ކ. މާލެ
|
10 އޯގަސްޓް 2018 | ހުކުރު 19:26
ރާއްޖެޓީވީގެ އަބުރުފުޅު ފަންޑް ހުޅުއްވުމުގެ ތެރެއިން
ރާއްޖެޓީވީގެ އަބުރުފުޅު ފަންޑް ހުޅުއްވުމުގެ ތެރެއިން
މުހައްމަދު ޝަރުހާން
ރާއްޖެޓީވީ އަބުރުފުޅު ފަންޑު
އަޅުގަނޑުމެންގެ ވެރިކަމެއްގައި ޤާނޫނާއި ހިލާފަށް ހެދިފައި ހުރި ހުރިހާ ޤާނޫނުތައް ބަދަލު ކުރާނަން: އިންތި
ޤާނޫނު އަސާސީއާ ހިލާފަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ކޮންމެ ޤާނޫނަކީ ބާތިލް އެއްޗެއް
ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން ކުރި ޖޫރިމަނާއަކީ ދައުލަތުން ރާވައިގެން ހިންގި ބޮޑު ޖަރީމާއެއް

ޤާނޫނު އަސާސީއާ ހިލާފަށް މަޖިލީސް ތެރެއިން ހެދިފައި ހުރި ހުރިހާ ޤާނޫނެއް އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ބަދަލު ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ސްޕޯކްސްޕާރސަން އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "އަބުރުފުޅު ފަންޑް" ހުޅުއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްވި އިންޓަވިއުއެއްގައި އިންތި ވިދާޅުވީ ޤާނޫނު އަސާސީއާ ހިލާފަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ކޮންމެ ޤާނޫނަކީ ބާތިލް އެއްޗެއް ކަމަށާއި ނޫސްވެރިކަމުގެ ހައްޤުތައް ހަނި ކުރުމަށް ހެދިފައި ހުރި ޤާނޫނުތަކާއި އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅޭ ޤާނޫނުތައް އެބޭފުޅުންގެ ވެރިކަމެއްގައި ބަދަލު ކުރާނެ ކަމަށެވެ.

އިންތި ވިދާޅުވީ ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން ކުރި ޖޫރިމަނާއަކީ ދައުލަތުން ރާވައިގެން ހިންގި ބޮޑު ޖަރީމާއެއް ކަމަށެވެ.

"އަނެއްކާ ރާއްޖެޓީވީ ޖޫރިމަނާ ކުރި ކުރުމަކީ މިއީ ބޮޑުވެގެންވާ ޖަރީމާއެއް ދައުލަތުން ރާވާ އިންތިޒާމްވެގެން ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ނައްތާލުމަށްޓަކައި ކުރާ ކަމެއް، ރާއްޖެޓީވީ އަންދާ އަޅިއަށް ހަދާލުމުން ވެސް ތެދެވެ ނިކުމެ ކުރާ ހިތްވަރަށް އައްސަރި ބަހާ ސާބަސްދެން" އިންތި ވިދާޅުވިއެވެ.

ހުރިހާ ހަމަތަކާއި އުސޫލުތަކާއި ހިލާފަށް ސަރުކާރުން ރާއްޖެޓީވީއަށް ދެމުންދާ އަދަބަކީ މިނިވަންކަމާއެކު ނޫސްވެރިކަން ކުރުން ނައްތާލުމަށްޓަކައި ކުރާ މަސައްކަތެއްގެ ކަމަށް އިންތި ވަނީ ތުހުމަތު ކުރައްވާފައެވެ.

އިންތި ވަނީ ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.  

"ބްރޯޑްކޮމްގެ މެމްބަރުންނަކީ ޕީޕީއެމް ޖަގަހަތަކުގައި ދިދަ ފަހަން ތިބި ކުދިން. ނޫސްވެރިންގެ މިނިވަންކަން އެނގޭ އެކަކު ވެސް ނެތް، ހަމަ ޖާހިލުން އިނގޭތޯ މި ދަރަޖައިގެ ބޭފުޅުން މި ތިއްބަވަނީ. އެއްބޭފުޅަކު ހުންނެވިއެއް ނޫންތޯ ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ގޮނޑި އެތުރުމުގެ މަސައްކަތުގައި. ދެން ނިކަން މިނިވަން މީޑިއާތަކާއި މެދު ކަންތައް ކުރައްވާނެ ގޮތް ވިސްނަވާ. ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކުގައި ގޮނޑި އެތުރުމުގެ ދަރަޖައަށް ގޮސް ތިބޭ މީހުން ގޮތް ކުޑަކަން ބައްލަވާ، ހަޔާތް ކުޑަކަން ނުލަފާކަން ޖައްބާރުކަން ޖާހިލުކަން ނިކަން ބައްލަވާ" އިންތި ވިދާޅުވިއެވެ.

ކިތަންމެ ހުރަސްތަކެއް ކުރިމަތި ކުރުވި ނަމަވެސް، ރާއްޖެޓީވީ ފަހަތަށް ނުޖެއްސޭނެ ކަމަށާއި، ނޫސްވެރިކަމަށް ދެވޭ ކޮންމެ ހަމަލާ އަކީ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލުމަށް ދެވޭ ހަމަލާއެއް ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވަނީ ފަންޑު ފޮށި ހުޅުއްވައިދެއްވަމުން ވިދާޅުވެފައެވެ.     

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް