ކ. މާލެ
|
28 ޖެނުއަރީ 2017 | ހޮނިހިރު 15:03
ޓްރަމްޕް ގަރާރެއްގައި ސޮއި ކުރައްވަނީ
ޓްރަމްޕް ގަރާރެއްގައި ސޮއި ކުރައްވަނީ
ގޫގުލް
ޓްރަމްޕްގެ ހަމަލާތައް މުސްލިމު
މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި
ސީރިޔާ، އިރާގް، އިރާން، ލީބިޔާ، ސޯމާލިޔާ، ސޫދާން އަދި ޔަމަނުން ހިޖުރަކުރާ މީހުންނަށް ވިސާ ނުލިބޭނެ
ޑިފެންސް ސެކެޓްރީ ޖެނެރަލް ޖޭމްސް މެޓިސް ވަނީ މަގާމުގެ ހުވާކުރައްވާފަ

ހަތް ގައުމަކުން އެމެރިކާއަށް އަންނަ މީހުންނަށް ވިސާ ދިނުން ހުއްޓާލުމުގެ ގަރާރެއްގައި ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއިކުރައްވައިފި އެވެ.

 

ގަރާރުގައި ސޮއި ކުރެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޓްރަމްޕް ވިދާޅުވީ މިއީ ހައްދުފަހަނައަޅާފައިވާ ޓެރަރިސްޓުން އެގައުމަށް އެތެރެވުން ހުއްޓުވުމުގެ ގޮތުން ފާސްކުރި ގަރާރެއް ކަމަށެވެ. އަދި، އެމެރިކާ އިން އިސްކަންދޭނީ އެގައުމުގެ ދެކެ ލޯބިވާ ފަރާތްތަކަށް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

 

މި ގަރާރުގެ ސަބަބުން، ސީރިޔާ، އިރާގު، އިރާން، ލީބިޔާ، ސޯމާލިޔާ، ސޫދާން އަދި ޔަމަނުން އެމެރިކާއަށް އަންނަ އެއްވެސް މީހަކަށް އެމެރިކާއިން ވިސާއެއް ނުދޭނެ އެވެ. ސީރިޔާއިން ހިޖުރަކުރާ މީހުން އެމެރިކާއަށް އެތެރެވުން މުއްދަތެއް ނެތް ގޮތަށް ހުއްޓުވޭނެ އެވެ. އަދި، މިއަހަރު އެމެރިކާއިން ހިމާޔަތްދޭނީ އެންމެ 50،000 ރެފިއުޖީންނަށް ކަމަށް ވެސް މި ބަޔާނުގައި ބުނެފައި ވެއެވެ. ޓްރަމްޕް ގަރާރުގައި ސޮއިކުރައްވާފައި ވަނީ ޑިފެންސް ސެކެޓްރީގެ މަގާމަށް ގާނޫނު ހަދާ މަޖިލިހުން ރުހުންދިން ޖެނެރަލް ޖޭމްސް މެޓިސް މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ފަހު އެވެ.

 

ހުކުރުދުވަހު އޭބީސީ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ ހިޖުރަކުރާ ބައެއް މީހުންގެ ފަރާތުން އެމެރިކާއަށް އަގު ނުކުރެވޭވަރުގެ ގެއްލުންވަމުންދާ ކަމަށެވެ. ޓްރަމްޕް ވަނީ މި އިންޓަވިއުގައި ސެންބަރނަޑީނޯ އަދި ސެޕްޓެމްބަރ 11ގެ ހާދިސާ ފާހަގަކުރައްވާފަ އެވެ.

 

ސެންބަރނަޑީނޯގެ ހަމަލާ ދީފައިވަނީ އެމެރިކާއަށް އުފަން މެދުއިރުމައްޗަށް ނިސްބަތްވާ މީހެކެވެ. ސެޕްޓެމްބަރ 11ގެ ހަމަލާތައް ދީފައިވަނީ ސައުދީ އަރަބިއްޔާއަށް ނިސްބަތްވާ ބައެއް ކަމަށްވާއިރު، މިގަރާރުގައި ސައުދީ އަރަބިއްޔާ އިސްތިސްނާ ކޮށްފައި ވެއެވެ. އެހެންކަމުން، މިފަދަ ދެ ހާދިސާއެއް ފާހަގަކުރައްވާފައި، ހާދިސާއާ ގުޅުން ނެތް ގައުމުތަކެއްގެ ރައްޔިތުންތަކަށް ފިޔަވަޅު އެޅުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ސިޔާސީ މަޝްރަހު ދިރާސާކުރާ ގިނަ ފަރާތްތަކުން ބުނެފައިވެ އެވެ.

 

- ކޮމެންޓް