ކ. މާލެ
|
26 ޖެނުއަރީ 2017 | ބުރާސްފަތި 17:00
ރައީސް އަބްދުﷲ ޔާމީން ށ. މަގޫދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސް އަބްދުﷲ ޔާމީން ށ. މަގޫދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރާއްޖެއެމްވީ
ރައީސް ޔާމީން
އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން
ސަރުކާރުން މަޝްވަރާކުރަން ވެސް ބޭނުމެއް ނުވޭ
އިދިކޮޅު ފަރަތާތްކަށް ހިންދެމިލާނެ އެއްވެސް ފުރުސަތެއް ނުދޭ

ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ވެސް ރައީސް އަބްދުﷲ ޔާމީނާ މެދު އާންމުން ދެކެނީ ވަރަށް ހައިބަތު ބޮޑު ބޭފުޅެއްގެ ގޮތުގައެވެ. ގިނަ ބަޔަކު އެމަނިކުފާނު އޭރު ވެސް ސިފަކުރަނީ ވަރަށް ގޮތުގައި ހުންނަވާ ބޭފުޅެއްގެ ގޮތުގައެވެ. އެމަނިކުފާނު ވެރިކަންކުރައްވާނެ ގޮތުގެ ތަސައްވުރެއް އޭރު ވެސް ދިވެހިންގެ އޮތެވެ. ކަންތައްތައް ވަމުންދަނީ ވެސް އެފަދައިންނެވެ. ޚުދު އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން އެމަނިކުފާނު ޕްރޮމޯޓްކުރައްވާ ސްލޯގަނުން ވެސް އެކަން އެނގެއެވެ. "ގަޓު ރައީސް" ގެ ލަގަބެވެ.

ރައީސް ޔާމީނުގެ ސަޕޯޓަރުން ބުނާ ގޮތުން އެ މަނިކުފާނަކީ ބޮލަކަށް ކަނދުރާއަކަށް ބައްލަވާނެ ބޭފުޅެއް ނޫނެވެ. އެކަމަށް ދައްކާ މިސާލުތައް ގިނައެވެ. އެންމެ އަރިސް ބޭފުޅުންނާ މެދު ކަންކުރި ގޮތް އެއީ ވަރަށް ރަނގަޅު މިސާލެކެވެ. ކެމްޕެއިނުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެމަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލަށް ހެއްދެވި ގޮތުގެ ވާހަކަ އަލުން ބަލުން ފަށައިގެން ނުދެއްކިޔަސް ކޮންމެ ދިވެއްސަކަށް ވެސް އެކަން އެނގެއެވެ.  ވެރިކަމުގެ ކުރީކޮޅު ސަރުކާރު ދިފާއު ކުރެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ފުރަތަމަ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމާއި ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމަށް ވެގެން ދިޔަ ގޮތް ވެސް އެއީ މިސާލެކެވެ.

މީގެ އެތައް ޒަމާނެއް ފަހުން ވެސް ރައީސް ޔާމީނުގެ ވެރިކަމުގެ ވާހަކަ ދައްކާ ނަމަ އެންމެ ބޮޑު ދެއްކޭނެ އަނެއް ވާހަކައަކީ މުޅި ސަރުކާރުގެ އިންޖީނުގެ ގޮތުގައި ބެލެވުނު އަދި ރައީސް ޔާމީނުގެ އެންމެ ގާތް ބޭފުޅެއްގެ ގޮތުގައި ސަރުކާރަށް ފައިސާ ޖެނެރޭޓްކޮށްދެއްވި ޓޫރިޒަމް މިނިސްޓަރު އަދި ފަހުން ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހްމަދު އަދީބާމެދު ކަންތައް ކުރި ގޮތެވެ. ގައްދާރަކަށް ހަދައި އުމުރު ދުވަހު ވެސް ސަލާމަތް ނުވާވަރުގެ ބޮޑެތި ހުކުމްތައް އަދީބުގެ މައްޗަށް އިއްވި ގޮތަކީ ޖީލުތަކަށް ދެމިގެންދާނެ ވާހަކަތަކެވެ.

