އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ރަޝިއާގެ ރައީސް ވްލަޑީމިއާ ޕުޓިން އާ ފުރަތަމަ ފަހަރަށް ފޯނުން ވާހަކަފުޅު ދައްކަވައިފި އެެވެ.
ކްރެމްލިން އިން ބުނާ ގޮތުގައި ދެބޭފުޅުންގެ މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒުވެފައި ހުރީ ޓެރަރިޒަމާއި، އައިއެސް ފަދަ ހައްދުފަހަނަ އަޅާފައިވާ ޖަމާއަތްތަކާއި ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި ބެހޭގޮތުން ކަމަށެވެ. މީގެ އިތުރުން، އިޒްރޭލް ފަލަސްތީނުގެ މައްސަލައާއި އިރާންގެ ނިއުކްލިއަރ މައްސަލަ އާއި ބެހޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށްވެސް ކްރެމްލިން އިން ބުނެފައިވެ އެވެ.
ރަޝިޔާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ބެހޭ ގޮތުން މި މަޝްވަރާގައި ވާހަކަ ދެކެވިފައިވާކަން ކްރެމްލިން އިން ހާމަކޮށްފައެއް ނުވެ އެވެ.
އެމެރިކާގެ ރައީސްކަމަށް ޑޮނަލްޑް ޓްރަމްޕް އިންތިޚާބުވުމާ ގުޅިގެން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުވެސް ޓްރަމްޕާއި ޕުޓިންވަނީ ފޯނުން ވާހަކަފުޅު ދައްކަވާފައެވެ.