އެފްއައިވީބީ ވުމެންސް ވޯލްޑް ވޮލީބޯލް ޗެމްޕިއަންޝިޕް ކޮލިފިކޭޝަން 2018 ގައި ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާނުން ކުރިހޯދައިފި އެވެ.
ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މި މެޗުގައި އީރާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައި ވާއިރު، ފުރަތަމަ ސެޓް އެޓީމުން ގެންދިޔައީ 12-25 އިންނެވެ. ދެވަނަ ސެޓުގައި ނޭޕާލުން އެޓީމުގެ ކުޅުން ރަނގަޅުކުރި އެވެ. އެހެން ނަމަވެސް ދެވަނަ ސެޓު ވެސް ނޭޕާލްއަށް ހިފަހައްޓާނުލެވުމުން 12-25 އިން އީރާނުން ސެޓު ގެންދިޔައެވެ.
ތިން ވަނަ ސެޓުގައި ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައި ވާއިރު، ނޭޕާލުން ވަނީ އީރާނަށް ވަރުގަދަ ފައިޓެއް ދީފައެވެ. އެގޮތުން ތިން ވަނަ ސެޓުގައި ދެޓީމު 7-7 ގެ ނަތީޖާއިން އެއްވަރުވެފައި އޮތެވެ. އެހެން ނަމަވެސް އީރާނުން ވަނީ ނޭޕާލަށް ދޫކޮށްނުލާ މޮޅު ކުޅުމެއް ދައްކައި 12-25 އިން ސެޓު ގެންގޮސްފައެވެ.
މި މެޗުގައި ނޭޕާލްގެ ކުޅުންތެރިންގެ ފަރާތުން ވަރުގަދަ ޝޮޓްތަކެއް ފެނިގެންގޮސްފައިވާއިރު، ނޭޕާލް ޓީމުގެ ޕްރަތީބާ ވަނީ އެޓީމަށް ގިނަ ޕޮއިންޓްތަކެއް ހޯދައިދީފައެވެ. އޭނާ ވަނީ ހުކުރު ދުވަހު ރާއްޖެއާ ދެކޮޅަށް ނޭޕާލް ކުޅުނު މެޗުގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ.
މެޗަށްފަހު ވާހަކަދައްކަމުން އިރާންގެ ކޯޗު ކިކިޗް ބުނީ މޫސުމުގެ މައްސަލަ އިރާން ޓީމަށް ދިމާވި ކަަމަށާއި، ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ. އެހެންނަމަވެސް ބައެއް ޕޮއިންޓްތައް ގެއްލުމުން އޭނާ ވަނީ އެކަމާ ކަންބޮޑުވާކަމަށްވެސް ބުނެފައެވެ.
ކިކިޗް ބުނީ އިދިކޮޅަށް ނިކުތް ނޭޕާލް ޓީމަށް ވަރަށް އިހުތިރާމްކުރާ ކަމަށާއި، އެޓީމުން ރަނގަޅަށް ކުޅެފައިވާ ކަމަށެވެ. އެގޮތުން އޭނާ ވަނީ ނޭޕާލަށް ކުރިޔަށް އޮތްތަނުގައި ރަނގަޅު ކާމިޔާބީއަށް އެދިފައެވެ. ރާއްޖެއާއެކު ކުޅެންޖެހޭ މެޗަށް އަލިއަޅުވާލަމުން ކިކިޗް ބުނި ކޮންމެ މެޗަކަށްވެސް އިރާން ނިކުންނާނީ މޮޅުވާން ކަމަށެވެ.
ނޭޕާލްގެ ކޯޗު ބުނީ މެޗަށް ނިކުތްއިރުވެސް މިފަދަ ނަތީޖާއެއް ނިކުންނާނެ ކަމަށް ހީކުރި ކަމަށާއި، މިއީ ހައިރާންވާން ޖެހޭފަދަ ނަތީޖާއެއް ނޫން ކަމަށެވެ. އޭނާ ބުނީ ނޭޕާލް ކުޅުންތެރިން ދައްކާފައިވާ ކުޅުމާމެދު އެހާ ހިތްހަމަ ނުޖެހޭ ކަމަށެވެ. އެގޮތުން ބްލޮކިން އަދި އެޓޭކިންގްގެ މައްސަލަ ދިމާވި ކަމަށް ކޯޗު ވަނީ ފާހަގަކޮށްފައެވެ.
މި މުބާރާތުގައި ނޭޕާލްވަނީ ހުކުރު ދުވަހު ރާއްޖެއާ ދެކޮޅަށް ކުޅެފައެވެ. އެ މެޗު ނޭޕާލުން ވަނީ ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައެވެ. އެހެން ނަމަވެސް އިރާން އަތުން ބަލިވުމާއެކު ނޭޕާލަށް ވަނީ ކޮލިފައިވުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެފައެވެ.
މުބާރާތުގައި އާދީއްތަ ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ އިރާން އަދި ރާއްޖެއެވެ. ސޯޝަލް ސެންޓަރު އިންޑޯ ކޯޓުގައި ކުޅޭ މި މެޗު ފަށާނީ 16:55 ގައެވެ.