ކ. މާލެ
|
30 ޖެނުއަރީ 2017 | ހޯމަ 16:21
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ރާއްޖެއެމްވީ
ބޭންކް އޮފް މޯލްޑިވްސް
2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި
2017 ވަނަ އަހަރަކީ ގޮންޖެހުންތަކާ ކުރިމަތިވެދާނެ އަހަރެއް

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޚިދުމަތް ފުޅާކުރުމަށާއި މުޖުތަމައަށް އެހީތެރިވުމަށް 300 މިލިއަން ރުފިޔާ އިންވެސްޓް ކުރާނެ ކަމުގެ ޔަގީންކަން ބޭންކް އޮފް މޯލްޑިވްސް އިން ދީފިއެވެ.

 

ނިމިދިޔަ އަހަރުގެ ފަހު ކުއާޓަރގައި ޓެކްސްއަށް ކެނޑުމަށް ފަހު ފައިދާގެ ގޮތުގައި 281.8 މިލިއަން ރުފިޔާ ބޭންކަށް ލިބިފައި ވެއެވެ. މިއީ އޭގެ ކުރީ ކުއާޓަރއާ އަޅާބަލާއިރު 53 އިންސައްތައިގެ ކުރިއެރުމެކެވެ.

 

މައިގަނޑު ހުރިހާ ދާއިރާއަކުން ވެސް ރަނގަޅު ފައިދާތަކެއް ހޯދާފައިވާއިރު ލޯނު ދޫކުރެވުނު ނިސްބަތްވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައި ކަމަށް ބޭންކުން ބުންޏެވެ. ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ޤާނޫނުން ލާޒިމްކުރާ ވަރަށް ވުރެ ރަނގަޅު މިންވަރެއްގައި ހިފަހެއްޓިފައި ކަމަށާއި އޮޑިޓް ނުކުރާ މާލީ ބަޔާންތަކުން ދައްކާ ގޮތުގައި ޓެކްސްއަށް ކެނޑުމަށް ފަހު ފައިދާގެ ގޮތުގައި 1.03 ބިލިއަން ރުފިޔާ މިދިޔަ އަހަރު ބޭންކަށް ވަނީ ލިބިފައެވެ. މިއީ 2015 ވަނަ އަހަރާ އަޅާބަލާއިރު 56 އިންސައްތައިގެ ކުރިއެރުމެއް ކަމަށް ބޭންކުން ބުންޏެވެ. މި ނަތީޖާ އާ އެކު މިދިޔަ އަހަރަކީ ބޭންކުގެ ތާރީޚުގައި މިހާތަނަށް އެންމެ ފައިދާވި އަހަރެވެ.

 

"2016 ވަނަ އަހަރު މާލީ ގޮތުން ލިބުނު ކުރިއެރުމާ އަދި ޚާއްސަކޮށް ލޯނު ދޫކުރުމުގެ މަސައްކަތްތައް ހަރުދަނާ ކުރެވުމަކީ އަޅުގަނޑުމެންގެ ޚިދުމަތް ފޯރުކޮށްދެމުންދާ މުޖުތަމައުއަށް އިންވެސްޓްކުރުމަށް ލިބުނު ރަނގަޅު ފުރުސަތެއް. ކުރިން ހާމަކުރިފަދައިން 2017 ވަނަ އަހަރު އަޅުގަނޑުމެން 300 މިލިއަން ރުފިޔާ (20 މިލިއަން ޑޮލަރު) އިންވެސްޓް ކުރާނަން. މި އިންވެސްޓްމަންޓްގައި ހިމެނޭ 10 ސީއެސްއާރު ޕްރޮޖެކްޓާއި، ބޭންކުގެ ބްރާންޗްތައް އިތުރުކުރުމާއި، ބިޒްނަސް ސެންޓަރ އަދި އޭޓީއެމް ނެޓްވޯކް ފުޅާކުރުމުގެ ފައިދާ މަދުވެގެން 22 ރަށަކަށް ލިބިގެންދާނެ. މި އާއެކު 150 އާ ވަޒީފާ އުފެދިގެންދާނެ."  ބޭންކަށް ލިބޭ ފައިދާ އަނބުރާ ދިވެހި މުޖުތަމަޢަށް އިންވެސްޓްކުރަމުންދާކަން ފާހަގަކުރައްވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވިއެވެ.

 

އެންޑްރޫވަނީ 2017 ވަނަ އަހަރަކީ ގޮންޖެހުންތަކާ ކުރިމަތިވެދާނެ އަހަރެއް ކަމަށް ލަފާކުރައްވާފައެވެ.

 

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 31 ބްރާންޗް، 78 އޭޓީއެމް، 4،000 ޕީއޯއެސް މަރޗަންޓުން، 190 ކޭޝް އޭޖެންޓުން، 19 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ އަދި 5 ދޯނި ބޭންކިންގ ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

- ކޮމެންޓް