ކ. މާލެ
|
20 އޯގަސްޓް 2018 | ހޯމަ 02:40
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
ގޫގުލް
ރިޠާސީ އިންތިޚާބު 2018
ކެންޑިޑޭޓުންގެ މަންދޫބުން އައްޔަން ކުރުމަށް އިއުލާންކޮށްފި
އޯގަސްޓް 26 ވަނަ ދުވަހާއި ހަމައަށް ފޯމް ހުށަހެޅޭނެ
ކެންޑިޑޭޓުންގެ މަންދޫބުންނަށް ހުއްދަ ދެވޭނީ ވަކި ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް
އެއްވެސް ފޯމެއްގައި ފުރިހަމަ ކުރަންޖެހޭ މައުލޫމާތެއް ފުރިހަމަ ނުވާނަމަ އެފޯމް ބާތިލު ކުރެވޭނެ

މި އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ މަންދޫބުން އައްޔަން ކުރުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފިއެވެ.

އެ ކޮމިޝަން އާދިއްތަ ދުވަހު ގެޒެޓްގައި ޝާއިއުކޮށްފައިވާ ގޮތުން ރިޔާސީ އިންތިހާބުގެ ވޯޓު ނެގުން އޮންނަ ދުވަހު ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމަށް ވޯޓުލާ، ގުނާ ކޮންމެ މަރުކަޒަކަށް އެއް މަންދޫބަކު އައްޔަން ކުރުމުގެ ފުރުސަތު ރިޔާސީ އިންތިހާބުގެ ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) އިން ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބިދެއެވެ.

އެގޮތުން ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތި ލައްވާ ފަރާތްތަކަށް 2018 އޯގަސްޓް 22 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ން ފެށިގެން 2018 އޯގަސްޓް 26 ވާ އާދީއްތަ ދުވަހުގެ ހަވީރު 16:00 އާއި ހަމަޔަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ރިޔާސީ އިންތިޚާބުގެ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމަށް ކެންޑިޑޭޓުންގެ މަންދޫބުންނަށް ހުއްދަ ދެވޭނީ ވަކި ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ކަމަށް ވެސް އީސީން ބުނެފައިވެއެވެ.

އެ ޝަރުތުތަކަކީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުމާއި ޖިނާޢީ ކުށެއްގައި ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުމާއި ރިޔާސީ އިންތިޚާބާބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހަވާލުވެގެން ހުރި މީހަކު ކަމުގައި ނުވުމުގެ އިތުރުން ފަނޑިޔާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މެންބަރެއް / ވެރިއެއް ކަމުގައިނުވުމެވެ.

މީގެ އިތުރުން ދިވެހި ފުލުހެއް ނުވަތަ ސިފައިންގެ މީހަކު ކަމުގައި ނުވުމާއި ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހަކު ކަމުގައި ނުވުން، ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް ބެލުމަށް ކެންޑިޑޭޓު އައްޔަންކުރާ މަންދޫބުންނަށްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އެކަމަށް ކުރިމަތިލުމަށް އެދި އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު އިއުލާނުގައިވާ މުއްދަތު ހަމަވުމުގެ ކުރިން ހުށަހަޅަން ޖެހޭނީ އިލެކްޝަންސް ކޮމިޝަނަށެވެ. ހުށަހަޅާ ފޯމުގެ އަދަދު ބަޔާންކޮށް އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑޭޓުގެ ސިޓީއެއް ހުށަހަޅަންވާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެއްވެސް ފޯމެއްގައި ފުރިހަމަ ކުރަންޖެހޭ މައުލޫމާތެއް ފުރިހަމަ ނުވާނަމަ އެފޯމް ބާތިލު ކުރެވޭނެ ކަމަށާއި ބާތިލްކުރާ ފޯމު، އިއުލާންގެ މުއްދަތު ހަމަވުމުގެ ކުރިން، ފުރިހަމަ ކުރުމަށްފަހު އަލުން ކޮމިޝަނަށް ހުށަހެޅިދާނެ ކަމަށް ވެސް ގެޒެޓްގައިވެއެވެ.

އިންތިހާބަށް މަންދޫބުންގެ ކާޑު ދޫކުރުމަށްފަހު ކާޑު ގެއްލިގެން ނުވަތަ އެހެން ވެސް ސަބަބަކާ ހުރެ އަލުން ކާޑެއް ހަދައި ދެވޭނީ -/95 ރުފިޔާގެ ޖޫރިމަނާއެއް އެކާޑަކަށް ނެގުމަށްފަހުގައި ކަމަށް އިލެކްޝަނުން ބުނެއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ ރައީސް ޔާމީންގެ އިތުރުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިޙް (ޢިބޫ) އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 47 މިނެޓު ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް