ކ. މާލެ
|
13 އޯގަސްޓް 2018 | ހޯމަ 00:56
މެންބަރު ހުސައިން ޝަހުދީ ޖަލްސާގައި ވާހަކަ ދައްކަވަނީ
މެންބަރު ހުސައިން ޝަހުދީ ޖަލްސާގައި ވާހަކަ ދައްކަވަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިޚާބް 2018
ހދ. އަތޮޅު ރައްޔިތުން އެދެނީ ވަޒީފާގެ ފުރުސަތުތައް ފަހިވެގެން ދިޔުމަށް: ޝަހުދީ
ހދ އަތޮޅަށް ނިސްބަތްވާ މީހުންގެ ތެރެއިން ގިނަ ރައްޔިތުން ވަޒީފާ އަދާކުރަމުންދަނީ ރަށުން ބޭރުގައި
ރަށުގައި ތިބެގެން ނުވަތަ ރަށް ކައިރިން ވަޒީފާ އަދާ ކުރުމުގެ ފުރުސަތެއް ނެތް
ހދ އަތޮޅު ރައްޔިތުންގެ އެންމެ ބޮޑު އާދޭހަކީ ކޯލިޝަން ސަރުކާރެއްގައި އެކަމަށް ހައްލެއް ހޯދައިދިނުން

ހދ. އަތޮޅު ރައްޔިތުން އެދުމަކީ ރަށުގައި ތިބެގެން ވަޒީފާ އަދާ ކުރުމުގެ ފުރުސަތު ފަހިވެގެން ދިޔުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ ވިދާޅުވެއްޖެއެވެ.

ހދ. އަތޮޅަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި އެ އަތޮޅު މަކުނުދޫގައި އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަހުދީ ވިދާޅުވީ ހދ އަތޮޅަށް ނިސްބަތްވާ މީހުންގެ ތެރެއިން ގިނަ ރައްޔިތުން ވަޒީފާ އަދާކުރަމުންދަނީ ރަށުން ބޭރުގައި ކަމަށާއި އެމީހުންގެ އަނބިންނާއި ދަރިން ދިރިއުޅެމުން ގެންދަނީ ރަށުގައި ކަމަށެވެ. އަދި ރަށުގައި ތިބެގެން ނުވަތަ ރަށް ކައިރިން ވަޒީފާ އަދާ ކުރުމުގެ ފުރުސަތެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

15 އަހަރު 20 އަހަރު ރަށުން ބޭރުގައި ވަޒީފާ އަދާ ކުރަމުންދާ ރައްޔިތުން ބޭނުންވަނީ އަތޮޅުގައި ތިބެގެން އަނބިދަރިން ކައިރީގައި ތިބެގެން ވަޒީފާ އަދާ ކުރެވޭނެ ދުވަހެއް ދެކެން ކަމަށް ޝަހުދީ ވިދާޅުވިއެވެ.  

ކުޅުއްދުފުށި ރީޖަނަލް ހޮސްޕިޓަލްގެ ސަބަބުން ވަރަށް ބޮޑަށް ލުއި ފަސޭހަތަކެއް ވެގެންދާނެ ކަމަށް ހދ. އަތޮޅުގެ ގިނަ ރައްޔިތުންތަކެއް ހީކުރި ނަމަވެސް އެކަން ބިލާހަކަށް ވެގެން ގޮސްފައިވާކަން ފާހަގަކުރައްވާ ޝަހުދީ ވިދާޅުވީ ހޮސްޕިޓަލް ކުރީގައި އޮތް ހާލަތަށް ވެއްޓި އިތުރު ކުރިއެރުމެއް ނުލިބިވާ ކަމަށެވެ.

ޤައުމު އެންމެ އަމާން އައްސޭރިއަކަށް ގެންދެވޭނީ އިބޫއަށް ކަމަށާއި ހދ އަތޮޅު ރައްޔިތުންގެ އެންމެ ބޮޑު އާދޭހަކީ ކޯލިޝަން ސަރުކާރެއްގައި އެކަމަށް ހައްލެއް ހޯދައިދިނުން ކަމަށް ޝަހުދީ ވިދާޅުވިއެވެ.

"އެހެންކަމުން އަޅުގަނޑުމެން ހދ އަތޮޅު ރައްޔިތުންގެ އެންމެ ބޮޑު އާދޭހަކީ ކޯލިޝަން ސަރުކާރުން މިކަމަށް ހައްލެއް ހޯއްދަވައި ދެއްވުން. އެހެން އަތޮޅުގެ ރައްޔިތުން އަނބިދަރިން ކައިރީގައި ތިބެގެން ވަޒީފާ އަދާކުރާ ބީދައީން ހދ އަތޮޅުގެ ރައްޔިތުންނަށް ވެސް އެކަން ފަހިވެގެން ދިޔުން. އަޅުގަނޑުމެންނަށް ބައެއް ފަހަރު އަޑު އިވޭ އެކަން ނުވެ ވަނީ ހދ އަތޮޅުގައި ދަތުރުފަތުރުގެ އުނދަގޫ ކަމަށްކަން ބުނާ އަޑު، އެހެންނަމަވެސް އެއީ އެއްވެސް އަސާސެއް އޮތް ސަބަބެއް ކަމަށް އަޅުގަނޑުމެން ރައްޔިތުން ޤަބޫލެއް ނުކުރޭ" ޝަހުދީ ވިދާޅުވިއެވެ.

ޝަހުދީގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ އިބޫ އަކީ ރާއްޖޭގައި ރައީސް ކަމަށް އެންމެ ޤާބިލް ކެންޑިޑޭޓް ކަމަށާއި އެކަމަށް އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނާއެކީ ހަރަކާތްތެރިވަނީ ވަރަށް ޤާބިލް ޓީމެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް