މަޝްހޫރު އޮންލައިން ވިޔަފާރި ކުންފުނި އަލީބާބާގެ ޗެއަރމަން ޖެކް މާ ކުންފުނީގެ ޗެއަރމަންކަމުން އިސްތިއުފާ ދޭނީ ހޯމަ ދުވަހުކަމަށް އޭނާ ހާމަކޮށްފިއެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުންޏަށް އަލީބާބާ ހެދުމަށްފަހު އެކުންފުނީގެ ޗެއަރމަންކަމުން ޖެކް މާ ހޯމަ ދުވަހު އިސްތިއުފާދޭއިރު، އެދުވަހަކީ އޭނާގެ 54 ވަނަ އުފަން ދުވަހެވެ. ޖެކް މާ އިސްތިއުފާ ދެނީ އެހީގެ ކަންތައްތަކުގައި އުޅުމަށާއި، ތައުލީމުގެ ފުރުސަތު ހުރިހާ އެންމެންނަށް ހޯދައިދިނުމަށް އޭނާ ކުރާ މަސައްކަތުގައި އުޅުމަށްކަމަށް ޖެކް މާ ބުންޏެވެ. އޭނާ ބުނީ އޭނާ ބޭނުންވަނޫ ބިލް ގޭޓްސް ހިނގި މަގުން ހިނގަންކަމަށެވެ. އަދި މައިކްރޯސޮފްޓްގެ ވެރިޔާ ބިލް ގޭޓްސްހާ މުއްސަނދި ނުވެވިދާނެކަަމަށާއި، އެހެން ނަމަވެސް އޭނާއަށްވުރެ އަވަހަށް ރިޓަޔަރ ކުރެވިދާނެކަމަށް ޖެކް މާ ބުންޏެވެ.
އަލީބާބާ ކުންފުނި އުފެއްދިތާ ވިއްސަކަށް އަހަރުވެފައިވާއިރު، ޖެކް މާގެ މިލްކިއްޔާތުގައި 40 ބިލިއަން އެމެރިކާ ޑޮލަރު ހުރިކަމަށް ބްލޫމްބަރގްއިން އަންދާޒާކުރެއެވެ. އަދި އަލީބާބާ ކުންފުންޏަކީވެސް 400 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ކުންފުންޏެކެވެ.
ޖެކް މާ ވަނީ 2013 ވަނަ އަހަރު އަލީބާބާ ކުންފުނީގެ ޗީފް އެގްޒެކެޓިވްގެ މަޤާމުން އިސްތިއުފާ ދީފައެވެ. އެހެންނަމަވެސް 2014 ވަނަ އަހަރު އެކުންފުނި ހިއްސާގެ ބާޒާރުގައި ލިސްޓް ކުރުމާއި، ކުންފުނީގެ ވިޔަފާރި ޑައިވަރސިފައި ކުރުމަށް ޗެއަރމަންގެ ހައިސިއްޔަތުން އޭނާ ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އޮންލައިން ވިޔަފާރީގެ އިތުރުން އަލީބާބާ ކުންފުނި ވަނީ އޮންލައިން ޕޭމަންޓާއި، ހޮލީވުޑް ފިލްމް ޕްރޮޑަކްޝަން ފަދަ ދާއިރާތަކަށް ނިކުމެފައެވެ.
ޗެއަރމަންކަމުގެ އިސްތިއުފާ ދިންނަމަވެސް ޖެކް މާ ކުންފުނީގައި ބޯޑުގައި ހުންނާނެއެވެ. އަދި ކުންފުނީގެ އެންމެ މުހިއްމު ނިންމުންތައް ނިންމުމުގައި އަދިވެސް ނުފޫޒުގަދަ ރޯލެއް އޭނާ އަދާކުރާނެކަމަށް ޗައިނާގެ މުހައްލިލުން ދެކެއެވެ.
ތައުލީމު ފުޅާކުރުމުގެ މަސައްކަތަށް ޖެކް މާ ނިކުންނައިރު، އޭނާ އަކީ ކުރިން ޓީޗަރެކެވެ. އެހެންކަމުން މިއީ ހައިރާންކުރުވަނިވި ނިންމުމެއް ނޫންކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.