ކ. މާލެ
|
9 ސެޕްޓެންބަރ 2018 | އާދީއްތަ 19:53
ލިވަރޕޫލަށް ތާއީދުކުރާ ދިވެހި ބައެއް ސަޕޯޓަރުން
ލިވަރޕޫލަށް ތާއީދުކުރާ ދިވެހި ބައެއް ސަޕޯޓަރުން
ފޭސްބުކް
ލިވަރޕޫލް ސަޕޯޓަރުން
ރާއްޖޭގައި ލިވަރޕޫލް ސަޕޯޓަރުންގެ ކްލަބެއް އުފައްދައިފި
އޮފިޝަލް ސްޓޭޓަސް ހޯދުމަށް ހަ މަސް ދުވަސް މަސައްކަތް ކުރި
ލިވަރޕޫލްގެ ސަޕޯޓަރުންގެ ޕޭޖުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން

ރާއްޖޭގައި ލިވަރޕޫލް ސަޕޯޓަރުންގެ ކްލަބެއް އުފައްދައިފިއެވެ.

މއީ އިނގިރޭސިވިލާތުގެ ފުޓްބޯޅަ ކްލަބެއް ކަމުގައިވާ ލިވަރޕޫލްގެ ސަޕޯޓަރުންގެ ގްރޫޕަކަށް ރާއްޖޭގައި އޮފިޝަލް ސްޓޭޓަސް ލިބުނު ފުރަތަމަ ފަހަރެވެ.

އޮފިޝަލް ގްރޫޕް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ބައްސާމް ރަޝީދު ބުނީ އޮފިޝަލް ސްޓޭޓަސް ހޯދުމަށް މަސައްކަތް ކުރާތާ ހަ މަސް ދުވަސްވެފައިވާކަމަށާއި އެއީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

 ލިވަރޕޫލް ސަޕޯޓަރުންގެ ކްލަބް

ޔޫރަޕްގެ މަޝްހޫރު ޓީމެއްގެ އޮފިޝަލް ސަޕޯޓަރުންގެ ކްލަބަކަށް ވުމަކީ ރާއްޖޭގެ ލިވަރޕޫލް ސަޕޯޓަރުންނަށް ލިބުނު ވަރަށް ބޮޑު އުފެއް ކަމަށް އޭނާ ބުންޏެވެ.

"މިއަހަރު ކުރީކޮޅު ވަރކިންގ ގްރޫޕެއް ހަދައިގެން ހަމަ ވަރަށް ސީރިއަސްކޮށް ޕްލޭން ތަކެއްކޮށް އެކި ދުވަސްވަރު ތަފާތު އިވެންޓްތައް ބާއްވާފަ ލިވަރޕޫލްގެ އޯއެލްއެސްސީ ޓީމާ ވާހަކަ ދައްކައިގެން އެކަން ކާމިޔާބުވީ. މީ ހަމަ ވަރަށް ގިނަ ބައެއްގެ މަސައްކަތް."ބައްސާމު ބުންޏެވެ.

 ލިވަރޕޫލް ސަޕޯޓަރުންގެ ކްލަބް

ރާއްޖޭގައި އުފެއްދި "އޮފިޝަލް ލިވަރޕޫލް ސަޕޯޓަރސް ގްރޫޕް" އިން މީގެ ކުރިންވެސް ވަނީ ތަފާތު އެކި ހަރަކާތްތައް ހިންގާފައެވެ. އެގޮތުން ލޭ ހަދިޔާ ކުރުމުގެ ހަރަކާތްތަކާއި ފުޓްސަލް ޓޯނަމަންޓްތަކުގެ އިތުރަށް އެހެން ފޭން ގްރޫޕްތަކަށް ދައުވަތުދީގެން މެޗްތައްވެސް އެކި ފަހަރުމަތިން ކުޅެފައިވެއެވެ.

ބައްސާމު ބުނީ، ލިވަރޕޫލް ސަޕޯޓަރުންގެ ގްރޫޕް ކުރިއަށް ގެންދިއުމުގައި ސަޕޯޓަރުންގެ މެދުގައިވެސް ތަފާތު ހަރަކާތްތައް ކުރިއަށްގެންދާ ކަމަށެވެ. އެގޮތުން މެޗް އޮންނަ ކޮންމެ ދުވަހަކު ގިނަ މީހުން އެއްތަނަކަށް އެއްވެ މެޗް ބެލުމުގެ ހަރަކާތްތައް ބާއްވާ ކަމަށާއި، ކޮންމެ މަހަކުވެސް ލިވަރޕޫލްގެ ސަޕޯޓަރުން ބައްދަލުވުންތައް ބާއްވަމުންދާ ކަމަށް ބައްސާމް ވިދާޅުވިއެވެ. ސަޕޯޓަރުންގެ މެދުގައި ހިޔާލު ބަދަލުކޮށް ތަފާތު ހަރަކާތްތައް ބޭއްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. 

 ލިވަރޕޫލް ސަޕޯޓަރުންގެ ކްލަބް

އޭނާ ބުނީ ސްޕޯޓަރުންގެ މެދުގައި މިހާރުވެސް ހަރަކާތްތަކެއް ކުރިއަށްގެންދާ ކަމަށާއި އެގޮތުން ފެންޓަސީ ޕްރިމިއަރ ލީގްގެ ޕްރައިވެޓް ފޭނުންގެ ލީގެއް އިތުރުން ސްކޯރ ޕްރިޑިކްޝަން މުބާރާތެއްވެސް ބާއްވާ ކަމަށެވެ.

ކުރިއަށް އޮތްތަނުގައި ޕީއެސް މުބާރާތެއްވެސް ބޭވުމަށް ހަމަޖެހިފައިވާކަމަށް އޭނާ ބުންޏެވެ.

މި އޮފިޝަލް ކްލަބުގައި ދިވެހިރާއްޖޭގެ ކޮންމެ ލިވަރޕޫލް ސަޕޯޓަރަކަށް ބައިވެރިވުމުގެ ފުރުސަތު އޮންނައިރު ކްލަބްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އޮފިޝަލް ފޭސްބުކް ފޭޖަށް މެސެޖު ކޮންގެން ކުރިއަށްގެންދެވޭނެއެވެ.

ޔޫރަޕްގެ އެކި ގައުމުތަކަށް ނިސްބަތް ކްލަބުތަކަށް ދިވެހިން ސްޕޯޓު ކުރާއިރު ލިވަރޕޫލްއަކީ އިނގިރޭސިވިލާތުގެ ކްލަބުތަކުގެ ތެރެއިން ގިނައަދަދެއްގެ ދިވެހިން ސަޕޯޓުކުރަމުންދާ ކްލަބެކެވެ.

ރާއްޖޭގައި ލިވަރޕޫލްގެ އޮފިޝަލް ސަޕޯޓާސް ކްލަބެއް އުފައްދާފައިވާއިރު ދުނިޔޭގެ 50 ގައުމެއްގައި އެކްލަބުގެ 200 އަށް ވުރެ ސަޕޯޓަރުންގެ ކްލަބުތައް މިހާރުވެސް އަންނަނީ ހިންގަމުންނެވެ.
އޮފިޝަލް ސަޕޯޓަރުންގެ ކްލަބް ތަކަކީ ލިވަރޕޫލް ފުޓްބޯޅަ ކްލަބާއި ވަރަށް ގާތުން މަސައްކަތްކުރާ ގްރޫޕްތަކެކެވެ. 

- ކޮމެންޓް