ކޮޕާޑެލްރޭގައި ސެލްޓަވިގޯ އަތުން 2-2 ގެ ނަތީޖާއިން އެއްވަރުވި މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމަށް ތައުރީފްކުރާ ކަމަށާއި، އިތުރަށް ވަގުތު ލިބުނު ނަމަ ނަތީޖާ ތަފާތުވާނެ ކަމަށް ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.
މެޗަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ޒިދާން ބުނީ މެޗުގައި ރެއާލްގެ ފަރާތުން ފެނިގެންދިޔައީ ރަނގަޅު ކުޅުމެއް ކަމަށާއި، އެންމެފަހުވަގުތާ ޖެހެންދެން ވެސް މޮޅުވާން މަސައްކަތްކުރި ކަމަށެވެ.
އެހެން ނަމަވެސް ޒިދާން ބުނީ މެޗުން އެއްވަރުވެ، އެގްރިގޭޓް ނަތީޖާއިން ސެމީން ފުރުސަތު ނުލިބި މުބާރާތުން ކެޓުމުން އެކަމާ ހިތްހަމަނުޖެހޭ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ އިތުރަށް ވަގުތު ލިބުނު ނަމަ ނަތީޖާ ތަފާތުވާނެ ކަމަށާއި، އެހެންނަމަވެސް އެއީ ވާނެ ކަމެއް ނޫން ކަމަށެވެ.
ނަތީޖާ ގަބޫލުކުރަން ޖެހޭ ކަމަށް ފާހަގަކުރަމުން ޒިދާން ބުނީ ދެން ހުރިހާ ފޯކަސްއެއް ވެސް ބަހައްޓަންވީ ލީގު ތަށްޓަށް ކަމަށާއި، އެގޮތުން ރަނގަޅަށް ރެސްޓްކުރުމަށް ފަހު އާދީއްތަ ދުވަހު އޮންނަ ލީގު މެޗަށް ތައްޔާރުވާން ޖެހޭ ކަމަށެވެ.
ރެއާލް މިހާރު ހޯދަމުން އަންނަ ނަތީޖާތަކުގެ ޒިންމާ ނަގާ ކަމަށާއި، ކުރިޔަށް އޮތް މެޗުތަކުގައި އަދި މުބާރާތްތަކުގައި ޓީމު ލައްވާ ރަނގަޅު ނަތީޖާތަކެއް ނެރުވަން މަސައްކަތްކުރާނެ ކަމަށް ވެސް ޒިދާން ވަނީ ބުނެފައެވެ.