ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ރޮނާލްޑޯ ލުއިޒް ނަޒާރިއޯ ޑެ ލީމާއަށް ސްޕެއިންގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
އޭނާއަށް ސްޕެއިންގެ އިބީޒާގައި ހުންނަ ޗާން މިސެސް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދޭން ފަށާފައިވަނީ އޭނާއަށް ނިއުމޯނިއާ ޖެހި ހާލަތު ގޯސްވުމާއި ގުޅިގެންނެވެ. އިބީޒާގެ ނޫހެއްގައި ބުނެެފައިވަނީ އޭނާއަށް އައިސީޔޫގައި ފަރުވާދެމުންދާ ކަމަށާއި އަދި އޭނާގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް ހޮސްޕިޓަލުން ވަނީ އިތުރު އެއްވެސް މައުލޫމާތެއް ދިނުމަށް ދެކޮޅު ހަދާފައެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯއަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިޔަކަށްވާއިރު އިބީޒާގައި އޭނާގެ ގެއެއް ހުރެއެވެ. އަދި އޭނާއަކީ އިބީޒާއަށް ގަވާއިދުން ދާ މީހެކެވެ.
2012 ވަނަ އަހަރު ވެސް ޑެންގޫ ހުން ޖެހުމާއި ގުޅިގެން ރޮނާލްޑޯ ހޮސްޕިޓަލުގައި އެދުމަތި ކުރެވުނެވެ.
ރޮނާލްޑޯ ފުޓްބޯޅަ ކުޅުން ހުއްޓާލާފައިވަނީ 2011 ވަނަ އަހަރުއެވެ. އޭނާ ވަނީ އޭނާގެ ކެރިއަރުގައި ސްޕެއިންގެ އެންމެ ވަރުގަދަ ދެ ޓީމު ކަމަށްވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑް އަދި އިޓަލީގެ އެންމެ ވަރުގަދަ ދެ ޓީމު ކަމަށްވާ އިންޓަ މިލާން އަދި އޭސީ މިލާނަށް ކުޅެފައެވެ. އޭނާއަކީ 2002 ވަނަ އަހަރު ބްރެޒިލްގެ ގައުމީ ޓީމުން ވާރލްޑް ކަޕް ކާމިޔާބުކުރިއިރު މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔެކެވެ. ރޮނާލްޑޯ ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ތިން ފަހަރު ހޯދާފައެވެ.