މި ސީޒަނަކީ ޓޮޓެންހަމްއަށް އެންމެ އުނދަގޫ ވެގެންދާނެ ސީޒަން ކަމަށް އެޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.
ޓޮޓެންހަމްއަށް މުބާރާތެއްގެ ޗެމްޕިއަންކަން ލިބިފައިވަނީ މީގެ 10 އަހަރު ކުރިން ކަމަށްވާއިރު ފާއިތުވެދިޔަ ތިން ސީޒަންގައި ވެސް އެޓީމުގެ އިނގިރޭސި ޕްރިމިއާ ލީގު ނިންމާލާފައިވަނީ ގަދަ ތިނެއްގައި ހިމެނިގެންނެވެ. ޕްރިމިއާ ލީގުގައި ކުޅޭ އެހެން ޓީމުތަކުން ގިނަ އަދަދެއްގެ ކުޅުންތެރިން ސްކޮޑް ވަރުގަދަ ކުރުމަށް ގެނައި ނަމަވެސް ޓޮޓެންހަމްއަށް އައު އެއްވެސް ކުޅުންތެރިޔަކު ގެނެސްފައެއް ނުވެއެވެ.
ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޕޮޗެޓީނޯ ބުނީ މިއީ އެޓީމަށް އެންމެ އުނދަގޫވެގެންދާނެ ސީޒަން ކަމަށާއި މުބާރާތެއް ކާމިޔާބުކުރަން ބޭނުންވާނަމަ އެންމެ މަތީ ފަންތީގައި ހުރިހާ ކުޅުންތެރިން ވެސް ކުޅެން ޖެހޭ ކަމަށެވެ. ހުރިހާ ކުޅުންތެރިން ވެސް 200 އިންސައްތަ ދޭން ޖެހޭ ކަމަށާއި އެކަން ހުރިހާ ކުޅުންތެރިން ވެސް ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
ޓޮޓެންހަމާއެކު ހަދާފައިވާ އެއްބަސްވުން މިދިޔަ މޭ މަހުގެ ތެރޭގައި ޕޮޗެޓީނޯ އައުކޮށްފައިވާއިރު އޭނާއަށް މި ސީޒަނުގައި އޮތް އެންމެ ބޮޑު ޗެލެންޖަކީ އެޓީމަށް މުބާރާތެއް ކާމިޔާބުކޮށްދިނުމެވެ.
ޓޮޓެންހަމްގެ އައު ސްޓޭޑިއަމްއަށް އެޓީމު ސީޒަން ފެށުމުގެ ކުރިން ބަދަލުވާން އޮތް ނަމަވެސް ސީޒަން ފެށިިއިރު ވެސް ސްޓޭޑިއަމްގެ ހުރިހާ ކަމެއް ނިމިފައިނުވުމާއެކު އަދިވެސް މެޗުތައް ކުޅެމުން އަންނަނީ ވައިޓް ހަރޓް ލޭންގައެވެ.
މި ސީޒަނުގެ ފުރަތަމަ މެޗުގައި ޓޮޓެންހަމްއިން ވަނީ 2-1 އިން ނިއުކާސަލް ބަލިކޮށްފައެވެ.