ކ. މާލެ
|
26 އޯގަސްޓް 2018 | އާދީއްތަ 08:36
އާސެނަލްގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
އާސެނަލްގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: އާސެނަލްއަށް ފުރަތަމަ މޮޅު، ސިޓީ އެއްވަރުވެއްޖެ
އާސެނަލް ވަނީ އަމިއްލަ ދަނޑުގައިު 3-1އިން ވެސްޓް ހަމް ބަލިކޮށްފައި

އިނގިރޭސި ޕްރިމިއާ ލީގުގައި މި ސީޒަނުގައި އާސެނަލްއިން ފުރަތަމަ މޮޅު ހޯދިއިރު މެންޗެސްޓާ ސިޓީ އެއްވަރުވެއްޖެއެވެ. 

މި ސީޒަނުގައި ކުޅުނު ފުރަތަމަ ދެ މެޗުން އާސެނަލް ބަލިވިއިރު އެންމެފަހުން ކުޅުނު މެޗުން އާސެނަލް ވަނީ އަމިއްލަ ދަނޑުގައިު 3-1އިން ވެސްޓް ހަމް ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 25 ވަނަ މިނެޓުގައި ވެސްޓް ހަމްއަށް ޖަހައިދިނީ މާކޯ އަނޯޓޮވިޗްއެވެ. އެހެން ނަމަވެސް އޭގެ ފަސް މިނެޓު ފަހުން ނާޗޯ މޮންރިއާލް ވަނީ ލަނޑެއް ޖަހާ އާސެނަލްއަަށް އެއްވަރުކޮށްދީފައެވެ. މެޗުގެ 70 ވަނަ މިނެޓުގައި އާސެނަލްއަށް ލީޑު ލިބިގެންދިޔައީ އިއްސާ ޑިއޮޕް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. އެޓީމުގެ ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމަށް ޖަހައިދިނީ ޑެނީ ވެލްބެކްއެވެ. 

ސީޒަނުގައި ކުޅުނު ފުރަތަމަ ދެ މެޗު ކާމިޔާބުކުރި ސިޓީ ވަނީ ރަށުން ބޭރުގައި ވޮލްވަހެމްޕްޓަން ވޮންޑަރަރސްއާ އެއްވަރުވެފައެވެ. މި މެޗު ނިމިފައިވަނީ 1-1 އިން އެއްވަރުވެފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު ވޮލްވްސްއަށް ޖަހައިދިނީ ވިލީ ބޯލީއެވެ. އެހެން ނަމަވެސް މެޗުގެ 69 ވަނަ މިނެޓުގައި އެމެރިކް ލަޕޯޓް ވަނީ ލަނޑެއް ޖަހާ ސިޓީއަށް އެއްވަރުކޮށްދީފައެވެ. 

އެވަޓަން އަދި ބޯންމައުތު ކުޅުނު މެޗު ނިމިފައިވަނީ 2-2 އިން އެއްވަރުވެގެންނެވެ. ލެސްޓާ ސިޓީ ކުޅުނު މެޗުގައި 2-1 އިން އެޓީމު ވަނީ ސައުތުހެމްޕްޓަން އަތުން މޮޅުވެފައެވެ. ހަޑާސްފީލްޑް އަދި ކާޑިފް ސިޓީ ކުޅުނު މެޗު ނިމިފައިވަނީ 0-0 އިން އެއްވަރުވެގެންނެވެ. 

- ކޮމެންޓް