ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ސުޒުކީ ކަޕްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ސްރީލަންކާއާ ދެކޮޅަށް ކުޅެ ލަނޑެއް ނުޖެހި އެއްވަރުވެއްޖެއެވެ.
ބަންގްލަދޭޝްގެ ޑާކާގައި ކުރިޔަށްދާ މުބާރާތުގައި ރާއްޖޭ ކުޅުނު ފުރަތަމަ މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. ރާއްޖޭގެ ފަރާތުން މެޗު ފެށިގެން މޮޅު ކުޅުމެއް ފެނިގެންދިޔައިރު ރާއްޖޭގެ ހަމަލާތައް ހުއްޓުވީ ލަންކާގެ ކީޕަރު ސުޖަން ޕެރޭރާއެވެ. މެޗުގެ 21 ވަނަ މިނެޓުގައި ލަންކާގެ އަސޭލާ މަދުޝަން އެޓީމަށް ލަނޑެއް ޖެހި ނަމަވެސް އޭނާ ހުރީ ލަނޑު ޖެހި ވަގުތު އޮފްސައިޑް މަގާމެއްގައެވެ.
ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ލަންކާއިން އެޓީމުގެ ގޭމް ޕްލޭން ބަދަލުކޮށް އެޓޭކަށް ވިސްނައިގެން ކުޅެފައިވެއެވެ. ރާއްޖޭގެ ކީޕަރު ފައިސަލްގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު ރާއްޖޭގެ ފޯވާޑުން ވެސް ވަނީ ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައި ވެސް ރަނގަޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ 85 ވަނަ މިނެޓުގައި ރާއްޖެއަށް ރިހާމް އަބްދުލް ޣަނީ (ބޮބީ) ލަނޑެއް ޖަހައިދިން ނަމަވެސް އޭނާ ހުރީ ލަނޑު ޖެހި ވަގުތު އޮފްސައިޑް މަގާމެއްގައެވެ. އޭގެފަހުން ވެސް ރާއްޖެއަށް ނަތީޖާ އަނބުރާލަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއެވެ.
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އެންމެފަހުން ލަންކާއާ ދެކޮޅަށް ކުޅުނު މެޗު 10-0 އިން ކާމިޔާބުކުރިއިރު އެމެޗުގައި އަލީ އަޝްފާގު (ދަގަނޑޭ) ހަ ލަނޑު ޖަހައި ޑަބަލް ހެޓްރިކެއް ހެދިއެވެ.
މި ގްރޫޕްގެ އެއްވަނައިގައި ތިން ޕޮއިންޓާއެކު އިންޑިއާ އޮތްއިރު ލަންކާ އަދި ރާއްޖެއަށް ލިބިފައިވަނީ އެއް ޕޮއިންޓްއެވެ. އިންޑިއާ އާއި ދެކޮޅަށް ކުޅޭ މެޗު އެއްވަރުކޮށްލައިގެން ވެސް ރާއްޖެއަށް ދެވަނަ ބުރަށް ދެވޭނެއެވެ.