ކ. މާލެ
|
19 އޯގަސްޓް 2018 | އާދީއްތަ 08:51
އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ
އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ
ގެޓީ އިމޭޖަސް
އާޖެންޓީނާގެ ގައުމީ ޓީމު
މެސީއަށް ބްރޭކެއް ބޭނުންވޭ: މެރަޑޯނާ
މެސީއަކީ އާޖެންޓީނާއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ

އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއަށް ބްރޭކެއް ބޭނުންވާ ކަމަށް އެގައުމުގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މެރަޑޯނާ ބުނެފިއެވެ. 

މެސީގެ ކެޕްޓަންކަމުގެ ދަށުން އާޖެންޓީނާއިން ވާރލްޑް ކަޕާއި ކުރިމަތިލި ނަމަވެސް އެޓީމަށް މާއެދެވޭ ނަތީޖާއެއް އެމުބާރާތުގައި ހޯދިފައެއް ނުވެއެވެ. އެނަތީޖާއާއެކު މެސީ ގައުމީ ޓީމަށް ކުޅުނު ހުއްޓާލާނެ ކަމަށް ބެލެވުނު ނަމަވެސް އޭނާ ގައުމީ ޓީމުން ރިޓަޔާކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި އޭނާ ވަނީ ވަގުތީ ގޮތުން ގައުމީ ޓީމުން ދުރަށް ޖެހިފައެވެ. އެންމެފަހުން އާޖެންޓީނާއިން ނެގި ސްކޮޑްގައި އެކަމުގެ ސަބަބުން އުމުރުން 31 އަހަރުގެ މެސީ ހިމަނާފައެއް ނުވެއެވެ.

1986 ވަނަ އަހަރުގެ ވާރލްޑް ކަޕް އާޖެންޓީނާއަށް ކާމިޔާބުކޮށްދިން މެރަޑޯނާ ބުނީ މެސީއަށް ކުޑަ ވަގުތުކޮޅެއް ދޭން ޖެހޭ ކަމަށާއި އޭނާގެ ކްލަބާއެކު ޔޫރަޕުގެ ފުޓްބޯޅަ ކުޅެން އަހަންމިއްޔަތުކަންދޭން ޖެހޭ ކަމަށެވެ. އެގޮތުން ގައުމީ ޓީމުން އޭނާ ވަގުތީ ގޮތުން ދުރަށް ޖެހެން ޖެހޭ ކަމަށް މެރަޑޯނާ ބުނެފައިވެއެވެ. ހަމައެހެންމެ މެސީ ކުޅޭނަމަ އާޖެންޓީނާ މޮޅުވުމަކީ އޭނާ ކޮންމެ އެކުވެރިކަމުގެ މެޗެއްގައި ކުޅެން ޖެހޭ ސަބަބެއް ނޫން ކަމަށް މެރަޑޯނާ ބުނެފައިވެއެވެ. 

ހޯސޭ ސަމްޕައޯލީ އާޖެންޓީނާގެ ކޯޗުގެ މަގާމު ދޫކޮށްލާފައިވާއިރު މެސީއާ ނުލައި އެޓީމުން އަންނަނީ މުސްތަގުބަލަށް ތައްޔާރުވަމުންނެވެ. އެކަމަށް އެންމެ މުހިންމު އެއް ކަމަކީ ރަނގަޅު ކޯޗެއް ހޯދުން ކަމަށް މެރަޑޯނާ ދެކެއެވެ. މެރަޑޯނާ ގަބޫލުކުރާ ގޮތުގައި އާޖެންޓީނާގެ ގައުމީ ޓީމަށް ދެން ކޯޗުކަން ކޮށްދޭން ޖެހޭނީ ސެޒަރ މެނޯޓީއެވެ. އޭނާ އެންމެފަހުން ކޯޗިން ދާއިރާއިން ފެނިފައިވަނީ މީގެ 10 އަހަރު ކުރިންނެވެ. މެރަޑޯނާ ބުނީ ޑިއޭގޯ ސިމިއޯނޭ އަދި މައުރީސިއޯ ޕޮޗެޓީނޯ އެމަގާމަށް ގެންނަން އުނދަގޫވާނެ ކަމަށެވެ. 

އާޖެންޓީނާއިން ވަނީ ގުއާޓެމާލާ އަދި ކޮލޮމްބިއާ އާއި ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުތަކަށް ސްކޮޑް އެކުލަވާލާފައެވެ. މިވަގުތު އެޓީމަށް ވަގުތީ ގޮތުން އިރުޝާދު ދެމުން އަންނަނީ އެޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމުގައި ހުރި ލިއޮނެލް ސްކަލޯނީއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް