އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ރަޝިއާގެ ރައީސް ވްލަޑީމިއާ ޕުޓިން އާ ފުރަތަމަ ފަހަރަށް ހޮނިހިރު ދުވަހު ފޯނުން ވާހަކަފުޅުދައްކަވާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މިކަމާ ގުޅޭގޮތުން ރަޝިއާގެ ކްރެމްލިންގެ ތަރުޖަމާން ޑިމިޓްރީ ޕެސްކޯވް ނޫސްވެރިންނަށް ވިދާޅުވީ ރައީސް ޕުޓިން އާއި ރައީސް ޓްރަމްޕް ފޯނުން ވާހަކަފުޅު ދައްކަވާގޮތަށް ހަމަޖެހިފައިވާކަމަށާއި ހޮނިރުދުވަހުގެ ހަވީރުގެ ވަގުތެއްގައި ވާހަކަފުޅު ދައްކަވާނެ ކަމަށާއި އަދި ދެގައުމުގެ ދެމެދުގައި އޮތް ގުޅުމުގެ މައްޗަށް މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ރަޝިޔާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލެއްވުމަށް ޓްރަމްޕް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ފެތުރިފައިވާ އަޑުތަކަށް އެއްޗެއް ވިދާޅުވާން ޕެސްކޯވް ވަނީ ދެކޮޅު ހައްދަވާފައެވެ.
އޮބާމާގެ ސަރުކާރުގައި އެމެރިކާއިން ރަޝިއާ އަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާއާއި ރަޝިއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެމެރިކާގެ ރައީސްކަމަށް ޑޮނަލްޑް ޓްރަމްޕް އިންތިޚާބުވުމާ ގުޅިގެން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުވެސް ޓްރަމްޕާއި ޕުޓިންވަނީ ފޯނުން ވާހަކަފުޅު ދައްކަވާފައެވެ.