޖޭގެ ފުރަތަމަ ލަނޑު ޖެހުމަށްފަހު ކެޕްޓަން އަކްރަމް ޝުކުރުގެ ސަޖިދައެއް ޖަހަނީ
އިމޭޖަސް.އެމްވީ
ސާފް ސުޒުކީ ކަޕް 2018
ނޭޕާލް ބަލިކޮށް ރާއްޖެ ފައިނަލަށް
ރާއްޖެ މޮޅުވީ 3-0 އިން
ފައިނަލްގައި ރާއްޖެ ކުޅޭނީ އިންޑިއާ ދެކޮޅަށް
ރާއްޖެ އެންމެފަހުން ފައިނަލްގައި ކުޅުނީ 2009 ވަނަ އަހަރު

ސާފް ސުޒުކީ ކަޕްގެ ފައިނަލުން ރާއްޖެ ޖާގަ ހޯދައިފިއެވެ.

ފައިނަލްގެ ޖާގައެއް ރާއްޖެއިން ކަށަވަރު ކުރީ ނޭޕާލާ ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެންނެވެ. ގުރުއަތު ނަގައިގެން ސެމީ ފައިނަލުގެ ޖާގައެއް ގްރޫޕް ބީގެ ދެ ވަނަ ޓީމުގެ ގޮތުގައި ރާއްޖެއިން ހޯދިއިރު ނޭޕާލް ސެމީއަށް ދަތުރު ކުރީ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި ރާއްޖޭގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިދިނީ ކެޕްޓަން އަކްރަމް އަބްދުލް ޣަނީއެވެ. މެޗުގެ 16 ވަނަ މިނެޓުގައި އޭނާ މި ލަނޑު ޖެހީ ލިބުނު ހިލޭ ޖެހުމަކުންނެވެ. ބޯވިއްސާރައާއެކު ގުގުރަމުން ދިޔުމާއެކު މެޗުގެ ކުޅުން މެދުކަނޑާލިއިރު އަލުން ކުޅެން ފެށުމާއެކު ނޭޕާލުން ކުޅުން ރަނގަޅު ކުރިއެވެ. އެހެން ނަމަވެސް އެޓީމަށް ވެސް އެއްވަރު ކުރެވިފައެއް ނުވެއެވެ. 

ދެވަނަ ހާފުގައި ރާއްޖޭގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު ރާއްޖޭގެ ދެވަނަ ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި ޖަހައިދިނީ އިބްރާހިމް ވަހީދު ހަސަންއެވެ. އޭގެ ދެ މިނެޓު ފަހުން އޭނާ ވަނީ ލަނޑެއް ޖަހާ ރާއްޖެއަށް ފައިނަލްގެ ޖާގައެއް ޔަގީންކޮށްދީފައެވެ. 

އެންމެފަހުން ރާއްޖޭ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައި ކުޅެފައިވަނީ 2009 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި މުބާރާތުގައެވެ. އެފަހަރުގެ މުބާރާތުގެ ފައިނަލްގައި އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމާއި ދެކޮޅަށް ކުޅެ ރާއްޖެ ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. މިއަހަރުގެ ފައިނަލްގައި ވެސް ރާއްޖެ ކުޅެން ޖެހޭނީ އިންޑިއާގެ ޓީމާއި ދެކޮޅަށެވެ. އިންޑިއާ ފައިނަލްގެ ޖާގައެއް ހޯދީ 3-1 އިން ޕާކިސްތާން ބަލިކޮށްގެންނެވެ. މިފަހަރުގެ މުބާރާތުގެ ގްރޫޕް ފިޔަވަހީގައި ރާއްޖެ އަދި އިންޑިއާ ކުޅުނު މެޗު 2-0 އިން ކާމިޔާބުކުރީ އިންޑިއާއެވެ. 

ރާއްޖެ އަދި އިންޑިއާ ކުޅޭ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން ހޮނިހިރު ދުވަހު 18:00 ގައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް