ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސްގެ އެންގޭޖްމަންޓް ޕާޓީ ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޕާޓީގައި ބައިވެރި ވުމަށް މިދިޔަ ހުކުރު ދުވަހު ހެނދުނު ނިކް ވަނީ އޭނާގެ އާއިލާ އާއި އެކު އިންޑިއާއަށް ގޮސްފައެވެ.
ޚަބަރުތައް ބުނާ ގޮތުން ޕާޓީއަށް އަންނަ މެހެމާނުން ތިބުމަށް މުމްބާއީގެ ސުބުރުބަން ހޮޓެލް އިން ވަނީ 200 ކޮޓަރި ބުކް ކޮށްފައެވެ.
މި ޕާޓީގައި ބައިވެރިވާ ބޮލީވުޑްގެ ތަރިންގެ ތެރޭގައި ޕްރިޔަންކާއާއި އެކު "ދިލް ދަޅަކްނެދޯ" ގައި ފެނިގެންދިޔަ ރަންވީރު ސިންގް އާއި ކަރަން ޖޯހަރު ހިމެނެއެވެ. މީގެ އިތުރުން ޕްރިޔަންކާ ޑައިމަންޑް ރިންގް އަޅާފައިވާ ސެލްފީގައި ފެންނަ ރަވީނާ ތަންޑަން ވެސް ގެސްޓް ލިސްގައި ހިމެނެއެވެ.
އަދި ޕްރިޔަންކާގެ ކަޒިން ޕަރިނީޓީ ޗޯޕްރާ ވެސް ވަނީ ޕާޓީގައި ބައިވެރި ވުމަށްޓަކައި އޭނާ މިހާރު ޝޫޓް ކުރަމުންދާ ފިލްމް "ޖަބާރިޔާ ޖޯޑީ" ގެ ޝޫޓިންތައް މެދުކަނޑާލާފައި ކަމަށް ޚަބަރުތައް ބުނެއެވެ.
ޑިޒައިނާ މަނިޝް މަލޯތުރާ އާއި ވީޖޭ ސޯފީ ޗައުދްރީ ވެސް މި ލިސްޓްގައި ހިމެނެއެވެ.
އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ މުކޭޝް އަންބާނީގެ ދަރިފުޅު އާކާޝް އަމްބާނީވެސް މި ޕާޓީގައި ބައިވެރިވެއެވެ. ޕްރިންކާ އާއި ޔަނިކް ވަނީ މިދިޔަ ޖޫން މަހު އިންޑިއާއަށް ކުރި ދަތުރުގައި އާކާޝް އަންބާނީގެ އެންގޭޖްމަންޓް ޕާޓީއަށް ގޮސްފައެވެ.
ޕްރިޔަންކާ ގެ އެންގޭޖްމަންޓް ރިންގް ގެ އަގު 200،000 ޑޮލަރަށް އަރާނެ ކަމަށް ޚަބަރުތައް ބުނެއެވެ.
ޚަބަރުތައް ބުނާ ގޮތުން ނިކް އާއި ޕްރިޔަންކާ އެންގޭޖް ކޮށްފައިވަނީ މިދިޔަ ޖުލައި މަހު ލަންޑަންގައި ޕްރިޔަންކާގެ 36 ވަނަ އުފަންދުވަހު އެވެ.
އަދި ޕްރިޔަންކާ ބޭނުންވަނީ އޭނާގެ އާއިލާގެ އުސޫލުތަކަށް އިހުތިރާމް ކުރުމަށް، އިންޑިއާގައި ކައިވެނި ކުރާ ސަގާފަތާއި އެއްގޮތަށް އިންޑިއާވަންތަ ކައިވެންޏެއް ބާއްވަން ކަމަށް އާއިލާއާއި ގާތް މީހަކާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.
ޕްރިޔަންކާއާއި ޖޯނާސް ތިބީ އެންމެނާ ބައްދަލުވެ ކައިވެނިގެ އުފާ ފާޅުކުރެވޭތީ ވަރަށް އުފަލުން. ހުރިހާކަމެއްވެސް ގެންދަނީ ވަރަށް ސިއްރުން އެކަމަކު މާދަމާއިން ފެށިގެން މެހެމާނުން އަންނަށް ފަށާނެ ކަމަށް ބެލެވޭ. ހުރިހާކަމެއް ވެސް ދަނީ ވަރަށް ބާރަށް އަދި ޕްރިޔަންކާއާއި ނިކް ބޭނުމެއްނުވޭ އެންގޭޖުވެ ގިނަ ދުވަހު ތިބޭކަށް" އާއިލާ ގެ ގާތް މީހަކާ ހަވާލާދީ އީ އޮންލައިންގައި ބުނެފައި ވެއެވެ.
އުމުރުން 36 އަހަރުގެ ޕްރިޔަންކާއާއި ނިކް، 25ފުރަތަމަ ފަހަރަށް އެއްކޮށް ފެނިފައިވަނީ 2017 ވަނަ އަހަރު މެޓް ގާލާ އިންނެވެ.