ހުރިހާ ސިއްރުތަކެއް ހިފެހެއްޓެވި އެންމެ އަރިސް މިތުރު ކަމަށްވާ ދިއްގަރު ދާއިރާގެ ކުރީގެ މެންބްރު އަހްމަދު ނާޒިމްގެ މައްޗަށް ކޮރަޕްޝަންގެ މައްސަލަ ދަށު ކޯޓުތަކުގައި ސާބިތު ނުވެ ވަނިކޮށް ކުއްލިއަކަށް ސުޕްރީމް ކޯޓުން އެފުށް މިފުށަށް ޖަހާލައި ނާޒިމުގެ މައްޗަށް ދިގު މުއްދަތެއްގެ ހުކުމެއް އިއްވި ގޮތަކީ ފަހުގެ ޒަމާންތަކުގައި ޝަރުއީ ދާއިރާގެ ވާހަކަ ދައްކާ އިރު ނަގާނެ މިސާލުތައްކަން ޔަގީނެވެ.

ވެރިކަމަށް ކުރިމަތިލައްވަފާނެހެން ހީވާ ކޮންމެ ފަރާތަކަށް ވެގެން ދިޔަ ގޮތާއި ވަމުންދާ ގޮތާއި އިދިކޮޅު ހުރިހާ ލީޑަރުންނާ މެދު ކަންވީ ގޮތް އެއީ އިބުރަތެކެވެ. އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލީޑަރު އަދި 2018 ގައި ވެސް އެންމެ ވާދާވެރިއަކަށް ވާނެ ކަމަށް ބެލެވުނު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރި ގޮތާއި އަދި އެފަދަ އެހެން ދައުވާތައް އުފެލެމުންދާ ގޮތަކީ ވެސް ދިވެހިންގެ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭ ތާރީހީ ފޮތްތަކުގައި ލިޔެވި ބިންވަޅު ނެގޭނެ ވާހަކަތަކެވެ. އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާނާއި އެމްޑީޕީގެ ޗެއާޕާސަންކަން ކުރިން ކުރެއްވި އަލީ ވަހީދާއި އެ ނޫން ވެސް އިދިކޮޅު ފަރާތްތަކާ މެދު ކަންކުރެއްވި ގޮތަކީ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ރައީސް ޔާމީނާ މެދު އާންމުން ދެކެމުން އައީ ރަނގަޅަށްކަން ސާބިތުވާ ކަންކަމެކެވެ.

ރައީސް ޔާމީނު ވެރިކަން ކުރައްވަމުން ގެންދަވަނީ ގާނޫނުން ކަށަވަރުކޮށްދީފައިވާ ހައްގުތައް އޮބި އަޅައި ހިފަހައްޓައިގެންނެވެ. ހިންދެމެލާނެ ކުޑަ ވެސް ފުރުސަތެއް މި ސަރުކާރަކުން ނުދެއެވެ. ކިރިޔާ ވެސް ފިޔަވަޅެއް ކުރިއަށް އަޅާހެން ހީވިޔަސް އެކަން ހުއްޓުވުމަށް ގާނޫނެއް ހަދަނީއެވެ. ނޫނީ އެ ފިޔަވަޅެއް ގާނޫނުގެ ތެރެއަށް ފައްތައި ހުއްޓުވަނީއެވެ. މުޒާހަރާކޮށްލެވޭނެ ގޮތެއް ނެތެވެ. ޖަލްސާއެއް ބޭއްވޭނެ ގޮތެއް ނެތެވެ. ފުރިހަމަ ގޮތެއްގައި ކެމްޕޭނެއް ހިންގާނެ ފުރުސަތެއް ނުދެއެވެ. އަޑު އުފުލާނެ އެއްވެސް މަގެއް ނެތެވެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގައި ތަޅު އަޅުވައިފިއެވެ. މީޑިއާ މެދުވެރިކޮށް ވެސް ބަހެއް ބުނެވޭކަށް ނެތެވެ. އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ހަދާފައިވާ ގާނޫނުން އެކަން ވެސް ހުއްޓުވީއެވެ.

ހަމައެކަނި އިދިކޮޅު ފަރާތްތަކެއް ނޫނެވެ. ވެރިކަމަށް ގެނައުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވި އަމިއްލަ ބޭބޭފުޅު ރައީސް މައުމޫނުގެ ހިޔާލު ތަފާތުވުމުން އެމަނިކުފާނުގެ އަތުން ވެސް ޕާޓީ ޖަހައިގަތީއެވެ. އަދި އާންމު މެންބަރުންނާ ބައްދަލުކޮށްލޭނެ ފުރުސަތެއް ވެސް ނުދީ އެމަނިކުފާނުގެ ދަރިން ކޮޅު ވެސް ގެންގޮސް އާއިލާ "ބައިބައިކުރީ"އެވެ.

އިދިކޮޅު ފަރާތްތައް ތަޅު އެޅުވުމަށް ފަހު ސަރުކާރުން 2018 އަށް ހަބޭހަށް ކެމްޕޭނުކުރަނީއެވެ. ސަރުކާރަށް އެއްވެސް ބިރެއް ނެތެވެ. ބައިނަލްއަގުވާމީ ޕްރެޝަރެއް ވެސް ނެތެވެ. ކޮމަންވެލްތުން ވަކިވުމުން ވެސް ބަހެއް ބުނާނެ ބަޔަކު ނުވިއެވެ. ފާޅުގައި ބޮޑެތި ކޮރަޕްޝަން ހިންގަނީއެވެ. ވޯލްޑް ބޭންކާއި އެހެން އިދާރާތަކުން ކޮންމެ އެއްޗެކޭ ކިޔަސް ދަރަނިތައް ނަގައި ގައުމަށް ނުކުޅަދާނެ މަޝްރޫޢުތައް ވެސް ހިންގަނީއެވެ. އަވަށްޓެރިންގެ މަސްލަހަތަށް ވެސް ބެލުމެއް ނެތި "ހަކުރުދެންޏާ ބޮޑުބޭބެ" އުސޫލުން ފައިސާ ދޭ ބަޔަކަށް ބިންތައް ވިއްކަނީ ފާޅުގައެވެ.

ރޯމާ ދުވާލު މިހުރިހާ ކަމެއް އެންމެންގެ ކުރިމަތީގައި ސަރުކާރުން ކުރަމުން ދަނީ އިދިކޮޅު ފަރާތްތަކަށް ގޮންޖަހަމުންނެވެ. ސަރުކާރު ތަމްސީލުކުރައްވާ ވެރިން ފާޅުގައި އިންޒާރުތައް ދެއްވަމުންނެވެ. މަޝްވަރާއެއް ވެސް ނުކުރާނެ ކަމަށް ބުނަމުންނެވެ. މަޝްވަރާކުރަންޖެހޭ ހާލަތެއް އޮތް ކަމަކަށް ވެސް ގަބޫލެއް ނުކުރެއެވެ. މިފަދަ ކަންކަމަކީ ގަޓް ހުރުމެއް ނޫނެވެ. ގަޓް ހުރުމަކީ ގާނޫނުގެ ތެރެއިން ކަންކަން ކުރަން ކެރުމުގެ ކުޅަދާނަކަން ހުރެ، ވަކި މީހަކަށް، މޫނަކަށް ކަނދުރާއަކަށް ބެލުމެއް ނެތި ގާނޫނު ތަންފީޒު ކުރުމެވެ. 

ތިމާގެ ވާދަވެރިން ގާނޫނާ ހިލާފަށް، ޖިނާއީ އިޖުރާތްތަކާ ހިލާފަށް ހުކުމްކުރުމަކީ ގަޓްހުރުމެއް ނޫނެވެ. ފިނޑި އަމަލެކެވެ. ދައުލަތުގެ ވަތްގަނޑު ދަވާލައިގެން ގޮސް، އެކަމުން މަންފާލިބުމުގައި ތިމާ ވެސް ބައިވެރިވާކަމަށް ތުހްމަތުކުރެވޭއިރު، އެ ތަހްގީގު ހުއްޓާލާފައި ބޭއްވުމަކީ ގަޓް ހުރުމެއް ނޫނެވެ. ގަޓް ހުރުމަކީ އަމިއްލަ ވިކްރާ އާއި ހިސާބު ރައްޔިތުންނަށް ހާމަކުރުމެވެ. ގަޓް ހުރުމަކީ ބަހާއި އަމަލާ އެއްގޮތަށް އަމަލުވެސް ކުރުމެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް