ކ. މާލެ
|
18 އޯގަސްޓް 2018 | ހޮނިހިރު 19:48
ފާރިސްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ފާރިސްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެއެމްވީ
ފާރިސް މައުމޫން
މުޅި އާއިލާ ޖަލަށްލިޔަސް އިސްލާހަށް މަސައްކަތް ކުރުމުގައި ދެމިހުންނާން: ފާރިސް
މިތާނގައި މިހިރީ ހިތަށް ކެތްވެގެނެއް ނޫން
ދިވެހި ރައްޔިތުންގެ ހައްޤުގައި މިކުރާ މަސައްކަތް ނުކޮށްފިނަމަ ބޭރުން ބަޔަކު އެ މަސައްކަތް ކުރަން ނާންނާނެ

ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މުޅި އާއިލާ ޖަލަށްލިޔަސް އިސްލާހީ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށް އެބޭފުޅާ ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު މައުމޫން ރީފޯމް މޫވްމަންޓްގެ ފަރާތުން އެންދެރިމާގޭގައި ބޭއްވި ނޫސްވެރިންގެ ވާހަކަ ދައްކަމުން ހޯމް މިނިސްޓްރީގެ ކުރީގެ އެގްޒެކްޓިވް ކޯޑިނޭޓަރ ތަޒްމީލް ސަމަދު ބުނީ ފާރިސްއާ ދޫނިދޫ އިން ބައްދަލުވި ކަމަށާއި އަދި މުޅި އާއިލާ ޖަލަށްލިޔަސް އިސްލާހީ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށް އެބޭފުޅާ ވިދާޅުވި ކަމަށެވެ.

"އަޅުގަނޑު ކައިރީ އެމަނިކުފާނު ވިދާޅުވި ތަޒްމީލްއޭ ތިމަން މަނިކުފާނު މިއަދު މިތާނގައި މިހިރީ ހިތަށް ކެތްވެގެނެއް ނޫނޭ، ދިވެހި ރައްޔިތުންގެ ހައްޤުގައި މިކުރާ މަސައްކަތް ނުކޮށްފިނަމަ ބޭރުން ބަޔަކު އެ މަސައްކަތް ކުރަން ނާންނާނެ ކަމަށާއި ޖަލުގައި މުޅި އުމުރު ދުވަސް ހޭދަވިޔަސް އަދި މުޅި އާއިލާ ޖަލަށްލިޔަސް އެ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށް" ތަޒްމީލް ބުންޏެވެ.        

ފާރިސް ޖަލުގައި ހުންނަވަތާ އެއް އަހަރާއި އެއްމަސް ދުވަސްވެއްޖެ ކަމަށާއި އެކި ތުހުމަތުގައި އެބޭފުޅާ ހައްޔަރުކޮށްފައިވާ ކަމަށް ނިޝާނާ ބުންޏެވެ. ނިޝާނާ އިތުރަށް ބުނީ ފާރިސްއާ ދެކޮޅަށް ހެކިންގެ ހެކިބަސް ނެގި ދުވަހު ހެކިވެރިޔާ ފާރިސްއާ ދެކޮޅަށް ދޮގު ހަދައިގެން ހެކި ބަސް ދޭން ބޭނުންނުވާކަމަށް ކޯޓުގައި ބުނެފައިވީ ނަމަވެސް މިއަދާ ހަމައަށް އައިރު އެކަން އިތުރަށް ސަރުކާރުން ބަލާފައިނުވާ ކަމަށެވެ.

"މިހާރު މި މައްސަލަ ހުއްޓާލާފައި އަނެއްކާވެސް ރިޝްވަތުދިނޭ ކިޔައިގެން ޓެރަރިޒަމްގެ މައްސަލައެއް އެ ތަހުޤީޤު ކުރަނީ. ޝަރީއަތް އަޑުއަހަން ގޮސް ހިނިވެސް އަދޭ. ހެކިންގެ ހެކިބަސް ސިއްރު ކޮށްގެން އަޅުގަނޑު ހިތަށްއަރާ ކޮންކަމެއްބާއޭ ކުރިއަށް ގެންދަން މި އުޅެނީ. ސިއްރުކޮށްގެން ޝަރީއަތްތައް ގެންދަން އުޅޭނީ ކޮންމެވެސް ނުބައި ކަމެއް އުޅޭތީ ނޫންތޯ" ނިޝާނާ ބުނިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މައުމޫން ޔޫތުވިންގްގެ މެމްބަރު މުހައްމަދު ފައިސަލް ބުނީ ފާރިސް މައުމޫންއަކީ ފަހުގެ ޖީލެއްގައި ދުށް އެންމެ ހިތްވަރުގަދަ ސިޔާސީ ބޭފުޅެއް ކަމަށާއި 13 މަސްދުވަސް ޖަލުގައި ބޭއްވުމުން ވެސް އެމަނިކުފާނު އިސްލާހީ މަސައްކަތަށް ކުރައްވާ މަސައްކަތަށް އެއްވެސް ބަދަލެއް ނާންނަކަމަށެވެ. އަދި އެ މަސައްކަތުގައި އެބޭފުޅާ ހިތްވަރާއެކީ ދެމިހުންނެވި ކަމަށް އޭނާ ބުންޏެވެ.

"13 މަސްދުވަސް ޖަލުގައި ބޭއްވުމުން ވެސް ފާރިސް ކުރައްވާ ސިޔާސީ މަސައްކަތަށް އެއްވެސް ހުއްޓުމެއް ނާދޭ މި ހަޤީޤަތް ދިވެހި އެންމެހާ ރައްޔިތުންނަށް ދަނީ ފެނިގެން. އޭރު ވެސް ކުރެއްވި ކަމަކީ މަޖިލީސް ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ހިތްވަރާއެކީ ކުރެއްވުން" ފައިސަލް ބުނިއެވެ.

ޕީޕީއެމް އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ފާރިސްކަން ފާހަގަކުރައްވާ ފިޝަރީޒް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ ޝަޒައިލް ޝިޔާމް ބުނީ މިހާރު އެޕާޓީ އެހެން ބަޔަކު "ހައިޖެކް ކޮށްގެން އުޅުން" އެމީހުނަކީ ޕާޓީއަށް އިހްލާސްތެރި ބައެއް ނޫން ކަމަށެވެ.

"ޕާޓީ އުފެދިފައި އޮތީ އާންމު މެމްބަރުންނާ ވެސް އެކީގައި އާންމު މެމްބަރުންގެ ބަހަކާ ނުލާ ޕާޓީގެ އަސާސީ ކަންކަން ނިންމަމުން އެދަނީ، އެހެންކަމުން މިއީ އަޅުގަނޑުމެން ބަލައިގަންނާނެ ކަމެއް ވެސް ނޫން. ޕާޓީގެ ރައީސް އަކީ އަދިވެސް މައުމޫން އަބްދުލް ޤައްޔޫމް އެކަން ބަދަލު ކުރެވޭނީ އަބްދުއްރަހީމް ނޫނީ ނިހާނަކަށް ނޫން. ޕާޓީގެ ރައީސްކަމަށް މީހަކު ގެނެވޭނެ ގޮތާއި ވަކި ކުރެވޭނެ ގޮތް ޕާޓީގެ އަސާސީ ޤަވާއިދުގައި އެ އޮތީ ބުނެފައި" ޝަޒައިލް ބުންޏެވެ.

ފާރިސްގެ މައްޗަށް ޓެރަރިޒަމްއާއި ޝަޚްސު އޮޅުވާލުމާއި އަދިވެސް ގިނަ މައްސަލަތަކެއްގައި ދަނީ ދައުވާކުރަމުންނެވެ. ޝަހްސް އޮޅުވާލިކަމަށް ބުނެ އުފުލި ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި، ފާރިސްގެ މައްޗަށް ވަނީ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. ފާރިސް އިސްލާހީ ހަރަކާތަށް ނިކުންނެވި ހިސާބަކީ މިސަރުކާރަކަށް ސިޔާސީ ޕްރެޝަރތައް އެންމެ ބޮޑަށް ކުރިމަތިވާން ފެށި ހިސާބެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް