މަޓާޓޯ މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަނަށް ހޮވުނު ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ.
އެވޯޑުތައް ހަވާލުކުރުމުގެ ރަސްމިއްޔާތު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުކުރު ދުވަހުގެރޭ ބާއްވާފައިވާއިރު އެވޯޑުތައް ހަވާލުކޮށްފައިވަނީ ޖުމްލަ 15 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެގޮތުން މިހަފްލާގެ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމަށްވާ ލީޑިންގް ގެސްޓް ހައުސްގެ އެވޯޑް ލިބިފައިވަނީ ރިވަރީސް ޑައިވިން ވިލެޖް ސާފް އެންޑް ސްޕާއަށެވެ.
"ރެވެރީޒް ޑައިވިންގް ވިލެޖް"ގެ ޖެނެރަލް މެނޭޖަރ އައްބާސް އިބްރާހިމް ވިދާޅުވީ އެ އެވޯޑް ލިބިމުން އުފާވާ ކަމަށާއި ހުރިހާ އެކްސްކާޝަންތައް ހިމަނައިގެން ރަގަޅު ފެންވަރަކަށް ކަސްޓަމަރުންނަށް ޙިދުމަތް ފޯރުކޮށްދެމުން އަންނަ ބައެއް ކަމަށެވެ. 2017 ވަނަ އަހަރުވެސް ގެސްޓް ހައުސް އެޑިޝަންއިން ރިވެރީޒް އެވޯޑްތަކެއް ހާސިލްކޮށްފައިވާއިރު މިއަހަރު ލީޑިންގް ގެސްޓް ހައުސްގެ އެވޯޑް ލިބުމުން މިއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އައްބާސް ވިދާޅުވި އެވެ.
މީގެ އިތުރުން މޯސްޓް ސަޕޯޓިވް ގެސްޓް ހައުސްގެ އެވޯޑް އާއި ލީޑިން އިނޮވޭޓިވް ކޮންސެޕްޓް ލިބިފައިވަނީ ކްރިސްޓަލް ސޭންޑްސް ހޮޓެލްސްއަށެވެ.
ލީޑިންގް ގެސްޓް ހައުސް ބްރޭންޑްގެ އެވޯޑް ލިބުނީ ކާނި ބީޗް ހޮޓެލްސް އަށެވެ.
ލީޑިންގް ހެރިޓޭޖް ގެސްޓް ހައުސްގެ އެވޯޑް ޑެޓޯ ބީޗް ވިއުއަށް ލިބިފައިވާއިރު ލީޑިންގް ގެސްޓް ހައުސް ޑައިވިންގް އެންޑް ވޯޓަރ ސްޕޯޓްސްގެ އެވޯޑް ލިބުނީ ފުލިދޫ ޑައިވް އެންޑް ވޯޓަރ ސްޕޯޓްސް އަށެވެ. އަދި ލީޑިންގް އެޑްވެންޗަރ ގެސްޓް ހައުސްގެ އެވޯޑް ޝެލޯ ލެގޫން ރަސްދޫއަށް ލިބިފައިވާއިރު ލީޑިންގް ޓްރާންސްޕޯޓް ސާރވިސް ޕްރޮވައިޑަގެ އެވޯޑް ލިބުނީ ނެވި ޓްރާންސްފާ ސްޕީޑް އަށެވެ.
ލީޑިންގް ގްރީން އިކޯ ފްރެންޑްލީ ގެސްޓް ހައުސްއަކަށް ނޮޅި އެސްކޭޕް ހޮވިފައިވާއިރު އަދި ލީޑިންގް ބިޒްނަސް ޑިވޮލޮޕްމަންޓް ޕާޓްނާގެ އެވޯޑް އެލައިޑަށް ވަނީ ލިބިފައެވެ. އަދި ނިއުކަމާރ އޮފް ދަ އިޔަރ 2018 ގެ އެވޯޑް ލިބުނީ ވިލާ ރޯސް އަށެވެ.
ލީޑިންގް ބީޗް އައިލެންޑްގެ އެވޯޑާއި ލީޑިންގް ގެސްޓް ހައުސް އައިލެންޑްގެ އެވޯޑް ލިބުނީ އއ. އުކުޅަސްއަށެވެ. އަދި ލީޑިންގް ފުޑް އެންޑް ބެވަރޭޖް ގެސްޓް ހައުސްގެ އެވޯޑް ވެލާނާ ބީޗަށް ލިބިފައިވާއިރު ބިޒްނަސް ގެސްޓް ހައުސްގެ އެވޯޑް ލިބުނީ ހޮޓެލް ޔޫ އައި އިން އަށެވެ.
މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަންގެ 15 ކެޓަގަރީއަށް ދިޔަ ފަރާތްތައް ހޮވާފައިވަނީ 60 ޕަސަންޓުގެ އެސްއެމްއެސް ވޯޓިން އާއި 40 ޕަސަންޓް ޓްރިޕް އެޑްވައިޒަ ރޭޓިންގް އިންނެވެ.
މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަން އަށް އެވޯޑް ދޭން ފަށާފައިވަނީ 2017 ވަނަ އަހަރުން ފެށިގެންނެވެ. މި އެވޯޑް ހަފްލާގައި އެކި ކުންފުނިތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.