ކޮޕާޑެލްރޭގެ ސެމީ ފައިނަލުގައި ޗެމްޕިއަން ބާސެލޯނާ އަދި އެޓްލެޓިކޯ މެޑްރިޑް ބައްދަލުކުރަން ޖެހިއްޖެ އެވެ.
މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތަކަށް ފަހު ސެމީ ފައިނަލްގައި ވާދަކުރާ ހަތަރު ޓީމުގެ މެދުގައި ނެގި ގުރުގައި ބާސާއާ ދެކޮޅަށް އެޓްލެޓިކޯ ނިކުންނައިރު، އަލަވޭސްއާ ދެކޮޅަށް ނިކުންނާނީ ވާދަވެރި ރެއާލް މެޑްރިޑް ކަޓުވާލުމަށް ފަހު ސެމީގެ ޖާގައެއް ހޯދި ސެލްޓަވިގޯ އެވެ.
ބާސާ އަދި އެޓްލެޓިކޯގެ ކުރިމަތިލުމާ ބެހޭ ގޮތުން ބާސާގެ މީޑްފިލްޑަރު ސާޖިއޯ ރޮބޭޓޯ ބުނީ އެޓްލެޓިކޯ އާއި ބާސާ މީގެ ކުރިން އެތައް ފަހަރަކު ވާދަކޮށްފައިވާ ކަމަށާއި، އެޓީމަކީ ކިހާ ފެންވަރެއްގެ ޓީމެއް ކަން ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. އެގޮތުން މެޗު ފަސޭހަ ނުވާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
އެޓްލެޓިކޯ މުބާރާތުގެ ސެމީ އަށް ދަތުރުކުރީ ކުއާޓާގައި 2-5 ގެ ތަފާތު ބޮޑު ނަތީޖާގެ އެގްރިގޭޓްއަކުން އެއިބާ ބަލިކުރުމަށް ފަހުއެވެ. ކޮޕާޑެލްރޭގައި އެޓްލެޓިކޯ މޮޅު ކުޅުމެއް ދައްކައި ސެމީން ޖާގަ ހޯދި ނަމަވެސް އެޓީމަށް އަދި މި ސީޒަނުގައި ސްޕެނިޝް ލީގުގައި މޮޅު ކުޅުމެއް ނުދެއްކެއެވެ.
ކޮޕާޑެލްރޭގައި އެޓްލެޓިކޯ އަދި ބާސާ ބައްދަލުކުރާ ސެމީ ފައިނަލްގެ މެޗު އޮންނާނީ އަންނަ މަހުގެ 2 ވަނަ ދުވަހު އެވެ. ފުރަތަމަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ އެޓްލެޓިކޯ ދަނޑުގައެވެ.
ސެމީގައި ސެލްޓަވިގޯ އަދި އަލަވޭސް ބައްދަލުކުރާ މެޗު އޮންނާނީ އަންނަ މަހުގެ 3 ވަނަ ދުވަހު އެވެ. ފުރަތަމަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ ސެލްޓަވިގޯ ދަނޑުގަ އެވެ.