ސްޕެނިޝް ލަލީގާގައި ކުޅުނު މެޗުން ރެއާލް މެޑްރިޑް މޮޅުވިއިރު އެޓްލެޓިކޯ މެޑްރިޑް ކުޅުނު މެޗުން އެޓީމު ބަލިވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ލެގާނޭސްއާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު 17 ވަނަ މިނެޓުގައި ރެއާލްއަށް ޖަހައިދިނީ ގެރެތު ބޭލްއެވެ. މެޗުގެ 24 ވަނަ މިނެޓުގައި ލެގާނޭސްއިން ނަތީޖާ ހަމަހަމަކުރިއިރު އެޓީމަށް އެއްވަރުކޮށްދިނީ ގުއީޑޯ ކަރީޔޯއެވެ. ދެވަނަ ހާފު ފެށިގެން ތިން މިނެޓު ނުވަނީސް ރެއާލްއަށް އަލުން އަނބުރާ ލީޑު ނަގައިދިނީ ކަރިމް ބެންޒޭމާއެވެ. ބެންޒެމާ ވަނީ މެޗުގެ 61 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހާ ރެއާލްގެ ލީޑު ފުޅާކޮށްދީފައެވެ. ރެއާލްގެ ހަތަރުވަނަ ލަނޑު 66 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ ސާޖިއޯ ރާމޯސްއެވެ.
މި މޮޅާއެކު ރެއާލް އޮތީ ވަގުތީގޮތުން ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. ކުރިޔަށް އޮތް މެޗުގައި ރަށުން ބޭރުގައި ރެއާލް ނުކުންނާނީ އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށެވެ.
ރަށުން ބޭރުގައި ސެލްޓަ ވީގޯއާ ދެކޮޅަށް ކުޅުނު މެޗުން އެޓްލެޓިކޯ މެޑްރިޑް ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ނުދިޔައިރު ސެލްޓަގެ ފުރަތަމަ ލަނޑު މެޗުގެ 46 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ މެކްސިމިލިއާނޯ ގޯމޭޒްއެވެ. މެޗުގެ 52 ވަނަ މިނެޓުގައި އެޓީމަށް ލީޑު ފުޅާކޮށްދިނީ އިއާގޯ އަސްޕާސްއެވެ.
އެޓްލެޓިކޯ އޮތީ ތާވަލުގެ 10 ވަނައިގައެވެ.