ޔަމަންގައި އަލްގައިދާއާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ އެމެރިކާގެ ސްޕެޝަލް އޮޕަރޭޝަންސް ސިފައިން ހިންގި އޮޕަރޭޝަނެއްގައި، ހަނގުރާމަވެރިން ދިން ހަމަލާއެއްގައި އެމެރިކާ ސިފައިންގެ މީހަކު މަރުވެއްޖެ ކަމަަށް އެމެރިކާގެ އަސްކަރިއްޔާއިން އާދީއްތަ ދުވަހު ބުނެފިއެވެ.
މީގެ އިތުރުން ސިފައިން ގެ ތިން މީހަކު ޒަޚަމްވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. އެއީ ނޭވީ ސީލް ޔުނިޓަށް ނިސްބަތްވާ މީހުންނެވެ.
މިއީ ޓްރަމްޕުގެ ވެރިކަމުގައި ހަނގުރާމަ ކުރަމުންދާ އެމެރިކާ ސިފައިންގެ މީހަކު މަރުވި، ފުރަތަމަ ފަހަރެެވެ. އަދި އެމެރިކާއިން ޔަމަނުގައި ހިންގި އޮޕަރޭޝަނަކީ ޓްރަމްޕްގެ ވެރިކަމުގައ އެމެރިކާ ސިފައިން އެހެން ގައުމެއްގައި ހިންގި މިފަދަ ފުރަތަމަ އޮޕަރޭޝަން ވެސް މެއެވެ.
އެމެރިކާ ސިފައިން ޔަމަނުގައި އޮޕަރޭޝަން ހިންގީ ޔަމަންގެ މެދުތެރޭ ޕްރޮވިންސެއް ކަމަށްވާ ބައިދާގެ ޔަކްލާ އަވަށުގައެވެ. އެމެރިކާ ސިފައިންގެ އަމާޒަކީ އެއަވަށުގައި ތިބި އަލްގައިދާއާ ގުޅުންހުރި ގަބީލީ ތިން ވެރިއެއްގެ ގެތަކަށް ހަމަލާ ދިނުން ކަމަށް ރިޕޯޓުތައް ބުނެއެވެ. ރިޕޯޓުތައް ބުނާގޮތުން އެމެރިކާ ސިފައިން ޔަމަނުގައި ހިންގި އޮޕަރޭޝަނުގައި އެޕާޗޭ ހެލިކޮޕްޓަރުތަކުންވަނީ ބައިދާ ޕްރޮވިންސްގެ ސްކޫލަކަށާއި، މިސްކިތްތަކަށާއި އަދި ސިއްހީ ޚިދުމަތްދޭ ތަނަކަށް ވެސް ހަމަލާ ދީފައެވެ.